ކީރިތި ޤްރްއާން ނުކިޔަވައި، ކީރިތި ޤްރްއާނަށް ޢަމަލު ނުކުރަމުން ކީރިތި ޤްރްއާނާއި މާތް ﷲ ދެކެ ލޯބިވަމޭ ނުބުނެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 7ސ
ކީރިތި ޤްރްއާން ނުކިޔަވައި، ކީރިތި ޤްރްއާނަށް ޢަމަލު ނުކުރަމުން ކީރިތި ޤްރްއާނާއި މާތް ﷲ ދެކެ ލޯބިވަމޭ ނުބުނެވޭނެ!
ވަރަށް ގިނަ ޤައުމުތަކުގައި އެ ޤައުމެއްގެ ޤާނޫނު އަސާސީ ދުވަހުގެ ގޮތުގައި ދުވަހެއް ފާހަގަ ކުރެއެވެ. ނަމަވެސް މުސްލިމުން އެ ބޮޑު ޢީދު އެންމެ ދުަވަހަކުން ނިންމައެއް ނުލައެވެ. މަސް ދުވަހާއި އަދި ވިދިގެން އަންނަ ދުވަސް ވެސް ފާހަގަކުރެއެވެ.

މުސްލިމުންގެ ޤާނޫނު އަސާސީ އަކީ ކީރިތި ޤްރްއާނެވެ. ރަމަޟާން މަސް އެކުގައި ފާހަގަ ކުރަނީ އެ ސަބަބަށްޓަކައެވެ. އެހައި ފުރިހަމަ "ޤާނޫނު އަސާސީއެއް" ދެއްވެވިކަމަށްޓަކައި މާތްﷲ އަށް ޝުކުރުވެރިވުމުގެ ގޮތުންނެވެ. ހަމައެއާއިއެކު ރަމަޟާން މަހު ކުރާ ހެޔޮ އަމަލުތަކަށް އިންތިހާއަށް ގިނަ އަދަދަކަށް މާތްﷲ ސަވާބު ދެއްވަވަނީ މާތްﷲ އަށް މީސްތަކުން ލޯބިކޮށް ކީރިތި ޤްރްއާނަށް ލޯބިކޮށް ކިޔަމަންތެރިކަން އަދާކުރާތީ ކަމަށް ޤަބޫލުކުރަމާތޯއެވެ! ހަމަ ޔަޤީނުންވެސް ރަމަޟާން މަހު ރޯދަ ހިފައި އަޅުކަން މިކުރަނީ މާތްﷲއަށާއި ކީރިތި ޤްރްއާނަށް ހިތުގައި އޮތް ލޯތްބެއްގެ ބޮޑުކަމުންނެވެ. އެކަން އަމަލުން ދެއްކުމަށެވެ.

ކުރިން ދުވަހެއްގެ ދަރުސެއްގައި ވެސް ބުނި ފަދައިން ކޮންމެ މުސްލިމަކުވެސް އެންމެ ބާރަށް ބުނާނީ އެމީހާ މާތްﷲ ދެކެ ލޯބިވާ ވާހަކައެވެ. އަދި ބޮޑަށް ލޯބިވަނީ ކާކުތޯ ބަލަން އަޑުގަދަކޮށް ޒުވާބުކުރާތަންވެސް އެބަ އާދެއެވެ.

މީސްތަކުންނޭވެ. މާތްﷲ ދެކެ ލޯބިވާކަން ދެއްކުމަކީ އަޑުގަދަކޮށްގެން ކުރެވޭނެ ކަމެއް ނޫނެވެ. އަދި ޒުވާބުކޮށްގެން ވެސް ކުރެވޭނެ ކަމެއް ނޫނެވެ. އަދި އެއީ ދުލުން ބުނެލުމަކުންވެސް ކުރެވޭ ކަމެއް ނޫނެވެ. އެހެނީ އެއީ އަމަލުން ދައްކަން ޖެހޭ ކަމެކެވެ.

ކައު އިތުރު ރަސޫލާ (ޞޢވ)ގެ ހުރިހާ ފާފަތަކެއް ފުއްސަވައިދެއްވަވާފައިވާކަން މާތް ﷲ އަންގަވާފައިވާއިރުވެސް ރޭގަނޑުގެ އަވަހާރަފުޅު ލެއްޕެވުން ދޫކުރައްވަވައި ދެފައިންޕުޅު ދުޅަވަންދެން ނަމާދު ލުރެއްވެވީ އެ ސަބަބަށްޓަކައެވެ. ހިތްޕުޅުގައި މާތްﷲ އަށް ލޯބި ބަޔާން ކުރެއްެވެވުމަށެވެ. މާތްﷲ ދެއްވެވި ނިއުމަތްތަކަށް ޝުކުރު އަދާކުރެއްވެވުމުގެ ގޮތުންނެވެ.

މިއީ ރަމަޟާން މަހެވެ. ހެޔޮ އަމަލުތައް ކުރުމުގެ މައްސަރެވެ. ހަމައެކަނި ހެޔޮ އަމަލުތައް ކުރުމުގެ މައްސަރެއްވެސް ނޫނެވެ. ހެޔޮ އަމަލުތައް ކުރުމުގައި ވާދަކުރުމުގެ މައްސަރެވެ. އެހެންކަމުން މިއީ އަހަރެމެންގެ ހިތުގައި މާތްﷲއަށް އޮތް ލޯބި އަދި ކީރިތި ޤްރްއާނަށް އޮތް ލޯބި ހާމަކޮށް ދެއްކުމަށް ގަދައަޅައި އަމަލުން މަސައްކަތްކުރާށެވެ.

ފަރުޟު ނަމާދުތަކާއި ސުންނަތް ނަމާދުތައް ކުރަމުން ވީހައި ގިނައިން ޛިކުރުކުރާށެވެ. ވީހައި ގިނައިން ކީރިތި ޤްރްއާން ކިޔަާށެވެ. ކީރިތި ޤްރްއާނަށް އަމަލުކުރާށެވެ. ކީރިތި ޤްރްއާނަށް އަމަލު ނުކުރާނަމަ އަދި ކީރިތި ޤްރްއާން ނުކިޔަވާނަމަ ކީރިތި ޤްރްއާނަށާއި މާތްﷲ އަށް ލޯބިކުރާކަމަށް ބުނުމުގެ އެއްވެސް ބޭނުމެއް ނެތެވެ.

-- އިސްލާމީ ތިލަފަތުގެ ދަރުސަކުން
މިއަދު އޮންލައިން