ފުރުޞަތު ނުގެއްލެނީސް ރަމަޟާން މަހުގެ ސްކޯބޯޑް އަވަހަށް ބަދަލުކޮށްލާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ފުރުޞަތު ނުގެއްލެނީސް ރަމަޟާން މަހުގެ ސްކޯބޯޑް އަވަހަށް ބަދަލުކޮށްލާ!
މިދިއަ އަހަރުގެ ނުވަތަ ފާއިތުވި ރަމަޟާން މަހަށްވުރެ މިއަހަރުގެ ރަަމަޟާން މަހު އެއްވެސް ކަމެއް އިތުރަށް ކުރެވިއްޖެ ހެއްޔެވެ؟ މާނައަކީ ކުރީ އަހަރުގެ ރަމަޟާންމަހަށްވުރެ މި ރަމަޟާން މަހު އަޅުކަން ކުރުމުގައި އެއްވެސް ކުރިއެރުމެއް ހޯދިއްޖެ ހެއްޔެވެ؟ ހޯދިފައި ނުވާނަމަ ތިބާ ތިއަވަނީ ފޭލްވެފައެވެ.

އަމިއްލައަށް ހިސާބުތައް ހަދައިލަބަލާށެވެ! ސުންނަތް ނަމާދުތައް ކުރުމުގައި ކުރި ހޯދިއްޖެ ހެއްޔެވެ؟ ކީރިތި ޤްރްއާން ކިޔެވުމުގައި ކުރި ހޯދިއްޖެހެއްޔެވެ؟ މީސްތަކުންނަށް ދީލަތިވުމުގައި ކުރި ހޯދިއްޖެ ހެއްޔެވެ؟ ޢާއިލާއަށް އެހީތެރިވެދީ އަޅައިލުމުގައި ކުރި ހޯދިއްޖެ ހެއްޔެވެ؟ ޛިކުރުކުރުމުގައި ކުރި ހޯދިއްޖެ ހެއްޔެވެ؟

ސުވާލުތަކުގެ ޖަވާބަކީ ކޮބައި ހެއްޔެވެ؟ މި އިމްތިޙާން ހަދަން އެއްވެސް މަރުކަޒަކަށް ދާކަށް ނުޖެހޭނެއެވެ. އެގްޒެމިނަރަކުވެސް ބޭނުމެއް ނުވާނެއެވެ! ތެދުވެރިކަމާއިއެކު އަމިއްލަ ނަފުސަށް ޖަވާބުދިނުމުން ނަތީޖާ އެނގިގެންދާނެއެވެ. ނުކުތް ނަތީޖާއަށް ބަލައި ބާކީ އޮތް ދުވަސްކޮޅުގައިވެސް އިތުރު ހިއްވަރާއިއެކު މަސައްކަތް ފަށާށެވެ. ސްކޯ ބޯޑު ބަދަލުނުވެ އޮތްނަމަ އަވަހަށް ބަދަލުކޮށްލާށެވެ!

ރަމަޟާން މަހާއި ކުރިމަތިލުމުގެ ފުރުޞަތު ލިބުމަކީ އިންސާނަކަށް ލިބޭނެ އެންމެ ބޮޑު ނިއުމަތެވެ. އެހެނީ ރަމަޟާން މަހުގެ ބޭނުން ހެޔޮ ގޮތުގައި ހިފިއްޖެނަމަ އެމީހަކަށް އެފެށެނީ މުޅިން އައު ބާބެކެވެ. ސަބަބަކީ ރަމަޟާން މަހުގެ ބޭނުން ހެޔޮ ގޮތުގައި ހިފިއްޖެ މީހާގެ އިސްވެ ގޮސްފައިވާ ހުރިހާ ފާފަތަކެއް މާތް ﷲ ފުއްސަވައިދެއްވަވާތީއެވެ!

މޭ ފުއްޕާފައި ފަޚުރުވެރިވާންވީ މުއްސަނދިކަން އިތުރުވުމަކުން ނޫނެވެ. ވިޔަފާރި ފުޅައުކުރެވުމަކުންނޫނެވެ. އިތުރު އަނބިންތަކެއް ހޯދިގެނެއްވެސް ނޫނެވެ. އިންސާނަކަށް ލިބޭނެ އެންމެ ބޮޑު ހިތް ހަމަޖެހުމާއި އުފަލަކީީ އެމީހެއްގެ އިސްވެ ގޮސްފައިވާ ފާފަތައް ފޮހެވިގެންދިއުން ކަމަށްވާތީއެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން -
މިއަދު އޮންލައިން