މިސްކިތްތައް ބިނާކުރުމުގައި މިސްކިތުގެ ބޮޑުމިނާއި ފުރިހަމަކަމުގައި ވާދަކުރުމަކީ ޤިޔާމަތުގެ އަލާމާތްތަކުގެތެރޭގައި ހިމެނޭ ޢަލާމާތެކެވެ.
ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައި ވަނީ "ޤިޔާމަތުގެ އަލާމާތެކޭ މިސްކިތްތައް ބިނާ ކުރުމުގަ އެއްބައަކު އަނެއް ބައަކު ފަޚުރުވެރިވެ އެކަމަށް ވާދަކުރުން. ނުވަތަ މިސްކިތްތައް ބިނާކުރުމުގަ މިސްކިތްތައް ޒީނަތްތެރިކޮށް ފާރުތަކުގަ ކީރިތި ޤްރްއާނުގެ އާޔަތްތައް ލިޔެ މިފަދަ ކަންކަމުގައި އެއްބައަކު އަނެއް ބައަކާ ވާދަކޮށް، އެންމެ ބޮޑު މިސްކިތް ބިނާކުރީ ކާކުތޯ ބެލުމަށްޓަކައި އެއްބައަކު އަނެއް ބައަކާ ވާދަކުރާ ވާދަކުރުން އުންމަތުގެ ތެރޭގައި ފައުޅުވެގެން ދިއުމަކީ ޤިޔާމަތުގެ ޢަލާމަތެކެވެ."
ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައި ވަނީ މިސްކިތްތައް ޒީނަތްތެރިކުރުމުގައި އެއްބައަކު އަނެއް ބައަކާއި ވާދަކޮށްފުމަށްދާންދެން ޤިޔާމަތް ޤާއިމުނުވާހުށި ކަމަށެވެ.
މިސްކިތްތައް ބިނާކުރުމަކީ އިސްލާމް ދީނުގައި ވަރަށް މަތިވެރި އަޅުކަމެކެވެ. އެހެނީ ﷲ ގެ ވަޖުހަފުޅަށްޓަކައި މިސްކިތެއް ބިނާކޮށްފި މީހަކަށް ސުވަރުގޭގައި ގެއެއް ބިނާކޮށް ދެއްވަވާނެކަން ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ ޙަދީޝްފުޅުން އެނގެން އެބައޮތެވެ.
މިއީ މިފަދަ މަތިވެރި އަޅުކަމެއް ނަމަވެސް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) މިމޭރުމުން ބަޔާން ކުރައްވަވާފައި މިވަނީ މިސްކިތްތައް އެޅުމުގައި ނުބައި މަގަކުން އަމަލުކުރެވިދާނެ ކަމަށްޓަކައެވެ. މިސްކިތުގެ ޒީނަތްތެރިކަން ބޮޑުވެ އެ މިސްކިތުގައި ހުންނަ މީހާ ނަމާދުކުރާއިރު ޚުޝޫޢަތްތެރިކަމަށް އަސަރުކޮށްފާނެ ކަމަށެވެ. އަދި މިސްކިތްތައް އެޅުމަށް ހޭދަކުރާ ފައިސާއިން ބައެއް އިސްރާފްވެގެންހިނގައިދާނެ މަގެއް ހުޅުވިދާނެތީއެވެ.
ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ދެ މިސްކިތްކޮޅެއް ބިނާކުރެއްެވެވިއެވެ. އެއިގެ ތެރެއިން މިސްކިތް ކޮޅަކީ ހިޖުރައިގެ މާތް ދަތުރުފުޅުގައި މަދީނާއަށް އަރައިވަޑައިގަތުމުގެ ކުރިން 14 ވަރަކަށް ދުވަހު ޤުބާގައި މަޑުކުރައްވައިގެން ހުންނެވިއިރު އަޅުއްވާފައިވާ ޤުބާ މިސްކިތްކޮޅެވެ. މީހަކު އެ މިސްކިތް ކޮޅުގައި ނަމާދުކުރުމަށް ނިޔަތް ގަނެގެން ގެއިން ވުޟޫކޮށްގެން ހިނގާފައި ގޮސް އެ މިސްކިތް ކޮޅުގައި ނަމާދެއް ކޮށްފިނަމަ އެމީހަކަށް މާތް ﷲ ޢުމުރާއެއްގެ ސަވާބު ދެއްވަވައެވެ. އެއީ އެހައިވެސް މަތިވެރިކަން މާތް ﷲ ދެއްވަވާފައިވާ މިސްކިތްކޮޅެކެވެ. އެއީ ރަސޫލާ (ޞޢވ) އެންމެ ފުރަތަމަ ބިނާކުރެއްެވެވި މިސްކިތްކޮޅެވެ.
އެއަށްފަހު މަދީނާއަށް އަރާވަޑައިގެން އިތުރު މާތް ނަބިއްޔާ (ޞޢވ)ގެ އަނބިއަނބިކަނބަލުންނަށް ގަނޑުވަރުތައް އެޅުއްވެވުމުގެ ކުރިން އެޅުއްވެވީ މަދީނާގައި މިއަދުވެސް އެހެރަ އިތުރު މާތް ނަބިއްޔާ (ޞޢވ)ގެ ނަންފުޅުން ނަންދެވިފައިވާ މިސްކިތްކޮޅެވެ.
އެމިސްކިތް ބިނާކުރެއްވެވީ ޞަހާބީންނާއި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އަމިއްލަފުޅަށް ވެސް މަސައްކަތްޕުޅު ކުރައްވައިގެންނެވެ. މިސްކިތްކޮޅު އެޅުއްވެވީ ވަރަށް އާދައިގެ ގޮތަކަށެވެ. މަށްޓާއި ކަދުރު ރުކުގެ ވަކަރާއި ފަން ބޭނުންކުރައްވައިގެންނެވެ. ހިޖުރައިން 3 ވަނަ އަހަރު މިސްކިތްކޮޅު ތެރެއަށް ހިމުން ވެލި ލެއްވެވިއެވެ. ހިޖުރައިން 7 ވަނަ އަހަރު މިސްކިތްކޮޅު ބޮޑުކުރެއްވެވިއެވެ.
ހިޖުރައިން 17 ވަނަ އަހަރު އުމަރުގެފާނު އެ މިސްކިތްކޮޅު އިތުރުކުރެއްވެވިއެވެ. ނަމަވެސް މިސްކިތްކޮޅު ބިނާކުރެއްވުމަށް ބޭނުންފުޅު ކުރައްވަވާފައިވާ މާއްދާތަކަށް އެއްވެސް ބަދަލެއް ނުގެންނަވައެވެ. ހަމަ އެކަނި ކުރެއްވެވި ކަމަކީ ކައު އިތުރު ރަސޫލާ (ޞޢވ) ބޭނުންފުޅު ކުރެއްވެވި މައްޓާއި ކަދުރު ރުކުގެ ސާމާނު ބޭނުންފުޅު ކުރައްވަވައިގެންނެވެ.
ހިޖުރައިން 31 ވަނަ އަހަރު ޢުޘްމާންގެފާނު މިސްކިތްކޮޅު ބޮޑުކުރެއްވެވިއިރު ތަނބުތައް ޖެއްސެވުމަށް ހިލަ ބޭނުންފުޅު ކުރެއްވެވިއެވެ. އަދި ފުރާޅު ހިޔާކުރެއްވުމަށް ބޭނުންފުޅު ކުރެއްވެވީ ހިންދުކަރައިން ގެނެވިފައިވާ ޒާތެއްގެ ލަކުޑިއެކެވެ.
ޢުޘްމާންގެފާނު އެގޮތަށް އަމަލުކުރެއްވެވުމުން ވެސް ބައެއް ޞަހާބީން ދެކޮޅު ހެއްދެވިއެވެ. ނަމަވެސް ވަރަށް ގިނަ ޞަހާބީންނާއި މަޝްވަރާކުރެއްވެވުމަށްފަހު ޢުޘްމާންގެފާނު އެގޮތަށް އަމަލުފުޅުކުރެއްވެވީ މުސްލިމުންގެ އަދަދު ގިނަވެފައި އަދި މުސްލިމުންގެ އަތްމަތި ތިޔާގިވެސްވެފައިވުމުން އެއްވެސް އިސްރާފުކުރެއްވެވުމެއް ނެތިއެވެ.
އުމަރުގެފާނު މިސްކިތްކޮޅު ބިނާކުރެއްވެވިއިރު އިރުޝާދު ދެއްވަވާފައިވަނީ ވާރެއިން ސަލާމަތްވެވޭވަރަށް ކަންކަން ކުރުމަށާއި މިސްކިތްކޮޅުގެ ކުލަ ބަދަލުކުރުން ފަދަ ކަންކަން ކޮށް އިސްރާފު ނުކުރުމަށެވެ.
އަސްގެފާނުގެ އަރިއަހުން ރިވާވެގެންވަނީ ފަހުޒަމާނަށް އައުމުން އަޅާ މިސްކިތްތައް ރީތިވާނެ ކަމަށާއި ނަމަވެސް ނަމާދުކުރުމަށާއި ޛިކުރުކުރުމަށް އެ މިސްކިތަށް އަރާ މީހުންގެ އަދަދު މަދުވެގެންދާނެ ކަމަށެވެ.
އިބްން ޢައްބާސްގެ އަރިހުން ރިވާވެގެންވަނީ ޔަހޫދީންނާއި ނަޞާރާއިން އެމީހުންގެ ފައްޅިތައް ޒީނަތްތެރިކުރި ފަދައިން މިސްކިތްތައް ޒީނަތްތެރިކުރާނެ ޒަމާނެއް އަންނާނެ ކަމަށެވެ.
އިސްލާމީ އުންމަތުގެ ބައެއް ވެރިންނަށް، އެމީހުން އިސްލާމް ދީނަށް ކޮށްދޭ ހަމައެކަނި ޚިދުމަތަކީ މިސްކިތްތައް ޒީނަތްތެރިކުރުން ކަމަށް ދެކުނު ޒަމާނެއްވެސް ވަނީ ފާއިތުވެ ގޮސްފައެވެ. އެއް ޚަލީފާ މަރުވުމުން އެޚަލީފާ ބިނާކުރި މިސްކިތް ތަޅާލައި އެއަށްވުރެ ފުރިހަމަ މިސްކިތެއް ބިނާކުރުމަކީ ފަޚުރެއް ކަމަށް ވަނީ ދެކިފައެވެ. މަސްޖިދުއް ނަބަވީ ބޮޑުކުރަން 13 އަހަރު ނަގާފައިވެއެވެ.
ޙަރަމްފުޅު ތަޅާލައި ބޮޑުކުރަން އުޅުމުން އެކަން ނުކުރެއްވުމަށް ނަސޭޙަތްތެރިވެވަޑައިގަތީ އިމާމް މާލިކުގެފާނެއެވެ. އެއީ އެކަން ފެޝަނަކަށްވެ ގެފުޅުތަޅައި ބޮޑުކުރުމަކީ ކުޅޭކުޅޭ ކަމަކަށްވެގެން ހިނގައިދާނެ ކަމަށްޓަކައެވެ. އެ ނަޞޭޙަތް ޚަލީފާ ޤަބޫލުފުޅު ކުރެއްވެވީތީ އަޞްލު ގެފުޅު އަދިވެސް އެހުރީ އެ ޒަމާނުގައި ހުރި ގޮތަށެވެ. ޙައްޖާޖް ބުން ޔޫސުފް ބިނާކުރެއްވި ފަދައިންނެވެ. ބައުވީމާ އައުކުރި ނަމަވެސް މާބޮޑު ބަދަލެއް ގެނެވިފައެއް ނުވެއެވެ.
މިސްކިތްތައް މިހާރު ޑިޒައިން ކުރަނީ "މިސްކިތްތަކާއި މާބޮޑު ގުޅުމެއް ނެތް" ބައަކަށްވާތީ ޒީނަތްތެރިކުރަން ޖަހާ ބޮޑެތި ތަނބުތަކުގެ ސަބަބުން ސަފުތައް މެދުކެނޑެން ޖެހުމުގެ މައްސަލަތައްވެސް މިއަދު މިވަނީ ކުރިމަތިވެފައެވެ. މިސްކިތްތައް އަޅަން ކުރާ ހޭދައިން ބައެއް މިސްކިތްތަކަށް މީހުން ގެނައުމަށްޓަކައި އެބަ ހޭދަކުރަންޖެހެއެވެ. (މާނައަކީ މިސްކިތްތައް އަޅަން ހޭދަކުރާ ފަދައިން މީސްތަކުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރަން ހޭދަކުރަން ޖެހިފައިވާ ކަމެވެ.)
ރާއްޖޭގެ ރަށްތަކުގައިވެސް ރީތި މިސްކިތްތައް އެބަހުއްޓެވެ. ނަމަވެސް ހިތާމައަކީ ރަމަޟާންމަހަށްފަހު މިސްކިތްތައް ފަޅުވެގެން ދާކަމެވެ. ރަމަޟާންމަހަށް ފަހު މިސްކިތުގެ ސަފުތައް ނުފުރޭ ކަމެވެ. ހިތާމައަކީ އެ މިސްކިތް ބޭނުންކުރާ ޒުވާނުންގެ އަދަދު އެއްދުވަހުން އަނެއް ދުވަހަށް މަދުވަމުން އަންނާތީއެވެ.
ސަލަފުއްޞާލިހުންގެ އަރިއަހުގައި މިސްކިތްތައް އިމާރާތްކުރުމުގެ މާނައަކީ މިސްކިތްތައް ޒީނަތްތެރިކުރުމެއް ނޫނެވެ. މިސްކިތްތަކަށް މީހުން ގެނެސް ޖަމާއަތްތަކުގައި ނަމާދުކުރާ މީހުންގެ އަދަދު އިތުރުވެގެންދިއުމެވެ. މިސްކިތްތަކުގެ ދައުރު ފުޅައުކުރުމެވެ. މިއަދު މިސްކިތް މިބޭނުންކުރެވެނީ ހަމައެކަނި ނަމާދުކޮށްލުމަށެވެ. ނަމަވެސް ކައު އިތުރު ރަސޫލާ (ޞޢވ) މިސްކިތްތައް ބޭނުންފުޅު ކުރެއްެވެވީ އިސްލާމް ދީން ކުރިއަރުވަން ކުރަންޖެހޭ ހުރިހާ ކަންކަން ކުރެއްވެވުމަށެވެ. އެކަންކަން މިއަދުވެސް މިސްކިތްތަކުގައި ކުރަން އެބަޖެހެއެވެ.
- އައްޝައިޚް މުޖުތަބާ ހަމީދު ފްރްޤާން މިސްކިތުގައި ދެއްވި ދަރުސަކުން