މާތް ﷲ އަހަރެން އިންސާނެއްގެ ގޮތުގައި ހެއްދެވީ، އަހަންނަށްވެސް ކުރެވޭނެ ކަމެއް އޮންނާނެތީ- ސަރިމް

ކިޔުމަށް ހޭދަވާނީ 2މ 22ސ
މާތް ﷲ އަހަރެން އިންސާނެއްގެ ގޮތުގައި ހެއްދެވީ، އަހަންނަށްވެސް ކުރެވޭނެ ކަމެއް އޮންނާނެތީ- ސަރިމް
މިއީ އުފެދުމުގައި ވެސް ހަށިގަނޑުގެ މަސްތަކުގައި ހުރި އުނިކަމެއްގެ ސަަބަބުން ޚާއްސަ އެހީއަށް ބޭނުންވެފައިވާ، ޕާކިސްތާނުގެ ސަރިމް ޙަސަން އަކީ ދިރިއުޅުމާމެދު ފޮނި ހުވަފެންތަކެއް ދެކޭ، ހިތްވަރުގަދަ ކުއްޖެކެވެ.

އޭނާ ބުނި ގޮތުގައި އޭނާ ދުވަހަކުވެސް ސްކޫލަކަށް ގޮސްފައެއް ނުވެއެވެ. ގްރޭޑް ހަތަރަކާއި ހަމައަށް ގޭގައި ޓިއުޝަން ނެގުމަށްފަހު އެކަން ވެސް ހުއްޓާލަން ޖެހުނީ ސަރިމް ގެ ހާލަތު ހުރިގޮތުން ކަމުގައި އޭނާ ބުންޏެވެ.

މިއީ ސަރިމް ހަސަން ގެ ހިތްވަރުގަދަ ބަސްތަކާއި، އޭނާގެ ވާހަކައެވެ. އަދި މުސްތަޤްބަލުގައި އޭނާ ބޭނުންވާ ކަންކަމެވެ.

"ދިރުއުޅުމާމެދު އަހަރެން ކުރިން ހުރީ ވަރަށް ބޮޑަށް ނާއުންމީދު ވެފައެވެ. ސްކޫލަކުން ތައުލީމް ހާސިލް ކުރަން އަހަންނަށް ނުދެވުނުއިރު، ގްރޭޑް ހަތަރަކާއި ހަމައަށް ގޭގައި ނަގަމުން އައި ޓިއުޝަން ވެސް ހުއްޓާލަން ޖެހުނީ، އަހަރެންގެ ހަށިގަނޑަށް އެއިރު ދިމާވަމުން އައި މައްސަލަތަކަކާއި ހެދިއެވެ.

އެއިރު އަހަރެން ވަރަށް ހިތާމަ ކުރީމެވެ. ދިރިއުޅުމުގެ މަޤްސަދަކީ ކޮބައިތޯ ވެސް ސުވާލު ކުރެވުނެވެ. އަހަރެންގެ ޙަޔާތް އަބަދުވެސް އެނބުރެމުން ދިޔައީ އަހަރެންގެ ފުރޮޅުލީ ގޮނޑިއާއި އެނދާއި ދެމެދުއެވެ. އެކަމާއި އަހަރެން މާޔޫސް ވިއެވެ.

ނަމަވެސް އެހެން އޮވެ އެއްދުވަހަކު އަހަރެން ވިސްނާލީމެވެ. އަހަންނަކީ ވެސް އިންސާނަކީމެވެ. އެހެން މީހުން ފަދައިން ނުވެވުނު ނަމަވެސް އަހަންނަކީ އިންސާނެކެވެ.

މާތް ﷲ އަހަރެން އުފެއްދެވީ ހިމާރެއް ނުވަތަ ގެރިއެއްގެ ސިފައިގައެއް ނޫނެވެ. އިންސާނެއްގެ ގޮތުގައެވެ. އެހެންކަމުން އަހަންނަށް ވެސް މިދުނިޔެމަތީގައި ކުރެވޭނެ ކަމެއް އޮންނާނެކަން އެނގުނެވެ. މާތް ﷲ އަހަރެން އިންސާނެއްގެ ސިފައިގައި ހައްދަވާނީ އެހެންމީހުންނަށް އެހީތެރިވުމަށްކަން އަހަންނަށް ވިސްނުނެވެ. އެހެންކަމުން އެހިސާބުން ރުއިން ހުއްޓާލާފައި, އެހެންމީހުންނަށް އެހީތެރިވުމަށް މަސައްކަތް ކުރަން އަހަރެން އަޒުމް ކަނޑައެޅީމެވެ.

އެގޮތުން އަހަންނަށް ކުރެވޭނީ ކޮންކަމެއްތޯ އެކުވެރި ރަޙުމަތްތެރިން ގާތު އަހާ، އެމީހުންގެ ޙިޔާލެއް ވެސް ހޯދާލީމެވެ. އެމީހުން ބުނީ ސޯޝަލް މީޑިއާ އަކީ ގިނަ މީހުންގެ ޙަޔާތް ބަދަލު ކޮށްލާފައިވާ އެއްޗެއް ކަމަށެވެ.

އެހެންކަމުން އަހަރެން ވެސް ސޯޝަލް މީޑިއާގައި 'ސަރިމްސް ސައިޓް' ގެ ނަމުގައި ޕޭޖެއް ހެދީމެވެ.

އަހަރެން ބޭނުންވީ އެޕޭޖު މެދުވެރިކޮށް ގިނަމީހުން އަހަރެން ދައްކާ ވާހަކަތަކުގެ އަޑު އަހާށެވެ. މީހުންނަށް އަންގައިދޭން އަހަރެން ބޭނުންވީ، އަހަރެންފަދަ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަކީ ވެސް މުޖުތަމައު އަށް ބޭނުން ހިފޭނެ ކުދިންކަން މުޅި ދުނިޔެއަށް އަންގާދޭށެވެ. އަދި އަހަރުމެންފަދަ ކުދިންނަށް ވެސް ލިބުން ޙައްޤުވާ ތައުލީމު ލިބޭނެ ސްކޫލެއް ވެސް ގާއިމް ކުރެވެން އަހަރެން ބޭނުންވިއެވެ.
މުޖުތަމައުއަށް ފައިދާ ކުރާނެ މީހެއްގެ ގޮތުގައި އަދި ހެޔޮ ގޮތުގައި މަޝްހޫރުވާން އަހަރެން ވެސް ބޭނުންވިއެވެ."

މިއީ ސަރިމް ހަސަން ގެ ވާހަކައެވެ.

https://www.youtube.com/watch?time_continue=68&v=mAgscVN5VJE




މިއަދު އޮންލައިން