ތިއައީ ގިނައިން ނެގި ވަރަކަށް އިތުރުވާ ޖާޑިއެއް ﷲ ދެއްވެވީމާވެސް ނަގަން ނުކެރިފައި ހުރި އަދި އެއިން ޞަދަޤާތެއްވެސް ކުރަން ނުކެރިފައި ހުރި ދަހި މީހެއް ހެއްޔެވެ؟ ނުވތަ ނޫން ހެއްޔެވެ؟ ޓެސްޓްކޮށްލަމާ ހިނގާށެވެ!
ދަހިވެތިވުމުގެ މާނައަށް ބަލައިފިނަމަ އެއީ މުށްބާރުކުރުމެވެ. މުށް ބާރުކުރުމަކީ އެމީހެއްގެ އަތުގައި އޮންނަ އެއްޗެއް އެހެން މީހަކަށް ނުދީ ހިފެހެއްޓުމެވެ
ދުޢާ ކުރާއިރު އެންމެ ދަހި މީހުންނަކީ އެމީހުންގެ އަމިއްލަ އެދުމާއި ދަހިވެތިވެތިކަން ބޮޑުވެ ދުއާ ކުރުމުގައި އުންމަތްމަތިން ހަނދާންނައްތައިލާ މީހުންނެވެ. ގިނަ ފަހަރަށް މިފަދަ މީހުން އެމީހުންގެ އަނބިންް، ފިރިން، ދަރިން އަދި މައިން ބަފައިންގެ މަތިންވެސް ހަނދާނެއް ނުކުރެއެވެ.
ޢާއިލާއަށާއި މުޖުތަމައުއަށް ފައިދާހުރި ކަންކަން ކުރަން އަމިއްލަ ޖީބުން ފައިސާ ޚަރަދުކުރަން ޖެހުނު ނަމަވެސް ދުޢާކުރުމަކީ އެކަމެއް ކުރަން ތިމާގެ އަތުން ހަމަ އެންމެ ލާރިއެއްވެސް ޚަރަދުކުރަންޖެހޭ ކަމެއް ނޫނެވެ.
ހަމައެކަނި ބޭނުންވަނީ ތިމާ ކުރާ ދުޢާތަކުގައި ޢާއިލާ އާއި މުޖުތަމައުގެ ކަންކަން ހިމަނައިލުމެވެ. ތިމާއަށް ފައިދާ ހުރި ގޮތްތަކާއި ކަންކަމަށް އެދޭ ފަދައިން ޢާއިލާގެ މީހުންނަށާއި މުޅި މުޖުތަމައުއަށް ވެސް އެފަދަ ގޮތްތައް މެދުވެރިކޮށް ދެއްވެވުން އެދި ދުޢާކުރުމެވެ.
ކަން މިހެން އޮތް ނަމަވެސް ގިނަ މީހުންގެ ދަހިވެތިކަން ބޮޑުކަމުން ދުޢާކުރާއިރު އަމިއްލަ މައިން ބަފައިންނާއި އަނބި ދަރިން މަތިންވެސް ހަނދާނެއް ނުހުރެއެވެ. އަދި މުޖުތަމައުގެ މަތިން ކުޑަކޮށްވެސް ހަނދާނެއް ނުހުރެއެވެ.
ގާތް ރަޙްމަތްތެރިޔާ ހޮސްޕިޓަލުގައި އޮވެ މަރާއި ހަނގުރާމަކުރަމުންދާ ކަމެއްވެސް ހަނދާނަކު ނުހުރެއެވެ. އަވަށްޓެރިޔާ ނުކައި ބަނޑަށް ހުރި ކަމެއްވެސް ހަނދާނަކު ނުހުރެއެވެ.
އަޅެ ނިކަން ވިސްނައިބަލާށެވެ. އެހެން މީހުންނަށް ހެޔޮ އެދި ދުޢާކުރީމާ ތިބާއަަށް އުނިވަނީ ކޮން ކަމެއް ހެއްޔެވެ؟ އެއްވެސް ކަމެއް އުނިނުވާއިރު އެކަން މާތް ﷲ ހިމަނުއްވަވާފައިވަނީ އެކަން ކުރާ މީހަކަށް އެކަމުން އިތުރު ފައިދާ ލިބޭ ގޮތަށެވެ. މިބުނަނީ އެހެން މީހުންނަށް ހެޔޮ އެދިގެން ދުޢާކުރުމަކީ މާތްﷲ ގިނަގުނަ ސަވާބާއި ދަރުމަ ދެއްވަވާނެ ކަމެކެވެ.
ބައެއް އިލްމުވެރިން ވިދާޅުވަނީ ދުޢާކުރުމުގައި އެހެން މީހުންގެ މަތިން ހަނދާ ނުކުރާނީ ދަހިވެތި މީހުން ކަމަށެވެ. ޚާއްޞަކޮށް އެމީހެއްގެ ޢާއިލާ އާއި އަވަށްޓެރިންގެ މަތިން ހަނދާން ނުކުރާނަމަ އެއީ ދަހިވެތިކަން ހެއްދުފަހަނައަޅައިފައިވާ މީހެއް ކަމަށެވެ.
ރަމަޟާން މަސް ފެށި ދެބައިވީއެވެ. ދުޢާކުރުން ވީހައި އިތުރުކުރަންވީއެވެ. އިލްތިމާސަކީ ކުރާ ދުޢާތަކުގައި ތިމާގެ ބޭނުންތައް ހިމަނާ ފަަދައިން އާއިލާ އާއި މުޖުތަމައުގެ މައްސަލަތައްވެސް ހިމަނައިގެން ދުޢާކުރުމުގެ ހެޔޮ ވިސްނުން ލިބުމެވެ.
-- އިސްލާމީ ތިލަފަތުގެ ދަރުސަކުން