ރަމަޟާން މަސް އައުމުން އެންމެ ގިނަ ބައަކު އެންމެ ބޮޑަށް ސަމާލުކަންދޭ އެއް ނަމާދަކީ ތަރާވީސް ނަމާދެވެ. އެހެންކަމާއިއެކުވެސް ތަރާވީސް ނަމާދުކުރުމަށް މިސްކިތަށް ދިއުމަށް ތަފާތު އުޒުރުތައް ކުރިމަތިވާ މީހުން ވެސް އުޅެއެވެ. މީގެތެރޭގައި ގިނަ އަދަދެއްގެ އަންހެނުން ހިމެނެއެވެ. އަދި ނުކުޅެދޭ މީހުންވެސް ހިމެނެއެވެ.
އެފަދަ ބައެއް މީހުން އެންމެ ދެރަވަނީ އެމީހުން ގޭގައި ތަރާވީސްނަމާދުކުރާއިރު ޚަޠިމް ނުކުރެވިދާނެތީއެވެ. އެމީހުންނަކީ ކީރިތި ޤްރްއާން ހިތުދަސް މީހުން ކަމުގައި ނުވާތީއެވެ. ނަމަވެސް މިއީ ކަންބޮޑުވާންވީ ސަބަބެއް ނޫނެވެ. ތަރާވީސް ނަމާދުކުރާއިރު ޚަތިމް އަތުން ހިފައިގެންހުރެ ބަލައިގެން ކިޔެވިދާނެއެވެ. އަދި ވަރުބަލިކަން ފިލުވަމުންވެސް ނަމާދުކުރެވިދާނެއެވެ.
ތަރާވީސް ނަމާދުގައި ކީރިތި ޤްރްއާން ކިޔަވާއިރު އެމީހަކަށް ފަސޭހަވަރަކަށް ކިޔެވުމުންވެސް ފުދޭނެއެވެ. އެމީހަކު ކިޔަވަން ބޭނުންވަރަކަށް ކިޔެވުމުގެ ފުރުޞަތުވެސް އެބައޮތެވެ. އެކަންކަން ވަނީ އެމީހެއްގެ އަމިއްލަ އިޚްތިޔާރުގައެވެ. އެމީހަކަށް ކެރިކުޅަދާނަވީ މިންވަރަކަށް ކުރުމުން ފުދޭނެއެވެ.
ރަމަޟާން މަހު އެމީހެއްގެ އިސްވެ ގޮސްފައިވާ ފާފަތައް ފުއްސަވާނެ 3 ކަމެއް ވަނީ ބަޔާންވެގެންނެވެ. އެއީ ރޯދަ ހިފަންވީ ގޮތުގައި ރޯދަ ހިފުމާއި ރޭއަޅުކަން ކުރުމާއި އަދި ލައިލަތުލްޤަދްރި ވިލޭރޭ އަޅުކަންކުރުމެވެ.
މިއީ 3 ކަންތައް ނަމަވެސް 3 ކަންތައްވެސް ވަނީ ގުޅިލާމެހިފައެވެ. ފުރަތަމަ ކަމަކީ ރޯދަ ހިފުމެވެ. ރޯދަ ނުހިފާ މީހަކު ރޭއަޅުކަންކުރުމަކުން ރޯދަވެރިޔާ ރޭ އަޅުކަން ކުރުމުން ލިބޭނެ ސަވާބާއި ދަރުމައެއް ނުލިބޭނެއެވެ. ހަމައެފަދައިން ލައިލަތުލްޤަދްރި ވިލޭރޭގެ ސަވާބާއި ދަރުމަ ހޯދުމަކީ އަމާޒަށް ބަޑިޖަހައިގެން ކަންކަން ކުރާ އުޞޫލުން ކުރެވެން އޮތް ކަމެއް ނޫނެވެ. އެހެނީ އެރެއަކީ ކޮން ރެއެއްކަން އެނގޭނެ ހަމަ އެއްވެސް ގޮތެއް ނެތެވެ. އެހެންކަމުން ލައިލަތުލްޤަދްރިވިލޭރޭގެ ސަވާބާއި ދަރުމަ ހޯދަން އެދޭ މީހާއަށް އޮތީ އެކަމަށް ނިޔަތް ގަނެގެން މުޅި ރަމަޟާން މަހުގެ ހުރިހާ ރޭތަކެއްގައިވެސް މަސައްކަތްކުރުމެވެ. ޚާއްޞަކޮށް ފަހު ދިހައިގެ ރޭތަކުގައެވެ.
- ލަވް އިސްލާމްގެ ދަރުސަކުން -