އެއްވެސް މީހަކު ތަޅެއް ނުއުފައްދައި ތަޅުދަޑިއެއް ނުއުފައްދާނެއެވެ. މާތްﷲ ޙައްލެއް ނެތި މުޞީބާތެއްވެސް ކުރިމައްޗެއް ނުކުރައްވަވާނެއެވެ.
ކޮންމެ ބަލިމަޑުކަމަކާއިއެކު ޝިފާއެއްވެސް ވެއެވެ. އިންސާނުންނަށް ނުއެނގެނީ އެވެ. ފަރުވާ ހޯދަން އިންސާނުންނަށް ކުރިން ނުއެނގުނު އެތައް ހާސް ބަލިތަކަށް މިހާރުވެސް ވަނީ ފަރުވާ ހޯދިފައެވެ. އަދި މިހާރުވެސް ދަނީ ބޭހާއި ވެކްސިންތައް ހޯދެމުންނެވެ.
ކެންސަރު ބައްޔަށް ބެލި ނަމަވެސް ފަރުވާ ދިނުމުގައި ތަފާތު ކުރިއެރުންތައް ހޯދެމުން އައިސް ނަގާ ލޭ ކޮޅަކުން ބަލި ހުރިކަން ދެނެގެނެވިދާނެ ވަރަށް ކަންތައްތަކުގައި މިވަނީ ކުރި ހޯދިފައެވެ.
ކަން މިހެން ހުރި ނަމަވެސް ހިތާމައަކީ މިފަދަ ކަންކަމާއިމެދު ވިސްނައި ފިކުރުކުރާ މީހުންގެ އަދަދު މަދުކަމެވެ. މާތްﷲ އިންސާނުންނަށް ޢިލްމު ދެއްވެވުމުން ބަލައިގަންނަން ވެސް މިއަދު ނުއެނގޭކަން އެއީ އެންމެ ބޮޑު އެއް ހިތާމައެވެ.