ނުވެސް އެނގިތިއްބާ މެދު ޖެހިއްޖެ - ލޮންސިއެއް ފަދައިން އޮއްސުމުގެ ކުރިން ހަފޮޅުން އެތެރެވެވޭނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ނުވެސް އެނގިތިއްބާ މެދު ޖެހިއްޖެ - ލޮންސިއެއް ފަދައިން އޮއްސުމުގެ ކުރިން ހަފޮޅުން އެތެރެވެވޭނެތަ؟
ދަތުރަށް ފެށީ މީގެ 14 ދުވަސްކަން ހަނދާންހުރީ ކާކުހެއްޔެވެ؟ ނަމަވެސް 14 ދުވަސް ފާއިތުވެ މިއަދަކީ 15 ވަނަ ދުވަހެވެ. ދަތުރު ދެބެއިވީއެވެ. މެދުޖެހުނީއެވެ. ދެން އޮންނާނީ އޮއްސުމެވެ. އަރާ ބާރަށްވުރެ އޮއްސޭ ބާރު މާގަދަވާނެއެވެ. ގާބުރިއެއް މައްޗަށް އެއްލީމާ އަރާބާރަށްވުރެ ވެއްޓޭ ބާރު ގަދަވާފަދައިންނެވެ.

މިހުރިހާ ވާހަކައެއްވެސް މިދެއްކީ މިއަދަކީ ރަމަޟާން މަހުގެ 15 ވަނަ ދުވަސްކަން ހަނދާންކޮށް ދިނުމަށެވެ. ދެން ގިނަވެގެންވެސް އިތުރަށް ހިފަންޖެހޭނީ 15 ރޯދައެވެ. އެހެންކަމުން މިއަދަކީ ރަމަޟާން މަސް ފުރިހަމައަށް ދެބައިވީ ދުވަސްކަން ހަނދާންކޮށްދިނުމަށެވެ.



ލޮބުވެތިއަޚުންނޭވެ! ރަމަޟާން މަހުގެ ދުވަސްތައްވެސް ދުވަމުން މިދަނީ ކޮންކޯޑަށްވުރެ ވެސް ބާރުމިނުގައެވެ. އިސާހިތަކު އަތް ނުފޯރާ ފަށަށް ގޮސް ލޯމަތިން ގެއްލިގެން ހިނގައިދާނެއެވެ. އެކަން އެގޮތަށްވުމުގެ ކުރިން ކޮންމެހެން ކުރަންޖެހޭ ކަމެއް އެބައޮތެވެ. އެއީ (ދިވެހި ބަހުގައި ކިޔާ ގޮތަށް ނަމަ) ހަފޮޅުން އެތެތެރެވުމެވެ.

ރޯދައިގައި ހަފޮޅުން އެތެރެވުމަކީ ކޮބައިކަން އެނގެނީ ކޮންބައަކަށް ހެއްޔެވެ؟ ރޯދައިގައި ހަފޮޅުން އެތެރެވެވުމަކީ ކުރަންފެށި ދަތުރު ކާމިޔާބުކަމާއިއެކު ނިންމައިލެވުމެވެ. މާނައަކީ ރޯދަ މަސް ނިމިގެންދާއިރު ތިމާއަކީ އުމުރުގެ މިހައި ތަނަށް ކުރެވިފައިވާ ފާފަތައް މާތް ﷲ ފުއްސަވައިދެއްވަވާފައިވާ މީހަކުކަމުގައި ވުމެވެ.

ތިމާއަކީ މި ރަމަޟާން މަހު ކުރި އަޅުކަމުގެ ސަބަބުން ކުރީގެ ފާފަތައް ފުހެވި އަލުން އައު ޙަޔާތެއް ފަށަން ފުރުޟަތު ލިބުނު މީހުންގެތެރޭގައި ނުހިމެނިއްޖެނަމަ ހަމަކަށަވަރުން ތިބާ ވާހުށީ ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން -
މިއަދު އޮންލައިން