ބައެއް މީހުން ހެޔޮ އަމަލުތައް ކުރަން މަސައްކަތްކުރެއެވެ. ނަމަވެސް ތަފާތު ސަބަބުތައް ކުރިމަތިވެ އެކަންކަން ނުކުރެވޭ ގޮތް މެދުވެރިވެއެވެ. ނުވަތަ ކުރަންޖެހޭ ފުރިހަމަ ގޮތުގައި ނުކުރެވި ދެއެވެ. އެފަދަ ގޮތްތައް މެދުވެރިވާ އެއް ސަބަބަކީ އެމީހާއަކީ ފުރިހަމައަށް ތައުބާ ނުވެވި ހުރި މީހެއް ކަމުގައިވުން ވަރަށް ކައިރިއެވެ.
ފާފަކުރުންމަތީގައި ދެމިހުންނަ މީހާއަށް މިދުނިޔޭގައިވެސް ހަޤީޤީ އުފާވެރިކަމެއް ނެތެވެ. އަބަދުވެސް ދާނީ ތަފާތު ދަތިތައް ކުރިމަތިވަމުންނެވެ. އަބަދުވެސް އުޅެންޖެހޭނީ ކަންބޮޑުވުމާއި ބިރުވެރިކަމެއްގެ ތެރޭގައެވެ. ތައުބާވުންމަތީގައި ދެމިހުންނަ މީހާއަށް އަބަދުވެސް ދާނީ ހިތްހަމަޖެހުން ލިބެމުންނެވެ. ކުރިމަތިވާ މައްސަލަތައް ހައްލުކުރެވެމުންނެވެ.
ތައުބާވާންޖެހެނީ ހަމައެކަނި ބޮޑެތި ފާފަތައް ކުރެވުމަކުން ނޫނެވެ. އަބަދުވެސް ހުންނަން ޖެހޭނީ ތައުބާވުންމަތީގައެވެ. އެކަން އެންމެ ރަނގަޅަށް އެނގިގެންދަނީ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ ޙަޔާތްޕުޅުންނެވެ. ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އަކީ އެއްވެސް ފާފައެއް އަދި ކުށެއްވެސް ކުރެއްވެވި ބޭކަލެއް ނޫނެވެ. ނަމަވެސް ކޮންމެ ދުވަހަކު އެތައް ފަހަރަކު ތައުބާވެވަޑައިގެންނެވިއެވެ. މުޅި ހަޔާތްޕުޅު ހޭދަކުރެއްވެވީ ތައުބާވެވަޑައިގަތުންމަތީގައެވެ.
ތިމާގެ އެކުވެރިންގެ ތެރޭގައި ފާފަކުރާ މީހަކު ހުރިނަމަ އެމިހާ އެކަމުން ސަލާމަތްކުރަން އެންމެންވެސް ގަދައަޅައި މަސައްކަތްކުރަންޖެހޭނެއެވެ. ހެޔޮ ނަޞޭޙަތްދީ ހައްޤު މަގު ދައްކައިދޭން މަސައްކަތްކުރަންވާނެއެވެ. އެކަން އެގޮތަށް ނުކުރެވުމަކީ ފާފަވެރިވެދާނެ ކަމެކެވެ.
ތިމާއަކީ އަތުގައި ކިތަންމެ ގިނަ އަދަދަކަށް ފައިސާ ހުރި މީހަކަށްވެސް ވެދާނެއެވެ. ނަމަވެސް އެމީހާއަކީ ތައުބާ ނުވެ ހުރި މީހެއް ކަމަށްވާނަމަ އެ މުއްސަނދިކަމުން އެމީހަކަށް އެއްވެސް ހަޤީޤީ ފައިދާއެއް ނެތެވެ. ތައުބާ ނުވެވި ހުރިނަމަ ޤިޔާމަތް ދުވަހުން އެމީހަކަށް ސަލާމަތް ކަމެއް ނެތުމުންނެވެ.
ތައުބާވުމަކީ ކުރެވޭ ފާފައިގައި މިން އަޅައި ކުޑަބޮޑު ބަލައިގެން ކުރަން އޮތް ކަމެއް ނޫނެވެ. އެއީ ކިތަންމެ ކުޑަ ފާފައެއް ކަމަށް ތިމާއަށް ޤަބޫލުކުރެވުނު ނަމަވެސް އެއީ ކުޑަ ފާފައެއް ކަމަށް ނުވެ ހިނގައިދާނެއެވެ. ކިތަންމެ ކުޑަ ނަމަވެސް ފާފައެއް ކުރުމެއް ނެތެވެ. ކުރެވުނީ ކިތަންމެ ކުޑަ ފާފައެއް ނަމަވެސް އޮތީ ވީހައި އަވަހަކަށް ތައުބާވުމެވެ.
ތައުބާ ނުވާ ނުވަތަ ތައުބާވުމަށް ދެކޮޅު ހަދާ މީހުންނަކީ އަނިޔާވެރިންނެވެ. އެފަދަ މީހުން އެމީހުންގެ އަމިއްލަ ނަފުސަށްވެސް އެ ލިބިގަންނަނީ ބޮޑެތި އަނިޔާތަކެވެ. އަދި އެފަދަ މީހުންގެ ސަބަބުން އެހެން މީހުންނަށްވެސް ލިބެމުންދާނީ ބޮޑެތި އަނިޔާތަކެވެ.
ފާފަކުރާމީހާ، މާދަން ތައުބާވުމަށް، މިފަހަރު މިފާފަ ކުރުމަށްފަހު ތައުބާވުމަށް ނިޔަތްގަނެގެން ކަންކަން ކުރުމެއް ނެތެވެ. ވިސްނަންޖެހޭނީ ނަރަކައިގެ ގަދަފަދަ އަޒާބާއިމެދުގައެވެ. އެއްވެސް މީހަކަށް އެމިހާ މަރުވާނެ ވަގުތެއް ނުއެނގޭނެއެވެ. ތައުބާ ނުވެވި ހުއްޓައި މަރުވެއްޖެނަމަ ގަދަފަދަ އަޒާބާއި ކުރިމަތިލާން ޖެހޭނެކަމާއިމެދު އަބަދުވެސް ވިސްނަންޖެހޭނެއެވެ. ފުރިހަމައަށް ތައުބާ ވެވޭނީ އެކަންކަމަށް ވިސްނައިގެންނެވެ. ނަރަކައިގެ ގަދަފަދަ އަޒާބަށް ފުރިހަމައަށް ބިރުވެތިވެގެންނެވެ.
- ޝައިޚް ޙުސައިން ޢަބްދުﷲ ސަޢީދު ވިޔަފާރިވެރިންގެ މިސްކިތުގައި ދެއްވި ދަރުސަކުން
ދަރުސްގެ އޯޑިއޯ: