އެއްވެސް މީހަކީ މުޞީބާތެއް ކުރިމަތި ނުވެ ހުރެވޭނެ މީހެއް ނޫނެވެ. އެންމެންނަށްވެސް މުޞީބާތްތައް ކުރިމަތިވާނެއެވެ. ކޮންމެ މުޞީބާތަކީވެސް އިމްތިޙާނެކެވެ. މާތް ﷲ މީސްތަކުން އިމްތިޙާން ކުރައްވަވަނީ ތަފާތު ގޮތްގޮތުންނެވެ.
މުޞީބާތުގެ ވަގުތުގައި އަމަލުކުރަން ކުރަންޖެހޭ ދެ ކަމެއް މާތް ﷲ ވަނީ ކީރިތި ޤްރްއާނުގައި ބަޔާންކޮށްދެއްވަވައިފައެވެ. ބަޤަރާ ސޫރަތުގެ 153 ވަނަ އާޔަތުގައެވެ. "އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ކެތްތެރިކަމާއިއެކު ނަމާދުކުރުމުން ތިއަބައިމީހުން ވާގިއެދޭށެވެ. ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ ކެތްތެރިންނާއިއެކުގައެވެ."
ކެތްތެރިވުމުގައިވެސް މިންގަނޑުތަކެއް ހުރެއެވެ. އެކި މީހުންނަށް އަމަލުކުރެވެނީ އެކި މިނަށެވެ. ކެތްތެރިކަމުގެ އެންމެ މަތީ މިންވަރަކީ ކެތްތެރިވީވަރުން ގޮސް އެމީހަކަށް މުޞީބާތެއް ނުވަތަ ތަކުލީފެއް ކުރިމަތިވެގެން އުޅޭކަންވެސް އެހެން މީހަކަށް ނުއެނގޭ ވަރަށް ކެތްތެރިވުމެވެ.
ކެތްތެރިކަމަށް އެދޭމީހާއަށް ކުރެވިދާނެ ކިތަންމެ ކަމެއް އެބަހުއްޓެވެ. ރޯދަ ހިފުމަކީވެސް ކެތްތެރިކަން ލިބިގަތުމަށް އޮތް ވަރަށް ފުރިހަމަމަގެކެވެ. ހަމަ އެއާއިއެކު "ކެތްތެރިވާން ބޭނުންމީހާއަށް އެކަމަށް މާތް ﷲ މަގުދައްކަވާނެ ކަމާއި އެމިހާއަށް މާތް ﷲ ކެތްތެރިކަން ދެއްވަވާނެކަން" ޞަޙީޙް ޙަދީޘްފުޅުން އެނގެން އެބައޮތެވެ.
ވީމާ އަޅުގަނޑުމެންނަށް އޮތީ ކެތްތެރިވާން މަސައްކަތްކުރުމެވެ. ކެތްތެރިކަން މިންވަރުކުރެއްވެވުން އެދި ދުޢާ ކުރުމެވެ. ދުޢާކުރާ މީހާއަށް ކެތްތެރިކަން ދެއްވަވާނެކަން މި ބަޔާންކުރި ޙަދީޘްފުޅުން އެނގިގެންދެއެވެ.
ޢާއިޝަތުގެފާނުގެ އަރިއަހުން ރިވާވެގެންވެއެވެ. ކައު އިތުރު ރަސޫލާ މުޙައމަދު (ޞޢވ) އަށް މުޞީބާތެއް ކުރިމަތިވެވަޑައިގެންފިނަމަ އަބަދުވެސް އެންމެ އަވަސްވެވަޑައިގަންނަވަނީ ނަމާދުކުރުމަށެވެ.
ކަން އޮތީ މިމަގުން ނަމަވެސް ގިނަ ބައަށް މިކަން ވަނީ އޮޅިފައެވެ. އަވަސްވެގަންނަނީ ކޮންމެވެސް އެހެން މީހެއްގެ އެހީތެރިކަން ހޯދުމަށެވެ. އެކަމުގެ ނަތީޖާ ފެންނަނީ ވަރަށް ނުބައިކޮށެވެ. ގިނަ ފަހަރަށް އޮންނަނީ ހާލަތުގެ ނާޖާއިޒު ފައިދާ ކޮންމެވެސް ގޮތަކުން އެމީހަކު ނަގައިފައެވެ. އެ ފުރުޞަތު ނުދޭށެވެ.
ކެތްތެރިވުމުގެ މުހިންމުކަން އެނގިގެންދާ ގޮތްތައް ވަރަށް ގިނައެވެ. އެއްކަމަކީ އީމާންކަން ފުރިހަމަވަނީ ކެތްތެރިވުމުންނެވެ. ކެތްތެރިކަން ނެތް މީހާގެ އީމާންކަން ފުރިހަމައެއް ނުވާނެއެވެ. ހަމައެއާއިއެކު މާތް ﷲ، ކައު އިތުރު ރަސޫލާއަށް އެންމެ ފުރަތަމަ ކުރެއްވެވި އަމުރުފުޅަކީވެސް ކެތްތެރިވެވަޑައިގަތުމަށް ކުރެއްވެވި އަމުރުފުޅު ތަކުގެ ތެރޭގައި ކެތްތެރިވެވަޑައިގަތުމަށް ކުރެއްވެވި އަމުރުފުޅު ހިމެނުމުން ކެތްތެރިވުމުގެ މުހިންމުކަން އެނގިގެންދެއެވެ.
- ލަވް އިސްލާމްގެ ދަރުސަކުން -