ތިމާ މަރުވުމުން އެހެން މީހުން އުފާކުރާނެ މީހަކަށްވުމަކީ ލިބޭނެ އެންމެ ބޮޑުއަނިޔާ: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 8ސ
ތިމާ މަރުވުމުން އެހެން މީހުން އުފާކުރާނެ މީހަކަށްވުމަކީ ލިބޭނެ އެންމެ ބޮޑުއަނިޔާ: މުފްތީ މެންކް
އަހަރެމެންގެ ތެރެއިން ބައެއް މީހުންނަކީ އެމީހަކު މަރުވެއްޖެނަމަ އެހެން މީހުން އުފާކުރާނެ މީހެކެވެ. މިސާލަކަށް މިވެނި މީހަކު މަރުވެއްޖެ ކަމުގެ ޚަބަރު ލިބިއްޖެނަމަ ހިތަށް އުފާވެރިކަން ލިބި "ހަމަ އެމީހާ މަރުވީތަ؟ އިންނާލި ﷲ ވައިންނާ އިލައިހި ރާޖިޢޫން" އެވެ ބުނާ ޙާލަތު އެބަ އާދެއެވެ.

މިހެން މިވަނީ ކީއްވެގެންހެއްޔެވެ؟ ރަނގަޅަށް ވިސްނައިލާށެވެ. މި ގޮތް ދިމާވަނީ އެމީހެއްގެ އަމަލުތައް ބަހައްޓަމުން އައި ގޮތުންނެވެ. އެހެން މީހުންނާއި ގުޅުން ބަދަހި ނުކުރާތަނުގައި އެމީހެއްގެ ސަބަބުން އެހެން މީހުންނަށް ދުއްތުރާތަކެއް ކުރިމަތިވަމުން އައިސްފައިވާތީއެވެ. އެމީހާގެ ކިބައިން ސަލާމަތްވުމަށް އެދިއެދި ތިބީތީއެވެ.

މިއީ މިފަދަ ރަމަޟާން މަހެއްގައި ހަމަ ކޮންމެ މީހަކު ނަމަވެސް ވިސްނައިލުން މުހިންމު ކަމެކެވެ. މިފަދަ ޙާލަތުން ސަލާމަތްވުމަށްޓަކައި މަސައްކަތްކުރަންޖެހިފައި ތިބި މީހުން އަވަހަށް އެ މަސައްކަތް ކުރަން ފެށުމަށް ނަޞޭޙަތްތެރިވަމެވެ.

ތިމާގެ ދަތްތައް ތިމާގެ ދަރިންނަށް ދުވަހަކުވެސް ނުދައްކާ މީހުން ހަމަ މުސްލިމުންގެ ތޭރޭގައި އެބައުޅެއެވެ. މިތަނުގައި ދަތްތައް ނުދައްކައޭ މިބުނަނީ ހިނިތުންވެ ނުލާ މީހުންނަށެވެ. އެފަދަ މީހުން އެހެން މީހުންނާއިމެދު މުޢާމަލާތުކޮށްފައިވާނެ ގޮތް ނިކަން ވިސްނައިލަބަލާށެވެ. ތިމާއަކީ އެފަދަ މީހެއް ކަމުގައިވާނަމަ ތިމާ މަރުވެއްޖެނަމަ އެހެން މީހުން އެކަމާއިމެދު ދެކޭނެ ގޮތާއިމެދު އަމިއްލައަށް ވިސްނައިލާށެވެ.

ނިކަން ވިސްނައިލަބަލާށެވެ! މީހަކު މަރުވުމުން އެމީހެއްގެ ކަށު ނަމާދުގައި 40 މީހުން ނުވަތަ އެއަށްވުރެ ގިނަ ބައަކު އެމީހެއްގެ ކަށުނަމާދުގައި އެމީހެއްގެ މައްޗަށް އިޚްލާޞްތެރިކަމާއިއެކު ހެޔޮ ދުޢާކޮށްފި ނަމަ އެމީހާގެ ފާފަތައް މާތް ﷲ ފުއްސަވައިދެއްވަވާނެކަން ބަޔާންވެގެންވެއެވެ.

މީހަކު މަރުވެއްޖެ ނަމަ ކަށުނަމާދުގައި ބައަކު ބައިވެރިވާނެއެވެ. ނަމަވެސް މަރުވެފައިވަނީ ހެޔޮ ލަފާ، މީސްތަކުންނާއި ގުޅުން ބާއްވައިގެން ދުނިޔޭގައި އުޅުނު މީހަކަށް ނުވާނަމަ އޭނާގެ މައްޗަށް އިޚްލާޞްތެރިކަމާއިއެކު މީސްތަކުން ދުޢާކުރާނެ ހެއްޔެވެ؟ އެމީހާގެ އަމިއްލަ ޢާއިލާގެ މީހުންނަށްވެސް ގިނަ ފަހަރަށް އޮންނާނީ އެކަން އެގޮތަށް ނުކުރެވިފައެވެ.

ރޯދަ މަހަކީ ރޯދަ ހިފުމާއިއެކު އަޅުކަމުގެ މައްސަރެވެ. ހެޔޮ އަމަލުތައް ކުރުމުގެ މައްސަރެވެ. ހަމަ އެއާއިއެކު އެމީހެއްގެ ކިބައިގައި ހުންނަ އުނި ސިފަތައް އިޞްލާޙްކުރުމަށް ވެސް ލިބޭ ރަނުގެ ފުރުޞަތެކެވެ. އެހެންކަމުން ކޮންމެ މީހަކުވެސް ގަދައަޅައި މަސައްކަތްކުރަންޖެހޭ އެއްކަމަކީ ތިމާގެ ކިބައިގައި ހުރި އުނިސިފަތައް އިޞްލާޙްކުރުމަށް މަސައްކަތްކުރުމެވެ. އެއިރުން ރަމަޟާން މަސް ނިމިގެންދާއިރު ތިމާ ހުންނާނީ ފުރިހަމަ މުސްލިމެއްގެ ގޮތުގައި ރަނގަޅަށް ފައްކާވެފައެވެ.

- މުފްތީ މެންކުގެ ދަރުސަކުން -
މިއަދު އޮންލައިން