ރޯދަ މަސް ދެބައިވެ އިތުރުވީއެވެ. ދުނިޔޭގެ ރޯދަމަހުން މިއަދު 16 އެވެ. ރާއްޖޭގެ ރޯދަމަހުން މިއަދު 17 އެވެ. އެހެންކަމުން ރޯދަ މަސް ކިތަންމެ ރަނގަޅަކަށްވެސް މިހާރު މިވަނީ ދެބައި ވެފައެވެ.
ކޮންމެ މީހަކީވެސް ވީހައި ގިނަ ހެޔޮކަން ކުރަން ބޭނުންވެގެން ހުންނާނެ މީހެކެވެ. އެއިގެ ތެރޭގައި ތިމާގެ އަނބިމީހާ ވެސް ހިމެނޭކަން ޤަބޫލުކުރަންވާނެއެވެ. ރޯދަ މަސް އައުމުން އަނބިމީހާގެ ހަމަ އެކަނި ވަޒީފާއަކީ ކެއްކުމާއި ކާން ހަދައިދިނުމާއި ތަށި ތެލި ދޮވުން ކަމަށް ހަދައި ނިންމާލައިގެން ނުވާނެއެވެ.
އަނބިމިހާއަށް އަޅުކަމުގައި އުޅޭނެ ވަގުތު ލިބޭނީ ފިރިމީހާ އެކަމަށް އެހީތެރިވެދީގެންނެވެ. ދެމަފިރިން އެކުގައި ގުޅިގެން ކަންކަން ކޮށްގެންނެވެ.
އެހެންކަމަށްވާއިރު ގޭތެރޭގެ އާއި ބަދިގޭގެ އަދި ދަރިންގެ ހުރިހާ ކަމެއް އަނބިންގެ ބޮލަށްޖަހާފައި ތިމާ ގޮސް ކުޅިވަރުކުޅެ ރައްޓެހިންނާއިއެކު ވަގުތު ހޭދަކުރާނަމަ އެކަން އޮގޮތަށް ކުރާ މީހުން ހިފާ ރޯދައިގައި މައްސަލައެއް އެބަ އުޅެއެވެ. ކޮންމެވެސް ދިމާތަކަކުން ދާނީ މައިނަސްވަމުންނެވެ.
ވީމާ ހިފާ ރޯދަ ފުރިހަމަކުރުމަށްޓަކައިވެސް އަނބިންނަށް އެހީތެރިކަން އިތުރުކުރަން ޖެހެއެވެ. އެކަން މުފްތީ މެންކުގެ މި ބަސްފުޅުތަކުންވެސް އެނގިގެންދެއެވެ.
"މިއީ ރަމަޟާން މަހެވެ. އަނބިންނަށް އެހީތެރިވުމުގައި ނަމޫނާ ދައްކަންޖެހޭ މަހެވެ. އެކުގައި ކަންކުރުމުގެ އިތުރުން އެކުގައި އަޅުކަން ވެސް ކުރުން އިތުރުވެގެންވާ މައްސަރެވެ. ރޯދަވެރިޔާގެ ރޯދަ ފުރިހަމަ ވާނީ މިފަދަ ހުރިހާ ކަމެއް ފުރިހަމަވެގެން ދިއުމުންނެވެ. އެންމެ ހެޔޮ ލަފާ މީހާއަކީ އެމީހެއްގެ އަނބިންނަށް އެންމެ ހެޔޮ މީހާއެވެ. އެކަން ސާބިތުކޮށް ދައްކައިދެވިއްޖެނަމަ ރަމަޟާން މަހު ހިފާ ރޯދަ އެތައް ގުނައަކަށް އިތުރަށް ފުރިހަމަވެގެންދާނެއެވެ."