ދަންނަ، ޚާއްޞަ މީހަކާ ސަލާންކުރުމަކީ ފަހުޒަމާނުގެ ޢަލާމާތެއް: ޝައިޚް ނިމާލް
އެމީހާ ދަންނަ، ނުވަތަ ވަކި ޚާއްޞަ މީހަކާއި ސަލާންކުރުމަކީ ފަހުޒަމާނުގެ ޢަލާމާތެކެވެ.
މިހާރަކަށް އައިސް ބައެއް ފަހަރު މީހާ ލައިގެން ހުންނަ ހެދުމަށް ބަލާފައިވެސް އެބަ ސަލާން ކުރެއެވެ. ބައެއް ފަހަރު އެމިހާއަކީ ތިމާ ދަންނަ މީހަކަށް ވުމުން ނުވަތަ ތިމާ ޤަބޫލުކުރާ ގޮތަކަށް އުޅޭ މީހަކަށްވުމުން އެބަ ސަލާން ކުރެއެވެ.
މިއަށްވުރެވެސް ބޮޑަށް ވިސްނަންޖެހިފައިވާ ކަމަކީ މުސްލިމް އަޚުން ސަލާންކުރުމަށް އަތް ދިއްކޮށްލުމުން ސަލާން ނުކޮށް ދާކަމެވެ. ސަލާންކުރުމާއި އެކަމުގައި އިސްނެގުމަކީ ސުންނަތެކެވެ. ސަލާމަށް ޖަވާބުދިނުމަކީ ވާޖިބެކެވެ.
ބައެއް ފަހަރު އެގޮތަށް އަމަލުކުރާ މީހުންނަކީ ދީންވެރިންކަމަށް ނުވަތަ ސުންނަތަށް އަމަލުކުރާ މީހުން ކަމަށް ދައުވާކުރާ މީހުންނެވެ. ނަމަވެސް މިފެންނަނީ އައްސަލާމް ޢަލައިކުމް ބުނީމާ ނުވަތަ ސަލާންކުރަން އަތްދިއްކޮށްލީމާ ޖަވާބު ނުދީ މޫނު އަނެއް ފަރާތަށް އަނބުރާލައިގެން ދާ މަންޒަރެވެ.
ބައެއް މީހުން ޤަބޫލުކުރާ ގޮތުގައި އޭނާ ޤަބޫލުކުރާ ފިޤްހްގެ ރަޢްޔެއް އަނެކާ ޤަބޫލުނުކުރާ ނަމަ އެމީހަކާ ސަލާމެއްވެސް ނުކުރެވޭނެއެވެ.
މިއީ ވަރަށް ބޮޑު ގޯހެކެވެ. ރަސޫލާ (ޞޢވ)ގެ ޒަމާނުގައިވެސް އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ޚިޔާލުތަފާތުވުންތައް ހުއްޓެވެ. ނަމަވެސް އެބޭފުޅުން އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ސަލާމް ކުރެއްވެވިއެވެ.
ވަކި މީހަކަށް، ޚާއްޞަކޮށް ބޮޑު ޖަމާއަތެއްގައި މީހުން ތިބޭއިރު އެއިގެ ތެރެއިން ވަކި މީހަކާއި ސަލާންކޮށްލާފައި ދިއުމަކީ ފަހު ޒަމާނުގެ އަލާމާތެއް ކަމަށް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ވަނީ ބަޔާންކޮށްދެއްވަވައިފައެވެ. ނަމަވެސް ބޮޑު ޖަމާއަތެއް ތިއްބައި މީހަކު އައިސް އެންމެންގެ ކުރިމަތީގައި ހުއްޓިފައި "އައްސަލާމްޢަލައިކުމް" ކިޔާލާފައި ދިއުން މީގެ ތެރެއަކު ނުހިމެނެއެވެ. ހިމެނޭނީ ވަކި މީހަކާއި ސަލާންކޮށްފައި ދިއުމެވެ.
ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ވަނީ މުސްލިމުންގެ މެދުގައި ސަލާންކުރުން ގިނަގުރުމަށް ޙަދީޘްފުޅު ކުރައްވަވައިފައެވެ. އެކަމަށް އިރުޝާދު ދެއްވަވައި އަމުރުފުޅު ކުރައްވައިފައެވެ. ސަލާން ބަލައި ނުގަނެ އެދާ މީހުންނަށް މި ޙަީޘްފުޅު ނުފެންނަނީތޯ؟
ސަލާންކުރުން ގިނަކުރުމަކީ އެބައެއްގެ މެދުގައި އޮންނަ ނުތަނަވަސްކަމާއި ހަސަދަވެރިކަން ނެތިގެންދާނެ ކަމެކެވެ.
"އައްސަލާމް ޢަލައިކުމް" ކިޔައި ސަލާންކުރުން ބައެއް މީހުންނަށް ވަނީ މުސްކުޅި ބޯދާ ކަމަކަށެވެ. ރަނގަޅުވަނީ ގުޑް މޯނިންގ ފަދަ ބަސްތަކެވެ. ނަމަވެސް މިއީ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އަޅުގަނޑުމެންނަށް ދަސްކޮށް ދެއްވަވާފައިވާ ގޮތެއް ނޫނެވެ.
އިސްލާމް ކަމުގެ އެންމެ ރަނގަޅު ކަމަކާއިބެހޭ ގޮތުން އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އާއި ސުވާލު ކުރެވުނު ޙަދީޘްފުޅު ކުރެއްވެވީ މީސްތަކުންނަށް ކާ ތަކެތި ދިނުމަށެވެ. އަދި ތިބާ ދަންނަ މީހުންނާއި އަދި ނުދަންނަ މީހުންނާއި ސަލާމް ކުރުމަށެވެ.
ސަލާމް ކުރުމަކީ ސަވާބާއި ދަރުމަ އިތުރުވެގެންދާ ކަމެކެވެ. "އައްސަލާމް" އަކީ މާތްﷲގެ އިސްމްފުޅެކެވެ. އަޅުގަނޑުމެން މިކުރާ ކަމަކީ މާތްﷲގެ އިސްމްފުޅު ބޭނުންކޮށްގެން އެމިހާގެ ސަލާމަތްކަމަށް އެދި ދުޢާކުރުމެވެ. އަދި އެމީހާގެ ފަރާތުންވެސް މިލިބެނީ ހަމަ އެފަދަ ޖަވާބެކެވެ. "މިކަމެއް ނޫންތޯ ަޅުގަނޑުމެން ބޭނުންވެގެން މިއުޅެނީ؟ ގުޑް މޯނިންގ ފަދަ ބަސްތައް ބޭނުންކުރީމާ ސަވާބެއް ދަރުމައެއް އަޅުގަނޑުމެންނަށް ލިބޭތޯ؟ ނަމަވެސް އައްސަލާމް އަލައިކުމް ކިޔުމުން ސަވާބާއި ދަރުމަ އެބަ ލިބޭ."
-- ޝައިޚް ނިމާލް މުޙައްމަދު ފްރްޤާން މިސްކިތުގައި އިއްޔެ ދެއްވި ދަރުސުން