ބޮލާ ތުނބުޅީގެ ނުރަ ކަޅުކުރުމާ ބުމަ ހެދުމާ ސިފަ ބަދަލުކުރަން ކުރާ އެއްވެސް ކަމެއް ހުއްދައެއް ނޫން: ޝައިޚް ނިމާލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 19ސ
ބޮލާ ތުނބުޅީގެ ނުރަ ކަޅުކުރުމާ ބުމަ ހެދުމާ ސިފަ ބަދަލުކުރަން ކުރާ އެއްވެސް ކަމެއް ހުއްދައެއް ނޫން: ޝައިޚް ނިމާލް
ބައެއް މީހުން އުމުރުން ދުވަސްވުމުން ވެސް އެމީހުންނަކީ ޒުވާން ބައެއްގެ ގޮތުގައި ދެއްކެން ވަރަށް ގިނަ ކަންކަން އެބަކުރެއެވެ. ނަމަވެސް އެފަދަ އެއްވެސް ކަމެއް ކުރުމަކީ އިސްލާމް ދީން ހުއްދަކުރާ ކަންކަމެއް ނޫނެވެ.

"އެމީހުންގެ ބޮލާއި އިސްތަށީގެ ކުލަ ކަޅު ކުލައަށް ބަދަލުކުރާނޭ ބައަކު ފަހުޒަމާނުގައި ވާނެއެވެ. ކޮތަރު ފަދަ ދޫނީގެ ބޮލުގައި ހުންނަ ފަދަ ކަޅުކަން އެމީހުންގެ ބޮލާއި ތުނބުޅިއަށް ގެންނާނެއެވެ. އެކަމުގެ ސަބަބުން ބައެއް ތަންތަނުގައި ކަޅުކުލަ ގަދަވެފައި ވަނިކޮށް ފެންނާނެއެވެ.

މިހެން މިވަނީ ނުރަވާ ބައިގަ ކަޅުކުލަ ޖައްސާތީ ކަމަށްވެސް ވެދާނެއެވެ. ނޫންނަމަ ޖައްސާ ކަޅުކުލަ ނެތިގެން ދިއުމުން ކަމަށްވެސް ވެދާނެއެވެ."
ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ ބޮލާއި ތުނބުޅީގައި ހުންނަ އިސްތަށީގެ ކުލަ ކަޅު ނޫން އެހެން ކުލައަކަށް ބަދަލުކުރުމަށެވެ. މާނައަކީ ބޮލާއި ތުނބުޅީގައި ނުރަޖެހުމުން އެ ނުރައިގައި ކަޅު ކުލަ ޖެއްސުން ހުއްދަނޫން ކަމެވެ.

މި ޙަދީޘްފުޅަށް ބަލާއިރު މީހާ މާތް ﷲ ޚަލްޤް ކުރެއްވެވި ގޮތް ނޫން އެހެން ގޮތަކަށް ބަދަލުކުރަން ކުރެވޭ އެއްވެސް ކަމެއް ހުއްދައެއް ނޫނެވެ. އެގޮތުން ބަލައިފިނަމަ މިޙަދީޘްފުޅުގެ ދަށަށް ވަންނަ ކަންކަމުގެ ތެރޭގައި ރީތިވާން މީހާ ކުރާ އޮޕަރޭޝަންތަކާއި އަންހެނުން ބުމަ ހެދުން ފަދަ ކަންކަން ހިމެނިގެންވާކަމަށް ޢިލްމުވެރިން ބަޔާންކުރައްވަވައެވެ.

މާތް ﷲ، މީހާ ޚަލްޤް ކުރެއްވެވި ގޮތް ނޫން އެހެން ގޮތަކަށް ބަދަލުކުރަން މަސައްކަތްކުރާނެ ކަމަށާއި އެއީ ފަހުޒަމާނުގެ ޢަލާމާތެއް ކަމަށް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ވަނީ ބަޔާންކޮށްދެއްވަވައިފައެވެ. މިއަދު ފެންނަމުން މިދަނީ އެ ހަދީޘްފުޅުގެ ތެދުކަމެވެ.

"ބޮލުގެ، ތުނބުޅީގެ އިސްތަށީގައި ނުރަޖަހައިފިނަމަ ބައެއް މީހުން ލަދުގަނޭ. އަދި އެނައް ބައަކު ކުރާ ކަމަކީ އެމީހުންގެ އަޞްލު ސޫރަ ގެއްލޭވަރަށް މޭކަޕްކުރުން. މޭކަޕްކޮށްފަ ހުންނަވަރުން އެއީ ކާކުކަން ނުއެނގޭވަރަށް އެބަ އެކަންކުރޭ. ،30 40 އަހަރުގެ މީހުން އެބަ މޭކަޕްކުރޭ ،15 16 އަހަރުގެ ކުއްޖަކާއި އެއް ސިފައަށް ސިފަ ބަދަލުވާވަރަށް."

ޢިލްމުވެރިން ވިދާޅުވަނީ ހީނާފަތް އެޅުންފަދަ ކަމަކުން އިސްތަށީގެ ކުލަ ބަދަލު ކުރެވިދާނެ ކަމަށެވެ. ނަމަވެސް ކަޅުކުލަ ބޭނުން ނުކުރެވޭނެ ކަމަށެވެ. އެއީ ކަޅު ކުލަ ޖައްސައިގެން ކުލަ ބަދަލުނުކުރަން ކައު އިތުރު ރަސޫލާ މުޙަައްމަދު (ޞޢވ) ކަނޑައެޅިގެން ޙަދީޘްފުޅު ކުރައްވަވާފައިވާތީއެވެ.

މާތް ﷲ މީސްތަކުން ލައްވަވާފައިވަނީ އެންމެ ރިވެތި ސޫރައިގައެވެ. އެ ގޮތް ބަަލުކުރަން އުޅުމަކީ މާތް ﷲ އަޅުގަނޑުމެން އުފެއްދެވި ގޮތް ބަދަލުކުރަން އުޅުމެވެ. މާތް ﷲ އަޅުގަނޑުމެން ލެއްވެވިގޮތްތޯ ރަނގަޅީ ނޫނީ އަޅުގަނޑުމެން އަމިއްލައަށް އިޚްތިޔާރުކުރާ ގޮތްތޯ ރަނގަޅީ މިއީ އަޅުގަނޑުމެން ވިސްނާލަން ޖެހިފައިވާ ކަންކަމެވެ.

- އައްޝައިޚް ނިމާލް މުޙައްމަދު މިއަދު ފްރްޤާން މިސްކިތުގައި ދެއްވި ދަރުސުން

ދަރުސްގެ ވީޑިއޯ:
މިއަދު އޮންލައިން