އެމީހާ އާ ދެކޮޅު މީހުންގެ ބޮލުގައި ދޮގު އިލްޒާމްތައް އެޅުވުން ޢާންމުވެއްޖެ! : ޝައިޚް ޢަލީ ޒާހިރް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 34ސ
އެމީހާ އާ ދެކޮޅު މީހުންގެ ބޮލުގައި ދޮގު އިލްޒާމްތައް އެޅުވުން ޢާންމުވެއްޖެ! : ޝައިޚް ޢަލީ ޒާހިރް
ޤިޔާމަތުގެ ކުރިން ދޮގު ޢާންމުވެ މީސްތަކުންގެ މެދުގައި ފެތުރޭނެއެވެ. ދޮގު މައުލުމާތު ފެތުރުން ޢާންމު ކަމަކަށްވާނެއެވެ. އެއީވެސް ޤިޔާމަތް ކައިރިވާ ކަމުގެ ޢަލާމާތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ ޙަދީޘްފުޅުގައި ވަނީ "ޤިޔާމަތުގެ ކުރިން ދޮގުވެރިންތަކެއް އަންނާނެއޭ، އެބައި މީހުންނަށް ތިއަބައި މީހުން ރައްކައުތެރިވާށޭ" އެވެ.

މިޒަމާނަށް ބަލައިފިނަމަ ދޮގު ހެދުމަކީ އެންމެ ފަސޭހައިން ކުރާ ކަންތަކެވެ. ކޮންމެ މީހަކުވެސް އެމީހާ ބޭނުންކަންކަން ޙާޞިލުކުރުމަށްޓަކައި ގެންދަނީ ދޮގުވާހަކަތައް ފަތުރަމުންނެވެ. އެމީހާ އާއި ދެކޮޅު މީހެއްގެ ބޮލުގައި އިލްޒާމެއް އަޅުވަން ބޭނުންވެއްޖެނަމަ އެމީހަކާއިމެދު ދޮގު ވާހަކަތައް ދައްކައެވެ. އެމިހާގެ ބޮލުގައި ދޮގު އިލްޒާމްތައް އަޅުވައެވެ.

މިއީ ވަރަށް ނުރައްކައުތެރި ކަމެކެވެ. ރަސޫލާ (ޞޢވ)ގެ ޙަދީޘްފުޅުގައި ވަނީ "ތިއަބައިމީހުން ދޮގަށް ރައްކައުތެރިވާށެވެ. ދޮގަކީ ނުބައި ކަންކަމަށް މަގުފަހިކޮށްދޭ އެއްޗެކެވެ. ނުބައި ކަންކަމަކީ ނަރަކައަށް މަގުފަހިކޮށްދޭ ކަމެކެވެ." އެހެންކަމުން އާޚިރުގައި ދޮގަކީ މީހާ ނަރަކައަށް ގެންދާ އެއްޗެކެވެ.

ނަމަވެސް މިއަދު އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން އެމީހުންގެ ބޭނުންތަކަށްޓަކައި ދޮގު ހަދަމުން ހަދަމުން ގޮސް ތެދެއް ނުވެސް ހަދައެވެ. ދޮގެއް ހެދެން އޮއްވައި ދޮގެއް ނޫނީ ނުހަދާނެއެވެ. "ދެން އެހެން އެއްވެސް ގޮތެއް ނެތުނީމަކަންނޭނގެ ތެދެއް ހަދަނީ. ބައެއް މީހުންގެ އާދައަކަށްވެފަ ހުންނަނީ، ދޮގު ހެދުމާ ދޮގުވާހަކަތައް ފެތުރުމަކީ އިންތިހާއަށް ނުރައްކައުތެރިކަމެއް. ރަސޫލާ (ޞޢވ)ގެ ޙަދީޘްފުޅުގައި ވަނީ ދޮގަކަށް ފުދެއޭ އެމީހާއަށް ފެންނަ ކޮންމެ ވާހަކައެއް ފެތުރުން."

މިގޮތަށް ދޮގު ހަދަމުން ގެންގޮސް ދޮގު ހެދިނަމަވެސް އެއީ ތެދެއްހެން ޢާންމު މީހާއަށް ހީވާ ވަރަށް އެބަ ދޮގު ހަދައެވެ. ދޮގު ހެދުމަކީ އީމާންކަން ބަލިކަށިވާ ކަމެކެވެ. ނަމަވެސް އެކަމަކަށްވެސް މީހުން މިއަދަކު ނުބަލައެވެ. ސޯޝަލް މީޑިއާގެ ވަސީލަތްތައް ލިބިފައި ހުރުމުން ދޮގު ފެތުރުމަށް އެއިގެ ބޭނުންކުރަމުން ގެންދަނީ އެއްވެސް ވަރަކަށް ބެލުމެއް ނެތިއެވެ.

މިގޮތުން ދީނުގެ މައުލޫމާތުވެސް ޞައްޙަކަން ބެލުމެއް ނެތި ހާމަކުރަމުން އެބަގެންދެއެވެ. ހަމަ ފެންނައިރަށް ރީޓްވީޓްކޮށް ޝެއަރކުރަމުން އެބަ ގެންދެއެވެ.

"މިވެނި އިމާމަކު ވިދާޅުވިއޭ މިތައްފަހަރު މިތައް މީހުންނަށް ފޮނުވީމަ މިވެނިކަމެއް ވާނެއޭ" ކިޔަވައިގެން ހަމަ ފޮނުވަމުން ގެންދަނީއެވެ. ނަމަވެސް އެއީ އެކަންކުރަން އޮތް ގޮތެއް ނޫނެވެ. ދީނުގެ ވާހަތައް ފަތުރާއިރު އެއީ ޙައްޤު ބަސްކަން ކަށަވަރުކުރަންޖެހޭނެއެވެ. ބަޔާންކޮށް ހާމަކުރަންވާނީ އެމީހަކަށް އިތުބާރު ހިފޭ ދީނީ އިލްމުވެރިންެގެ ވާހަކަތަކެވެ. ނޫންނަމަ މަސްދަރުތަކުން އެމީހަކަށް ކަށަވަރުކުރެވޭ ތަކެއްޗެވެ. "އެކަހަލަ އެއްޗެތި އެކަނި އޭނާ ލައިކްކުރަންވާނީ. ޝެއަރކުރަންވާނީ ވެސް."

ދޮގުހަދާ މީހުންގެ ވާހަކަތަކަށް ސަމާލުކަން ދިނުމެއް ނެތެވެ. އެއީ އެމީހާގެ ވާހަކައިން ތެދު ވަކިކުރަން ނުއެނގޭނެތީއެވެ.

ލިޔާމީހުންގެ އަދަދު ގިނަވެގެން ދިއުމަކީވެސް ޤިޔާމަތް ކައިރިވެއްޖެ ކަމުގެ ޢަލާމާތެކެވެ. މިއަދު އެ ޢަލާމާތްވެސް މިވަނީ ފައުޅުވެފައެވެ. ކޮންމެ މީހަކުވެސް ފޭސް ބުކް ފަދަ ތަކެތީގައި ގެންދަނީ ލިޔަމުންނެވެ. އެލިޔުން ދަނީ މުޅި ދުނިޔެއަށް ޢާންމުވަމުންނެވެ.

- ފަޟީލަތުއްޝައިޚް ޢަލީ ޒާހިރް ބިން ސަޢީދު ޤާސިމް ފްރުޤާން މިސްކިތުގައި ދެއްވި ދަރުސަކުން
މިއަދު އޮންލައިން