އިޚްލާޞްތެރިކަމާއެކު ދުޢާކޮށްފި ނަމަ ހުސްއަތާ ރައްދުކުރައްވަވަން ﷲ ލަދަދުވެތިވެވޮޑިގަންނަވާ!: ޝައިޚް ސަމީރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 28ސ
އިޚްލާޞްތެރިކަމާއެކު ދުޢާކޮށްފި ނަމަ ހުސްއަތާ ރައްދުކުރައްވަވަން ﷲ ލަދަދުވެތިވެވޮޑިގަންނަވާ!: ޝައިޚް ސަމީރު
މީސްތަކުން ކުރާ އަޅުކަމަށް ބަލައިފިނަމަ ﷲ ތަޢާލާ ދީނުގައި ލައްވަވާފައިވާ ކޮންމެ އަޅުކަމެއްގެ ކަމެއްގެ އަސާސަކީވެސް ކީރިތި ޤްރްއާން ކަމުގައި ފެންނާނެއެވެ. އެހެންވެ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ ޙަދީޘްފުޅެއްގައިވަނީ އަޅުކަމަކީ ދުޢާ ކަމަށެވެ. ނުވަތަ ދުޢާކުރުމަކީ އަޅުކަން ކަމަށެވެ. ދުއާއަކީ އަޅުކަމުގެ ސިކުނޑިއެވެ. ދުޢާގެ މައިގަނޑު މަޤްޞަދަކީ އަޅާ އާއި މާތް ﷲ އާއި ދެމެދުގައި އޮންނަ ގުޅުން ގާތްކޮށްދިނުމެވެ.

ދުޢާގެ މަޤްޞަދަކީ ހުރިހާ ވަގުތެއްގައިވެސް އޭނާގެ ހިތުގައި ﷲ ގެ މަތިވެރިވަންތަކަމާއި ހައިބަވަންތަކަމާއި އެއިލާހަށް އޭނާ ހާޖަތްތެރިވެގެންވާކަމާއި އޭނާއަށް ކުރިމަތިވެފައިވާ ގިލަންވެރިކަމާއި ބޭނުންތައް ފުއްދައިދޭނެ އެހެން ފަރާތެއް ﷲ ފިޔަވައި ނެތްކަން އޭނާގެ ހިތުގައި އަބަދުވެސް ދެމިއޮތުމެވެ.

މާތް ﷲ ގެ ޒާތުފުޅާއި ގުޅޭ ގޮތުން މީސްތަކުން ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ސުވާލުކުރައްވައިފިނަމަ ޖަވާބު ދެއްވަން މާތް ﷲ ވަހީ ކުރައްވަވާފައިވަނީ މިފަދައިންނެވެ. "ތިމަންގެ އިލާހްއީ ކުއްތަންވެވޮޑިގެންވާ އިލާހްއެވެ. ތިމަން ﷲ އަށް ދުޢާއެއް ކޮށްފިކަމުގައިވާނަމަ އެ ދުޢާއަކަށް ތިމަން ﷲ އިޖާބަ ދެއްވަވާ ހުށީމެވެ. ފަހެ އެބައިމީހުން ތިމަން އިލާހަށް އީމާންވާށެވެ. ތިމަން އިލާހަށް ދުޢާ ދަންނަވާށެވެ. އެއީ އެބައިމީހުންނަށް ތެދުމަގާއި ހިދާޔަތު ލިބުމަށްޓަކައެވެ.

މާތް ﷲ ގެ ހަޟްރަތުގައި ދުޢާ ދަންނަވަންޖެހެނީ އަޅުގަނޑުމެންގެ ނިކަމެތިކަން ދައްކައި މާތް ﷲ ގެ ޙަޟްރަތުން ހުރިހާ ކަމަކަށް ބޭނުންވެގެންވާކަން ދެއްކުމަށްޓަކައެވެ. ގިނަގިނައިން ދުޢާކުރުމަކީ މާތް ﷲ އާއި ތިމާ ގާތްކޮށްދޭ ކަމެކެވެ.

"އަޅުގަނޑުމެން އަޅުގަނޑުމެންގެ ލޯބިވާ ފަރާތެއްގެ ގާތަށް ގޮސްފިނަމަ އަޅުގަނޑުމެން އެދޭކަންތައްތައް ކޮށްދޭން ވަރަށް ބޮޑަށް އެދޭނެ. އެހެނީ ކަންކަން ކޮށްދީ ހަދިޔާ ބަދަލުކުރުން އެއީ ލޯބި އިތުރުކޮށްދޭ ކަމެއް. އަޅުގަނޑުމެން މުއްސަންޖެއް ގާތަށް ދިއަނަމަވެސް އެމިހާއަކީ އަޅުގަނޑުމެންދެކެ ލޯބިވާމީހެއް ކަމުގައި ވަނީ ނަމަ އަޅުގަނޑުމެން އެދޭ ކަމެއް ކޮށްދޭން އެމީހަކު ބޭނުންވާނެ. އަދި އެމީހާ ގާތަށް އަޅުގަނޑުމެން ދިއުމަށްވެސް އޭނާ ބޭނުންވާނެ. އެއީ އަބަދުވެސް އެގުޅުން ދެމެހެއްޓުމަށްޓަކައި."

ނަމަވެސް ދުނިޔަވީ އުޞޫލަށް ބަލާއިރު މާގިނައިން މީހެއްގެ ގާތުގައި ކަންކަންކަމުގައި އެދޭނަމަ އެމީހާގެ ހިތަށް ނަފްރަތު ވަންނަން ފަށައެވެ. ގިނައިން އެދުމުން ހިތްހަމަނުޖެހޭތަންވެސް އާދެއެވެ. ކިތަންމެ ބޮޑު މުއްސަންޖެއް ނަމަވެސްމެއެވެ. ނަމަވެސް އެމީހެއްގެ ގާތް، އެމީހަކަށް ހެޔޮއެދޭ މީހަކު އައިސް ކަަމަކަށް އެދުމުން އެކަން ކޮށްނުދީ ދޫކޮށްލުމަކީ ތަނަވަސްކަމުގެ އަހުލުވެރިން ކުރަން އެކަށީގެންވާ ކަމެއް ނޫނެވެ. އެކަން އެގޮތަށް ކުރަން ހަޤީޤަތުގައި އޭނާ ލަދުގަންނަން ޖެހޭނެއެވެ.

އިންސާނުން އިންސާނުން ދެކެ ލަދުގަތުމަކީ ވަރަށް އާދައިގެ ކަމެކެވެ. އެހެންނަމަވެސް ﷲ ސުބްހާނަޙޫ ވަތަޢާލާ އަކީ މުޅި ކާއިނާތުގެ ވެރި ރައްބުއެވެ. އެފަދަ މަތިވެރިކަން ލިބިވޮޑިގެންވާ އިލާހް، އެކަލާނގެ އަޅުންކަމުގައިވާ އިންސާނުން ދެކެ ލަދުވެތިވެވޮޑިގަންނަވާ ކަމުގެ ވާހަކައަކީ އާދައިގެ ވާހަކައެއް ނޫނެވެ.

ކީރިތި ރަސޫލާ (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވެއެވެ. "ﷲ ސުބްހާނަހޫ ވަތަޢާލާއީ ދީލަތިވަންތަ އޯގާތެރިވަންތަ ރަސްކަލާނގެއެވެ. އެކަލާނގެ އެކަލާނގެ އަޅާގެ ކިބައިން ލަދުވެތިވެވޮޑިގަންނަވައެވެ. (ކޮން ޙާލަތެއްގައިތޯ؟) އެކަލާނގެ އަޅާ، އެކަލާނގެ ޙަޟްރަތުގައި ދެއަތް އުފުލާލައި ދުޢާކޮށްފި ނަމަ އެދެއަތް ހުސްއަތާ ރައްދުކުރައްވަވަން ﷲ ލަދަދުވެތިވެވޮޑިގަންނަވައެވެ."

ދުނިޔޭގެ އެންމެން އެދޭ ކަންކަން ފުއްދަވައި ދެއްވެވި ނަމަވެސް އެކަލާނގެ ޚަޒާނާއިން ޒައްރެއްގެ މިންވަރުވެސް މަދުވެގެނެއް ނުވެއެވެ. އަޅުގަނޑުމެން އިޚްލާޞްތެރިކަމާއިއެކު އެކަލާނގެ ޙަޟްރަތުގައި ކަމަކަށް އެދި ދަންނަވައިފިނަމަ ފުއްދަވައި ނުދެއްވަވައި ދޫނުކުރައްވަވާނެތެވެ. އެކަމުގެ ޔަޤީންކަން، ހުސް އަތާ އަޅުގަނޑުމެން ދޫނުކުރައްވަވާނެކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑުމެންނަށް އޮންނަން ޖެހޭނެއެވެ.

- މިއަދުގެ ޢަޞްރު ނަމާދަށްފަހު މަސްޖިދު މުޙައްމަދު ތަކުރުފާނުލްއަޢްޒަމްގައި އައްޝައިޚް އަހްމަދު ސަމީރު ދެއްވި ދަރުސް


(މިދަރުސަށް ބަލާއިރު ނިކަމެތިން އެމީހުންގެ ބޭނުންތައް ނުފުދިގެން ސަލާން ޖަހަން ދިއްކޮށްލާ އަތުގައި ކޮޅުފައިން ޖަހަން މަހުޖަނުން ބިރު ނުގަންނަނީ ﷲ ގެ ދީލަތިވަންތަކަން ޤަބޫލު ނުކުރާތީ ނުވަތަ ނުވެސް އެނގޭތީ ހެއްޔެވެ؟ އެހެނީ އެމީހުންނަށް މުއްސަނދިކަން މިންވަރު ކުރެއްވެވި ދީލަތިވަންތަ މާތް ﷲ މީސްތަކުންނާއިމެދު ކަންތައްތައް ކުރައްވަވަނީ އެގޮތަކަށް ނޫނެވެ.)
މިއަދު އޮންލައިން