އަހަރެންނަކީ ކުޑަކުއްޖެއްގެ ގޮތުގައި ހުރިއިރުވެސް އަދި އެންމެ ޒުވާން އުމުރުގައިވެސް އެއްވެސް ދީނެއް ޤަބޫލުކުރާ މީހެއް ނޫނެވެ. އެއްވެސް ދީނަކަށް އަމަލުކުރުމަކީ އަހަރެން އެހައި ޝައުޤުވެރިވާ ކަމެއް ނޫނެވެ.
ކޮލެޖުގައި އުޅުނު ދުވަސްވަރު މުސްލިމް ދަރިވަރަކު އިސްލާމް ދީނާއިބެހޭ ފޮތެއް ދިނެވެ. އެ ފޮތް ކިޔައިލިއިރު ޝައުޤުވެރިވާ ކަންތައްތަކެއް ހުއްޓެވެ. ނަމަވެސް އެކަންތައްތައް އިތުރަށް ދަސްކުރުމުގެ އެއްވެސް ޝައުޤުވެރިކަމެއް ނެތެވެ.
ކޮލެޖު ނިންމައި މަސައްކަތްކުރަން ފެށީ ޔޫއޭއީގައެވެ. ޔޫއޭއީގައި އުޅެމުން ދިއަ ދުވަސްވަރު އިސްލާމުން އުޅޭ ގޮތް ވަރަށް ބޮޑަށް ދަސްކުރެވުނެވެ. އަދި އެގޮތް ރީތިވެސް ވިިއެވެ. ނަމަވެސް އެގޮތަށް އުޅުމަށް ޝައުޤުވެރިކަން އުފެދޭ ގޮތެއް ނުވިއެވެ.
އެއްރެއަކު ނައިޓް ކްލަބަކަށް ގޮސް އުޅުމުގެ ތެރޭގައި ވަރަށް ރީތި މުސްލިމް އަންހެން ކުއްޖަކާއި ބައްދަލުވެ އެއް މޭޒުގައި އިށީނދެވުނެވެ. އެއިރު އަންހެން ކުއްޖާ ގާތު ރާތަށްޓެއް ހުއްޓެވެ. ދެމީހުން ރައްޓެހިވެލައި ވާހަކަ ދައްކަމުން ދިއައިމެވެ.
ކަންދިމާވިގޮތުން އޭނާއަކީވެސް ކުންފުންޏެއްގައި ޒިންމާދާރުކަމާއިއެކު ވަޒީފާ އަދާކުރާ ކުއްޖެކެވެ. ހަމަ ބޮޑު ކުންފުންޏެއްގެ އެޗްއާރު މެނޭޖަރެވެ. ވާހަކަ ދައްކަމުން ގޮސް ވަގުތުކޮޅެއް ފާއިތުވިތަނާ އެ ކުއްޖާ ރާތަށި ނަގައި ބޯން އުޅުމުން އަހަރެން އެކަން ހުއްޓުވީމެވެ. އަދި ހަޔާތް ކަނޑާލާފައި ތަށި އަތުލުމަށްފަހު އަހަރެން ބޯން ގެނެސްފައި ހުރި ޖޫސްތަށި ދިނީމެވެ.
އެކަމާ އޭނާވެސް މާބޮޑަކަށް ދެކޮޅެއް ނުހަދައެވެ. އަހަރެން ބުނީމެވެ. "ކަލެއަކީ މުސްލިމެކެވެ. ބަނގުރާ ބުއިމުގެ އެއްވެސް ޙައްޤެއް ކަލެއަކަށް ނުއޮންނާނެއެވެ. އަހަރެންނަކީ މުސްލިމެއް ނޫނެވެ. އެހެންކަމާއިއެކުވެސް ބަނގުރަލުގެ ހުރި ނުބައި ސިފަތައް އެނގޭތީ އަހަރެން ވެސް ނުބޮމެއް ނޫންހެއްޔެވެ؟"
ދެ މީހުން ވެސް ވަކިވެގެން ދިއައީ ކާޑު ބަދަލުކޮށް އެކަކު އަނެކަކާއި ބައްދަލުވުމަށް ވައުދުވެފައެވެ.
އެއިގެފަހުން އަހަރެމެން އައީ ދޭތެރެ ދޭތެރެއިން ބައްދަލުކުރަމުންނެވެ. ފޯނުންވެސް ވާހަކަ ދައްކަމުއެވެ. އެއިގެ އަހަރެއްހައި ދުވަސް ފަހުން އެއް ރޭ ފޯނުކޮށްފައި ބުނީ އޭނާ މުޅިން އިޞްލާހްވެ ޙިޖާބަވެސް އަޅައިފިކަމަށެވެ.
މިވީގޮތް އެނގޭ ހެއްޔެވެ؟ ކޮންމެ މުސްލިމަކީވެސް ހަމަ ވަރަށް ރަނގަޅު މީހެއް ކަމަށް ބަލާށެވެ. ނަމަވެސް ތަފާތު މައްސަލަތަކާއިހުރެ ނުބައި ކަންކަން ކުރެވެނީއެވެ. މިސާލަކަށް 20 ލިޓަރުގެ ފެންފުޅިއެއްގައި ނަޖިސްކޮޅެއް ހުރެދާނެއެވެ. ހަމަ ކުޑަކުޑަ ބޭސް ގުޅައެއް ވައްޓައިލުމުން ފެންފުޅި އެކުގައި މުޅިން ސާފު ފެނަށް ބަދަލުވެގެންދާނެއެވެ. އެ އުޞޫލުން އޭނާގެ ހަޔާތް ބަދަލުވެގެން އެދިއައީ އަހަރެންނަކީ އަދި އެއިރު މުސްލިމެއް ނޫން ނަމަވެސް އޭނާގެ ދީނުގައި ސާބިތުވެ ހުރުމަށް އަހަރެން ހަމަ ވަރަށް ކުޑަކުޑަ ހިއްވަރުކޮޅެއް ދިނީތީއެވެ. އަހަރެން އެކަން ކުރީ އިސްލާމް ދީނާއިމެދު މާގިނަ މައުލޫމާތުތަކެއް ލިބިގެނެއްވެސް ނޫނެވެ.
ކޮންމެއަކަސް އެއިގެ ކުޑަ ދުވަސްކޮޅެއްފަހުން އަހަރެން މިސްކިތްތަކަށް ފާރަލާން ފެށީމެވެ. އެތަނުގައި ކުރާ ކަންކަން ބަލަން ޝައުޤުވެރިވިއެވެ. އެމީހުން ނަމާދުކުރާ ގޮތް ވަރަށް ކަމުދިއައެވެ. އެހެންވެ ފޮތްތައް ކިޔައިގެން ނަމާދުކުރާ ގޮތާއި ކިޔާތަކެތި ދަސްކޮށް ނަމާދުކުރަން ފެށީމެވެ.
އެއިގެ ކުޑަ ދުވަސްކޮޅެއް ފަހުން އަހަރެންގެ ވަޒީފާ އިނގިރޭސިވިލާތަށް ބަދަލުވިއެވެ. އަދި ދުވަސްކޮޅެއް ފަހުން ކޮލެޖުން ބައްދަލުވެ އިސްލާމް ދީނާއިބެހޭ ފޮތްތައް ދިން ރަހްމަތްތެރިޔާ ބައްދަލުވިއެވެ.
ދެމީހުންގެ މާޒީ ހިއްސާކުރެވުނެވެ. އޭނާގެ ފުރަތަމަ ސުވާލަކަށްވީވެސް އަހަރެން އިސްލާމަކަށް ނުވެ ހުރި ސަބަބެވެ. އަހަރެން ބުނީމެވެ. "އެއީ ހިތުން ޤަބޫލުކޮށްގެން ކުރެވޭނެ ކަމެއް ނޫން ހެއްޔެވެ؟ އަދިވެސް އަހަރެން އިސްލާމްވުމަށް ހިތެއް ނުބުނެއެވެ.
އޭނާ ވަގުތުން ކިޔައިދިނީ މަރުގެ ވާހަކައެވެ. މަރުވުމަށްފަހު ކައްވަޅުގައި އަޒާބުލިބޭނެ ގޮތުގެ ވާހަކަތަކެވެ. އެވާހަކަތައް ކިޔައިދީ ނިމުނުއިރު އަހަރެން ބިރުން ތުރުތުރުއަޅައެވެ. އަހަރެން ބޭނުންވީ ވަގުތުން އިސްލާމް ވުމަށެވެ. ދެމީހުން އެކުގައި އަވަހަށް ދިއައީ މިސްކިތަށެވެ. އެއީ މެންދުރު ނަމާދުގެ ވަގުތެވެ. މިސްކިތުގައި 50 ވަރަކަށް މީހުންވެސް ތިއްބެވެ. އެއެންމެންގެ ކުރިމަތީގައި އަހަރެން ޝަހާދަތްކިޔައި އިސްލާމްވީއެވެ.
މިއަދު އަހަރެންނަކީ މުސްލިމެކެވެ. އިސްލާމް ދީން ފަތުރަން ވެސް އެބަ މަސައްކަތް ކުރަމެވެ. އިރާދަކުރެއްވިއްޔާ ކުރިއެރުންވެސް ލިބޭނެއެވެ.
- މިއީ ގްރީކްގެ ރައްޔިތެއް ކަމަށްވާ ހަމްޒާ އެންޑްރިއާ އިސްލާމްވީ ގޮތުގެ ޚުލާޞާއެކެވެ. މިއަދު ހަމްޒާއަކީ އިސްލާމް ދީން އުނގެނި ދީން މަތިވެރިކުރުމަށް ތަޤްރީރުކުރަމުން ގެންދާ މަޝްހޫރު ޢިލްމުވެރިއެކެވެ.