އެންމެ ގަޓްހުރި މުސްލިމަކީ ކާކު؟
"ފާފަ ކުރުން ޖެހެނީ ހުއްޓައިލާށެވެ. ފާފަކުރުން ހުއްޓައިލުމުން އެއީ ފިނޑިއެއް ކަމަށް ބުނިނަމަވެސް ފަރުވާލެއް ނެތެވެ. ޖެހޭނީ ފާފަކުރުން ހުއްޓައިލާށެވެ.
ނުރައްކައުތެރި ކަމަކީ ފާފައަށް އަރައިގަތުމެވެ. ކެރޭ މީހުންނަށް ވާންޖެހޭނީ ހެޔޮ ކަންކަމުގައި ވާދަކުރުމުގައެވެ. އެކަމުގައި ސިންގާއިންނަށްވުރެވެސް މާ ބޮޑަށް ހުޝިޔާރުވާންޖެހޭނެއެވެ.
(މާނައަކީ އަބަދުވެސް ހުންނަން ޖެހޭނީ ހެޔޮ ކަމެއް ކުރުމުގެ ފުރުޞަތަކަށް ބަލަބަލައެވެ. ލިބޭ ފުރުޞަަތުގެ ބޭނުން ހިފަން އަވަސްވެގަންނަން ވާނެއެވެ. ބަނޑިހައި ވެފައި އޮތް ސިންގާއަކަށް ޖަނަވާރެއް ފެނުމުން ޝިކާރަކޮށްލާ ވަރަށްވުރެ ވެސް އެކަމުގައި ހުޝިޔާރުވާންޖެހޭނެއެވެ.)
އަޅުގަނޑުމެންގެ ދީން އަޅުގަނޑުމެންނަށް ދަސްކޮށްދީފައިވަނީ އެގޮތެވެ."
ކަން މިހެން އޮތް ނަމަވެސް ޝައިޠާނީ އެޖެންޓުންނަށް ވެގެން މީސްތަކުން މަގުފުރައްދަން މަސައްކަތްކުރާ މީހުން ބުނާ ކަމެއް ނުކޮށްފިނަމަ ބުނާނީ އެއީ ފިނޑިއެއް ކަމަށެވެ. އެ ނަން ދިނުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. އެނަން ލިބުމަކީ އިންސާނަކަށް މިދުނިޔޭގައި ލިބޭނެ އެންމެ ބޮޑު ކުރިއެރުމެވެ.
އެހެނީ ހަމަ ހަޤީޤަތުގައިވެސް ފާފައިގެ ކުރިމަތީގައި ޖެހޭނީ ހަމަ ފިނޑިވާށެވެ. ސަލާމަތްވެވޭނީ ފާފައިގެ ކުރިމަތީގައި ފިނޑިވެ ފާފަ ނުކުރުމުންނެވެ. ފިނޑިއަކަށް ނުވުމަށް ފާފަކުރުމުން ވެއްޓިގެން އެދަނީ ނަރަކައިގެ އަލިފާނަށެވެ.
ފިނޑިއަކަށްވެގެން ނަމަވެސް ފާފަނުކުރުމުން ހަޤީޤަތުގައި ތިމާ ވެގެންއެދަނީ މިޒަމާނުގެ ބަހުރުވައިންނަމަ އެންމެ ގަޓްހުރި މީހާއަށެވެ. އެހެނީ ފާފަކުރާނަމަ އެކަމުން އެނގިގެންދަނީ ތިމާގެ އަމިއްލަ ނަފްސު ސަލާމަތްކުރުމުގައި ތިމާގެ އަމިއްލަ އެއްވެސް ބާރެއް ނެތް ކަމެވެ. ފާފަކުރުމަށް ލިބޭ ދައުވަތުތަކަށް ނޫނެކެވެ ބުނެ އަމިއްލަ ނަފްސް ކޮންޓްރޯލް ކުރުމުގެ ޤާބިލުކަން ލިބިފައިވުމަކީ ތިމާގެ އަމިއްލަ ނަފުސުގެ މައްޗަށް ތިމާގެ ފުރިހަަމަ ބާރު ފޯރުވޭކަން އަންގައިދޭ އެންމެ ވަރުގަދަ ހެއްކެވެ.
-- އިސްލާމީ ތިލަފަތުގެ ދަރުސަކުން