ތެދު ހުވަފެން ފެނުމަކީވެސް ޤިޔާމަތް ކައިރިވެއްޖެ ކަމުގެ ޢަލާމާތެކެވެ. "ފަހު ޒަމާނަށް އައިސް މީހުން ނުބައިވެގެންގޮސް ނުބައެއް ރަނގަޅެއް ހެވެއް ނުއެނގޭ ޒަމާނުގައި ޞާލިޙް ރަނގަޅު މީހުންނަށް ތެދު ހުވަފެން ފެންނާނެއެވެ. އޭނާ ހެނދުނު ތެދުވާ ހިނދުގައި ހުވަފެނުގައި އޭނާއަށް ފެނުނު ގޮތަށް ކަން ހިނގާފައިވާތަން އޭނާއަށް ފެންނާނެއެވެ." މިއީ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ ޙަދީޘްފުޅެކެވެ.
މަޙްދީގެފާނާއި ޢީޞާގެފާނު ފައުޅުވެވަޑައިގަތުމުގެ ކުރިން މީސްތަކުން ޖާހިލުވެގެންގޮސް ނުބައެއް ރަނގަޅެއް ވަކިކުރަން ނުއެނގޭ މިންވަރަށް ޖާހިލުކަން ފެތުރިގެންދާނެއެވެ. އެފަދަ ޒަމާނުގައި ޞާލިޙް އަޅުންނަށް މަގު ފެނިގެންދަނީ އެމީހުންނަށް ފެންނަ ތެދު ހުވަފެންތަކުންނެވެ.
ކަންމިހެން އޮތް ނަމަވެސް އެއްވެސް މީހަކަށް ފެންނަ ހުވަފެނަކުން ޝަރުޢީ ޙުކުމްތައް ނެގުމެއް ނެތެވެ. ޝަރުޢީ ޙުކުމްތައް ނަގަންޖެހޭނީ ކީރިތި ޤްރްއާނާއި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ ސުންނަތުންނެވެ. މީސްމީހުންނަށް ފެންނަ ހުވަފެނުގައި ދެކެވޭ ވާހަކަތަކާއި ދުޢާތައް ނަގައި އަމަލުކުރުމެއް ނެތެވެ.
- އައްޝައިޚް ނިމާލް މުޙައްމަދު ފުރްޤާން މިސްކިތުގައި ދެއްވި ދަރުސަކުން