ބައްޕަ މަރުވިފަހުން ދަރިފުޅަށް ބައްޕަ ކުރި އަޖައިބެއް ފަދަ ފޯން ކޯލް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 17ސ
ބައްޕަ މަރުވިފަހުން ދަރިފުޅަށް ބައްޕަ ކުރި އަޖައިބެއް ފަދަ ފޯން ކޯލް!
އިބްރާހީމް އަލް ހިޟްރީ އަކީ އީރާނުގެ މަހުޖަނެކެވެ. ވަރަށް ގިނަ ވިޔަފާރިތައް ކުރަމުން އައި މީހެކެވެ. ލިބުނު ފައިސާތައް ޖަމާކޮށް މުއްސަނދިކަން އިތުރުކުރަމުން އައި މީހެކެވެ.

އަތުގައި ކިތަންމެ ބައިވަރު ފައިސާތަކެއް ފުނިފުންޏަށް ހުރި ނަމަވެސް އިންސާނުންނަށް އެހީތެރިވުމާއި ޞަދަޤާތް ދިނުން ފަދަ ކަންކަމަކީ ހިޟްރީ ހަމަ އެއްގޮތަކަށްވެސް ކުރަން ދަންނަ ކަންކަމެއް ނޫނެވެ. އެކަންކަން ވެފައިވަނީ ޙިޟްރީ އާއި ވަރަށް ބީރައްޓެހި ކަންކަމަށެވެ.

ކޮންމެ މިހަކީވެސް މާތް ﷲ ކަނޑައަޅުއްވަވާފައިވާ ވަކި މުއްދަތަކަށް ދުނިޔެއަށް ފޮނުއްވަވާ މީހަކަށްވާތީ މަރުގެ ވަގުތު އައިސް ޖެހުމުން ޙިޟްރީ އަށް ދުނިޔެ ދޫކުރަންޖެހުނީ އުމުރުން 68 އަހަރުގައެވެ. މަރުވުމުން ތަރިކަ ބެހުމުގެ މަރުހަލާ ފެށެން ދާދި ގާތްވެފައިވަނިކޮށް ޙިޟްރީގެ ދޮށީ ދަރިފުޅު އިދްރީސްއަށް އެއް ރޭ އަޖައިބެއް ފަދަ ހުވަފެނެއް ފެނުނެވެ.

އޮފީހުގައި އިންދާ އޭނާގެ ފޯނުރިންގްވާން ފެށީ ވަރަށް އާދައާ ޚިލާފް ގޮތަކަށެވެ. ނުނަގަން ހުރެފައިވެސް ފޯނު ނެގިއެވެ.

"ދަރިފުޅާ މިއީ ބައްޕައޭ. ބައްޕަ މިބުނާ ގޮތަށް ނިކަން ކަންތައްތައް ކޮށްބަލަ. ބައްޕަގެ މުދަލާއި ފައިސާ ޖުމުލަކޮށްލާ. އެއިގެ ތިންބައިކުޅަ އެއްބައި ދަރިންނަށް ބަހައްޓާފައި ބާކީ ހުރި ތިންބައިކުޅަ ދެބައި އަވަހަށް ފަޤީރުންނަށް ޞަދަޤާތްކޮށް މާތް ﷲ ގެ މަގުގައި ހޭދަކޮށްލާ!"

މީގެ އިތުރުން ބައްޕަގެ ގާތް ބައެއް މީހުންނަށް ފޮތުގައި ނުލިޔެ، އެއްބަސްވުމެއް ނުހަދައި ދީފައި ހުރި ބައެއް ލޯނުތަކުގެ ވާހަކަތައްވެސް ކިޔައިދިނެވެ. އަދި އެފައިސާތައް ލިބިގަނެ އެ ފައިސާތައްވެސް ލިބޭ ވަރަކުން ހަމަ ކުރިން ބުނި ގޮތަށް ޞަދަޤާތްކުރަން ބުނިތަނާ އިދްރީސަށް ހޭލެވިއްޖެއެވެ.

ހުވަފެނުން ހޭލެވުނުއިރު އެއްވެސް ބިރުވެރިކަމެއް ނެތެވެ. އެހެންކަމުން އެއީ އިބިލީސް ދެއްކި ހުވަފެނެއް ނޫން ކަމަށް އިދްރީސަށް ޤަބޫލުކުރެވުނެވެ. އަދި އަނެއް ދުވަހު ހުވަފެނުގައި ބައްޕަ އެބުނި މީސްމީހުންނާއި ގުޅުމުން ހުވަފެނުގައި އެ ލިބުނީ ތެދު މައުލޫމާތުކަން އެނގުނެވެ.

އިދްރީސް ދީނީ އިލްމުވެރިއަކާއި ބައްދަލުކޮށް މިވާހަކަތައް ކިޔައިދިނުމުން އިލްމުވެރިޔާއަށް ޤަބޫލުކުރެވޭ ގޮތްވެސް ކިޔައިދިނެވެ.

"ބައްޕައަކީ ދުނިޔޭގައި ހުރިއިރު ވަރަށް ދަހި މީހެކެވެ. އެއްވެސް ފަޤީރަކަށް އެހީތެރިވެދީ ޞަދަޤާތްކޮށް އުޅުނު މީހެއް ނޫނެވެ. ނަމަވެސް ބައްޕައަކީ ނަމާދުކުރުމަށް ވަރަށް ފަރުވާ ބެހެއްޓި މީހެކެވެ. ތިއަ ކުދިންނަށް ކިޔަވައިދޭންވެސް ވަރަށް މަސައްކަތްކުރި މީހެކެވެ. ހަމަ އެއާއިއެކު ތިއަ ކުދިންގެ މަންމަގެ މައިން ބަފައިންނަށާއި ބައްޕަގެ މައިން ބަފައިންނަށް ވެސް ވަރަށް ހެޔޮ މީހެކެވެ.

ބައްޕައަށް ސްޓްރޯކް ޖެހި އެއްވެސް ވާހަކައެއް ނުދެއްކި އަދި ހަރަކާތެއްވެސް ނުކުރެވި ހަފްތާއެއްހައި ދުވަސް ފާއިތުވި ނޫން ހެއްޔެވެ؟

އެއިރުވެސް ބައްޕަގެ ބުއްދި ރަނގަޅެވެ. އެހެންވީމާ އެހާލުގައި ޖެހުމުން އެންމެ ބޮޑަށް ކުރަން ބޭނުންވި ކަމަކީ ނުވަތަ ތިއަ ކުދިންނަށް ކުރަން އެންމެ ބޭނުންވި ވަޞިއްޔަތަކީ ހުވަފެނުގައި ތިއަ ފެނުނު ގޮތަށް ޞަދަޤާތްކުރުން ކަމަށްވެދާނެއެވެ. އެފަދަ ގޮތެއް މެދުވެރިވެފައި އޮތް ނަމަ ބައްޕަ ކޮށްފައިވާ ހެޔޮ އަމަލުތަކުގެ ސަބަބުން އެއިރު ބައްޕަ ބުނަން ބޭނުންވި ވާހަކަތައް ދަރިފުޅަށް ހުވަފެނުގައި ފެނުނީ ކަމަށްވެދާނެއެވެ.

ތިއައީ ވަރަށް އުފާވެރި ހުވަފެނެކެވެ. ހުވަފެނުގައި ލިބުނު މެސެޖާއި އެއްގޮތަށް އަމަލުކުރާށެވެ. އެކަމުގެ ފައިދާ ތިއަކުދިންނަށްވެސް ކުރާނެއެވެ.

މަހުޖަނުން މަރުވުމަށްފަހު އެންމެ ހިތާމަކުރާނީ އެމީހުންނަށް މާތް ﷲ ދެއްވެވި ފައިސާތައް މާތް ﷲ ގެ މަގުގައި ހޭދަކޮށް ނުލެވުނު ކަމަށްޓަކައި ކަމުގައި އެ އޮންނަނީ އެ ސަބަބަށްޓަކައެވެ."

އިދްރީސް އާއި އެހެންދަރިން މަޝްވަރާކުރުމަށްފަހު ތިންބައިކުޅަ އެއްބައި ޞަދަޤާތްކުރުމުގެ ބަދަލުގައި ވަނީ 80 އިންސައްތަ ޞަދަޤާތްކޮށްފައެވެ. އެއީ ފަސްބައިކުޅަ 4 ބައެވެ. ތިންބައިކުޅަ އެއްބައިގެ ބަލުގައެވެ. އެހެން ގޮތަކަށް ބުނާނަމަ 67 އިންސައްތައިގެ ބަދަލުގައި 80 އިންސައްތަ އެވަނީ ޞަދަޤާތްކޮށްފައެވެ. އެކަމުގެ ސަބަބުން ދަރިންނަށްވެސް ވަނީ ބޮޑެތިި ކުރިއެރުން ލިބި މަހުޖަނުންނަށް ވެފައެވެ.

- މިޞުރުގެ ނޫހެއްގައި ޝާޢިއުކޮށްފައިވާ ވާހަކައެއްގެ ޚުލާޞާ ތަރުޖަމާ -
މިއަދު އޮންލައިން