ދަރިންނަށް ކަންކަން ދަސްކޮށްދޭންޖެހޭނީ އެކުދިންގެ އުމުރާއި ގުޅޭގޮތުންނެވެ. އެހެންކަމުން ބާލިޣްވާއިރު އެނގެންޖެހޭ ކަންކަން ބާލިޣްވުމުގެ ކުރިން ދަސްކޮށްދޭން އެބަޖެހެއެވެ. ނޫންނަމަ މަގުފުރެދި ކުށެއް ނޫންކަމަށް ބަލައި ކުށްތައް ކުރެވޭތަން އެބަފެނެއެވެ.
މިގޮތުން ދަރިންނަށް ބާލިޣްވުމުގެ ކުރިން ދަސްކޮށްދީ ހޭލުންތެރި ކުރުވަންޖެހޭ ކަންކަމުގެ ތެރޭގައި މި ޙަދީޘްފުޅު ހިމެނޭ ކަމަށް ދެކެމެވެ. މާތް ﷲ ގެ ހިޔާވަހިކަން ނޫން ހިޔާވަހިކަމެއް ނެތް ދުވަހު މާތް ﷲ ގެ ހިޔާވަހިކަން ލިބޭނެ 7 މީހުންނެވެ.
އެކަކީ އަދުލުވެރިކަމާއިއެކު ވެރިކަންކުރި ވެރިއެކެވެ.
ދެވަނައީ މާތްﷲ ނޫން އެހެން އެއްވެސް ފަރާތަކަށް އަޅުކަން ނުކުރާ މީހާއެވެ.
ތިންވަނައީ އެމީހާގެ ހިތް މިސްކިތްތަކާއި ގުޅިލާމެހިފައިވާ މީހާއެވެ.
ހަތަރުވަނައީ މާތް ﷲ އަށްޓަކައި އެކަކު އަނެކަކު ދެކެ ލޯބިވި ދެމީހުންނެވެ. އަދި އެގޮތުގައި ބައްދަލުކޮށް ވަކިވެ އުޅުނު މީހުންނެވެ.
ފަސްވަނައީ ފާހިޝް އަމަލަކަށް އަންހެނަކު ދައުވަތު ދިނުމުން މާތް ﷲ އަށް ބިރުގަންނަ ކަމަށްބުނެ އެކަން ނުކޮށް ދޫކޮޢްލި މީހާއެވެ.
ހަވަނަ މިހާއީ އޭނާގެ އެއް އަތަށް ވެސް ނުއެނގޭހައި ސިއްރުން މާތް ﷲ އަށްޓަކައި ޞަދަޤާތްކުރި މީހާއެވެ. މާނައަކީ ކުރާ ޞަދަޤާތް އެއްވެސް ދެވަނަ މީހަކަށް ނުއެންގުމެވެ.
ހަތްވަނައީ އެކަނި އިނދެ މާތް ﷲ އާއި މެދު ފިކުރުކޮށް ބިރުވެތިވެ އެމީހެއްގެ ލޮލުން ކަރުނަ އޮހޮރުނު މިހާއެވެ.
މިޙަދީޘްފުޅުގައި ހިމެނޭ ބައެއް ކަންކަމަކީ ބޮޑެތިވުމުން އެނގެންޖެހޭ ކަންކަމެވެ. ނަމަވެސް އަނެއްބައި ކަންކަމަކީ ހަމަ އެންމެ ކުޑައިރުންސުރެ އަންގައިދޭންޖެހޭ ކަންކަމެވެ. ސަބަބަކީ ދަރިން ގޯޅިއަޅައިގެން ދަނީ ކޮން އުމުރެއްގައިކަން މިއަދު ނުއެނގޭތީއެވެ.
އާޚިރަތް ދުވަހު މާތް ﷲ ގެ ހިޔާވަހިކަން ނޫން އެހެން އެއްވެސް ހިޔާވަހިކަމެއް ނުވެއެވެ. އެހެންކަމަށްވާއިރު އެ ހިޔާވަހިކަން ހޯދަން މަސައްކަތްކުރަން އެންމެ ކުޑައިރުންސުރެ އެނގި އަދި ޝައުޤުވެރިކުރުވިއްޖެނަމަ އެކުއްޖަކު މަގުން ކައްސާލައިގެން ދިއުން ވަރަށް ދުރުވާނެއެވެ. ނަމަވެސް ހިތާމައަކީ ބައެއް ބޮޑެތި މީހުންނަށް ވެސް މިއަދު މިކަންކަން ނުއެނގޭ ކަމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން -