ބައެއް މީހުން ރޯދަ ހިފައިގެން ކަމަށްބުނެ ކުރާ ކަމަކީ ގޭގައި ތިބެގެން ފިލްމުބެލުމެވެ. ނުވަތަ އެނޫންވެސް އެފަދަ ކަމެއް ކުރުމެވެ. އެފަދަ ކަންކަން ކުރުމުގައި ދުވާލުގެ ވަގުތުތައް ހޭދަކުރާ މީހުންނަށް ރޯދައެއް ނުހިފޭނެއެވެ.
ރޯދަ ހިފުންކަމަށް މިވަނީ ހަމައެކަނި ނުކައި ނުބޮއި ހުރުމަކުން ނޫނެވެ. ރޯދަ ހިފުން ކަމަށް މިވަނީ ދެބައެއް ފުރިހަމަ ކުރެވުމުންނެވެ. ފުރަތަމަ ބައަކީ ހަށިގަނޑުން އަދާކުރަންޖެހޭ ބައެވެ. އެބައަށް މިކިޔަނީ ރޯދަ ހިފުމަށްޓަކައި ހަނގުރާމަކުރުމެވެ. އެ ހަނގުރާމަ ފަތަޙަކުރެވޭނީ މުޅި ހަށިގަނޑާއި ތިމާގެ ހިތް ކުރާ ހަނގުރާމަ ހިތަށް ފަތަހަކުރެވުމުންނެވެ.
ރޯދައަށް ހުންނައިރު ފެންބޮވާނެއެވެ. ފެން ފޮދަކަށް އެދި ކަރު އާދޭސްކުރާނެއެވެ. ބަނޑުހައިވާނެއެވެ. ކާއެތިކޮޅަކަށް އެދި ބަނޑު އާދޭސްކުރާނެއެވެ. ދުންފަތުގެ އިސްތިއުމާލްކުރާ މީހުންނާއި އެނޫންވެސް އެފަދަ އަމަލުތައް ކުރާ މީހުންގެ ސިކުނޑި އެކަންކަމަށް އެދި ތެޅިފޮޅޭނެއެވެ.
ހަށިގަނޑުގެ ގުނަވަންތަކުން މި ބޮޑު ހަނގުރާމަތައް ކުރާއިރު ރޯދަވެރިޔާގެ ހިތް ދޭނީ ކޮން ޖަވާބެއްހެއްޔެވެ؟ ހަމަ ކުރިމަތީގައި ބުނާނެއެވެ. ކެތްތެރިވެ މަޑުން އޮންނާށެވެ. އިރު އޮއްސެންދެން މަޑުކުރާށެވެ.
މިހެން ބުނުމުގެ ބާރު ހިތަށް ލިބޭނީ އެވަރުގެ ތަޤްވާވެރިކަން އެމީހެއްގެ ކިބައިގައި ހުރެގެންނެވެ. ތަޤްވާވެރިކަން މިލިބެނީ ރޫޙާނީ ބައި އެވަރަށް ވަރުގަދަކުރެވިގެންނެވެ.
ރޫޙާނީ ކަމަކުން ނޫން ގޮތަކަށް މި ހަނގުރާމަ ހަށިގަނޑުގައި ހިނގުން އެންމެ ހިނދުކޮޅަކަށް ނަމަވެސް މެދުކެނޑިއްޖެނަމަ ރޯދައަށް އެއޮތީ މައްސަލަތައް ކުރިމަތިވެފައެވެ. ވީމާ ފިލްމު ބެލުމާއި ގޭމްކުޅުމާއި ޗެޓްކުރުމާއި މިފަދަ ކަންކަމުގައި ވަގުތުތައް ހޭދަކުރާ މީހުންނަށް ހިފޭނީ ކޮން ރޯދައެއް ހެއްޔެވެ؟
ދެން މިއޮތީ ރޯދަ ވެރިޔާ އަދާކުރަންޖެހޭ ރޫޙާނީ ބައެވެ. އެއީ ހެޔޮ އަމަލުތައް ގިނަކުރުމެވެ. އަޅުކަންކުރުން އިތުރުކުރުމެވެ. ޚާއްޞަކޮށް ނަމާދުކުރުމާއި ކީރިތި ޤްރްއާން ކިޔެވުމެވެ.
ނިކަން ބުނެބަލާށެވެ. ޢަޞްރު ނަމާދުން ފައިބައިގެން ރޯދަ ވީއްލަން ވަންދެން ހައިވޭ ތަކާއި ޕާކުތަކުގައި ވަގުތު ހޭދަކުރާ މީހާ އެ ހިފަނީ ރޯދަ ހެއްޔެވެ؟ އިރުއޮއްސި ބަންގީގެ އަޑު އިވެން ދާދި ގާތްވަންދެން ކުޅިވަރުތައް ކުޅެއުޅޭ މީހުން އެހިފަނީ ރޯދަ ހެއްޔެވެ؟ ޔަޤީންކުރަންޖެހޭ ކަމަކީ އެގޮތަށް އަމަލުކުރާ މީހުން އެ އަމަލުކުރަނީ ރޯދަވެރިން އަމަލުކުރަން މާތް ﷲ އެންގެވި ގޮތަށް ނޫންކަމެވެ.
- ލަވް އިސްލާމްގެ ދަރުސަކުން -