ޝައިޚް ޢަލީ ޒާހިރުގެ މި ދަރުސް އަޑުއަހާފަ ވެސް ދޮގުހެކި ދޭނަންތަ؟ ބުނާނީވެސް ތިމާއަކީ މުސްލިމެކޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 59ސ
ޝައިޚް ޢަލީ ޒާހިރުގެ މި ދަރުސް އަޑުއަހާފަ ވެސް ދޮގުހެކި ދޭނަންތަ؟ ބުނާނީވެސް ތިމާއަކީ މުސްލިމެކޭތަ؟
ކީރިތި ޤްރްއާނުގައި ﷲ ތަޢާލާ ވަޙީކުރައްވަވާފައިވެއެވެ. "ތިއަބައިމީހުން ބުދަށް އަޅުކަން ކުރުމަށް ގެންގުޅޭ ތަކެއްޗާއި (ﷲ ތަޢާލާ ފިޔަވައި އަޅުކަންކުރުމަށް ގެންގުޅޭ ތަފާތު ސާމާނުތައް) ތިއަބައިމީހުން ދުރުވެގަންނާށެވެ. އަދި ދޮގު ބުނުމުން ދުރުވެގަންނާށެވެ."

މިއާޔަތަށްބަލާއިރު މާތް ﷲ އަށް ޝިރުކުރުމާއި ޝިރުކުރަން ގެންގުޅޭ ތަކެއްޗާއި ދޮގު ބުނުމާއި މިވަނީ އެއްތަނަކަށް އެއްކުރައްވައިފައެވެ. އެކަމުގެ ސަބަބުން ކަމުގެ ނުރައްކައުތެރިކަން އިންތިހާއަށް އެނގިގެންދެއެވެ.

އަޅުގަނޑު ހިތަށް އަރާ މިފަދަ އަމަލުތައް ހިންގާމީހުން ﷲ ތަާލާއަށް ބިރުވެތި ނުވަނީ ބާވައެވެ! ޤިޔާމަތް ދުވަސް އެމީހުންނަށް ހަނދާންނުވަނީ ބާވައެވެ! ޤިޔާމަތް ދުވަހު ﷲ ތަޢާލާގެ ޙަޟްރަތަށް އޭނާ ހާޒިރުކުރެވޭނެކަން އޭނާ ހަނދާން ނުހުންނަނީބާވައެވެ! ނުވަތަ މާދަމާ ސަލާމަތްވާނެ އިތުރު ގޮތްތަކެއް އޭނާއަށް އޮތީ ބާވައެވެ! ހަމަގައިމުވެސް ނޯންނާނެ! އޭނާ ފިލަންދުވާނެ އަދި ފިލަންވަންނާނެ އެއްވެސް ތަނެއް ނުއޮންނާނެ!

އެދުވަހު ﷲ ތަޢާލާ އޭނާގެ ދޫ ބަންދުކުރެއްވެވުމަށްފަހުގައި އޭނާގެ އަތާއި ގުނަވަންތަކުން ހެކި ދޭނެއެވެ. ޤިޔާމަތް ދުވަހު، ތިމާ އެކަނިވެރިވާ ބިރުވެރި ދުވަހުގައި ކަންކަން ވެގެން ހިނގައިދާނެ ގޮތަކާއިމެދުގައި، ކައްވަޅުގައި އޭނާ އެކަނިމާއެކަނި އިންނަންޖެހޭ ހިނދުގެ މަތިން ހަނދާންކުރާ ހިނދުގައި ސިރާޠުމަގޭ ކިޔޭ މަގުން، ނަރަކައިގެމަތިން ބިރުވެރި ނާމާން ވަގުތުގެ މަތިން ހަނދާންވާ މީހަކު، ހަމަގައިމުވެސް ﷲ ތަޢާލާ މަނާކުރައްވަވައި ނަހީ ކުރައްވަވައި ޙަރާމް ކުރައްވަވާފައިވާ ދޮގުހެކި ދިނުމުގެ ބޮޑު ފާފައެއް ނުކުރާނެއެވެ. އެމިހާގެ ހިތުގައި އީމާންކަމުގެ ޒައްރެއްގެ މިންވަރުވެސް އެނބުރޭ މީހަކު ވެސް އެފަދަ ކަމެއް ނުކުރާނެއެވެ! އޭނާ ބިރުވެތިވާނެއެވެ!

އެކަމަކު ދުނިޔޭގެ ޙަޔާތް ޒަމާން ބަދަލުވަމުން އައިސް ފަނޑިޔާރުގޭގެ ކައިރީގައި ދޮގުހެކިދޭން ބޭނުންވެގެން ބައަކު ތިބޭނެ ދުވަސް އަންނާނެ ކަމަށާއި އެފަދަ މީހުން ތިބޭނީ ލާރިކޮޅެއް ލިބޭނަމަ އެކަންކޮށްދޭން ތައްޔާރަށް ކަމަށާއި އެފަދަ މީހުން މިހާރު އެބައުޅޭ ކަމަށް އެދަނީ ބުނެ ލިޔެ ހަދަމުންނެވެ.

މިއީ ވަރަށް ބިރުވެރިކަމެކެވެ. "ތިއަބައިމީހުންނަށްފަހު ބައަކު އަންނާނެއޭ، އެބައިމީހުން ޚިޔާނާތްތެރިވާނެއޭ އަދި އަމާނާތްތެރިއެއް ނުވާނެއޭ، އަދި ހަމަ އެގޮތަށް އެމީހުން ހެކިދޭނެއޭ އެމީހުންކައިރީގައި ނުއެދުނު ނަމަވެސް އަމިއްލައަށް އެދިގެން ނަމަވެސް ހެކިދޭނެއޭ. ދުނިޔަވީ ކޮންމެވެސް މަންފާއަކަށް." މިއީ ޞަޙީޙް ޙަދީޘްފުޅުން އެނގެން އޮތް ކަމެކެވެ. "ފައިސާކޮޅެއްގެ ބޭނުމުގަ، ނުވަތަ މަޤާމެއްގެ ބޭނުމުގަ ނުވަަތަ އެހެން ކޮންމެވެސް ކަމެއްގެ ބޭނުމުގެ އެމީހުން ހެކިދެނީ އެމީހުންގެ ކިބައިން ނުއެދުނު ނަމަވެސް. ހަމަ އެގޮތަށް އެމީހުން ނަދުރުބުނާނެއޭ ނަމަވެސް އެމީހުން ނަދުރެއް ނުފުއްދާނެއޭ."

މިއީ ވަރަށް ބިރުވެރި ނާމާން ކަމެކެވެ. އީމާންކަމާއި މުޅިން ދެކޮޅު ކަމެކެވެ. "ޞާލިޙް އަޅުން، އެމީހުންގެ ވާހަކަ ކީރިތި ޤްރްއާނުގައި ފްރްޤާން ސޫރަތުގައި މުއުމިން އަޅުތަކުންގެ ސިފަތައް ބަޔާންކުރައްވަމުން ވަޙީ ކުރައްވަވަނީ އެބައިމީހުންނަކީ މުއުމިން އަޅުންނަކީ ދޮގުހެކި ނުދޭ މީހުންނޭ."

ކޮންމެ ފަދަ ޙާލަތެއް ކުރިމަތިވި ނަމަވެސް، ކޮންމެ ފަދަ އަދަބެއް ދިންނަމަވެސް މަޤާމު ގެއްލުނު ނަމަވެސް، ނިކަމެތިވެ މުޖުތަމައުގައި ބާކީވެގެން ދިއަ ނަމަވެސް މުމިނުން ދޮގު ހެއްކެއް ނުދޭނެއެވެ. އެމީހުންނަކީ ދޮގު ހެކިދޭ ބައެއް ނޫނެވެ.

ދޮގު ހެކި ދިނުމަށް ރައްކައުތެރިވުމާއިއެކު ޙައްޤު ހެއްކެއް ދޭންޖެހޭ ދަނޑިވަޅެއްގައި ފޮރުވައިގެންވެސް ނުވާނެއެވެ. މާތް ﷲ ވަޙީ ކުރައްވަވަނީ "ތިއަބައިމީހުން ހެކި ނުފޮރުވާށެވެ. ހެކި ފޮރުވައިފި މީހާ އެ ނުބައި އަމަލުގެ ސަބަބުން އޭނާގެ ހިތް އެވަނީ ފާފަވެރިވެފައެވެ. އޭނާއަކީ ކުށްވެރިއެކެވެ." ހައްޤު ހެކި އެނގިހުރެ ފޮރުވައިފިނަމަ އެހެންމީހަކަށް އަނިޔާ ލިބުމުގެ ފުރުޞަތު އެބައޮތެވެ.

މިކަންކަމަށް އަޅުގަނޑުމެން ރައްކައުތެރިވާންޖެހޭނެއެވެ. އަޅުގަނޑުމެން ކުރާ އަމަލުތަކާއި ދުލުން ބޭރުކުރާ ބަސްތައް ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވެއެވެ. "ހިތާމައަކީ ބައެއް ފަހަރު ފަނޑިޔާރުގޭގައި ބައެއް ފަހަރަށް ޤާޟީންގެ ކުރިމަތީގަ، ހިނގާ ކަންކަމުގެ ތެރޭގައި ދެ ޚަޞްމުން ކުރީގައި ވާހަކަ ދައްކައި މުޢާމަލާތްތައްކޮށް ވިޔަފާރީގެ މުޢާމަލާތްތައް ކުރެވި އެކަކު އަނެކަކަށް ދަނެ އެނގި ވެފައިވާއިރު އެކަކު މިބުނަނީ ތިމަންނަ އާއި ބައްދަލުވެ ވާހަކަތަކެއް ދައްކައި މިވެނި ކަމެއް މިވެނި ގޮތަކަށް ހިނގިއެއް ނޫންހޭ؟ ހަމަ ބުނާއިރަށް ޤާޟީގެ ކުރިމަތީގައި މިބުނަނީ މިއީ ކާކުހޭ؟ ތިމަންނަ ދަންނަވެސް މީހެއް ނޫނޭ. ސުބްހާނަﷲ!"

ދުނިޔޭގައި މީސްތަކުންގެ ކުރިމަތީގައި ކަންތައްތަކެއް އޮޅުވައިލެވިދާނެއެވެ. ނަމަވެސް ޣައިބުގައިވާ ކަންތައްތަކާއި ހުރިހާ ކަންތައްތަކެއް މޮޅަށް ދެނެވޮޑިގެންވާ ﷲ ތަޢާލާގެ ކުރިފުޅުމަތީގައި ހަމަ އެންމެ ކަމެއްވެސް އޮޅުވައެއް ނުލެވޭނެއެވެ.

ޝަރީއަތަކީ ބޭރުފުށަށް ކުރެވޭ އެއްޗަކަށްވާއިރު މޮޅަށް ވާހަކަ ދައްކައިގެން މީހެއްގެ ޙައްޤެއް ދަމައިގެންފިނަމަ އޭނާ ދަމައިގަނެގެން އެގެންދަނީ ނަރަކައިގެ އަލިފާނުގެ ގުޅަވަރެއް ކަމަށާއި، އެމީހާ ބޭނުން ނަމަ އެއިގައި ހިފުމަށާއި ބޭނުން ނެތް ނަމަ ދޫކޮށްލުމަށް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ. އެހެންކަމުން މިއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ރައްކައުތެރިވާންޖެހޭ ބިރުވެރި އަދި ނުރައްކައުތެރި ކަމެކެވެ.

- ފަޟީލަތުއްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްގެ ދަރުސަކުން
މިއަދު އޮންލައިން