ތަރާވީޙް ނަމާދުގެ 2 ރަކްއަތް ކުރި ނަމަވެސް އެއީ ހަމަ ރޭ އަޅުކަމެވެ. ވިތުރީގެ 1 ރަކްއަތް ކުރި ނަމަވެސް އެއީ ވެސް ހަމަ ރޭ އަޅުކަމެވެ. ތަރާވީޙްގެ 2 ރަކްއަތް ކުރުމަށްފަހު ވިތުރީގެ 1 ރަކްއަތް ކުރުމުން ވެސް ހަމަ ވާނީ ކުރި ކަމަށެވެ.
ސުންނަތް އަޅުކަމުގައި އެންމެ ލުއި މިންވަރަށް ކުރުމުގެ ފުރުޞަތު މާތް ﷲ ދެއްވަވާފައި އެވަނީ ތަފާތު ސަބަބުތައް މެދުވެރިވެ ކޮންމެ ރެއަކު ކޮންމެ މީހަކަށް އެއް މިނަކަށް ނުވަތަ އެއް އަދަދަކަށް ނުކުރެވިދާނެތީއެވެ. އެއްވެސް ހާލެއްގައި އެކަމުގެ ނާޖާއިޒު ފައިދާ ނެގުމަކަށް ނޫނެވެ.
ކޮންމެ ގޮތަކުން ބެލިނަމަވެސް ތަރާވީޙް ނަމާދުގައި 2 ރަކްޢަތް ކުރުމަށްފަހު ނިންމައިލި މީހާ އާއި އެއަށްވުރެ ގިނަ އަދަދުތަކަށް ކުރާ މީހުންނާއި އަޅުކަމުގެ ތިލަފަތުގައި ހަމަހަމައެއް ނުވާނެއެވެ. ގިނައިން ކުރި ވަރަކަށް ތިލަފަތް ދާނީ ބަރުވަމުންނެވެ. ވިތުރީގައިވެސް އޮތީ ހަމައެގޮތެވެ.
ބައެއް މިސްކިތްތަކުގައި ތަރާވީޙް ނަމާދުގެ ފުރަތަމަ 2 ރަކްޢަތަށްފަހު ކޮންމެ ރެއަކު ނަމާދާއި ވަކިވާ ބައަކު އެބައުޅެއެވެ. ވަކިވެގެން ގޮސް އުޅޭނެތަނެއްގައި އުޅުމަށްފަހު އެނބުރި އައިސް ވިތުރީގެ 3 ރަކްޢަތުގައި ނުވަތަ ވިތުރީގެ ފަހު ރަކްޢަތުގައި އަނބުރައި ނަމާދާއި ގުޅޭތަން ވެސް ފެނެއެވެ.
މާލޭގައި އުޅުނު މުއްސަނދި މަހުޖަނަކު އެންމެ ރަނގަޅު ފެންވަރުގައި ސައިދީ އުޅުނުކަމަށްވަނީ އޭނާގެ ފާރޮށިގޭގައި ފިހާ ފާރޮށި ޖޯޑަކާއެކުގައެވެ. ސައިބޯ މީހާ ލަދުން ފާރޮށި ޖޯޑުގެ ދެ ކިބަ ކާން ނުކެރިގެން 1 ކިބަ ނުކައި ބާއްވާ ކަމަށްވެސް ބުނެވެއެވެ.
އެހެން މަހުޖަނަކު ރައްޓެހިންނަށް ސައިދޭން ހޮޓަލަށް އަރުވައެވެ. ވަރަށް މީރު ހެދިކާ ގެންނަން ބުނެއެވެ. ގެނައުމާއިއެކު ގުޅައެއް ނަގައި ދެބުރިކޮށްލުމަށްފަހު އެއްބުރި ކާލައި ވަރަށް މީރުކަމަށްބުނެ ދެވަނަ ބުރި ކާލަން ރަޙްމަތްތެރިޔާގެ ކިބައިން އެދޭނެއެވެ. އެބުރި ކައި ނުނިމެނީސް ކަވާބެއް ފަދަ އެއްޗެއް ނަގައި ބުރިކޮށްލައި ހަމަ އެގޮތަށް އަމަލުކުރަން ބުނާނެއެވެ. އެބުރި ކައި ނުނިމެނީސް ސައިބޮއި ނިންމާލައި ހުސްފޯއްކޮޅެއް ގެންނަން ނިކަން ބާރަށް ބުނާނެއެވެ. ކިތަންމެ ބަނޑުހައިވެފައި ހުރިނަވެސް އެ ހިސާބުން ލަދުން އިތުރު ހެދިކާއެއް ކެއުމުގެ ފުރުޞަތު ބަންދުވީއެވެ.
ވީމާ 2 މީހުންގެ ސަޔަށް ޚަރަދުވާނީ މީރު 2 ކަޅާއި 2 ހޫނު ހެދިކާ އެވެ. 2 ކަޅާއި 2 ހެދިކާއިން 2 މީހުންގެ ސައި ނިމިގެންދިއައީއެވެ.
މި ދެ ހާލަތަށް ބެލި ނަމަވެސް އެވަނީ ރައްޓެއްސަކަށް ސައި ދީފައެވެ. ސައި ނުދޭ ކަމަކަށް ނުވާނެއެވެ. އެކަކަށް ފާރޮށި ކިބައަކާއި ކަޅެކެވެ. އަނެކަކަށް 2 ބައި ހެދިކާ އާއި ކަޅެކެވެ.
އަޅުގަނޑުމެން ﷲ އަށް އަޅުކަން ކުރަންވީ ﷲ އަށްޓަކައެއް ނޫނެވެ. އަޅުގަނޑުމެންނަށްޓަކައެވެ. އަޅުގަނޑުމެން ކިތަންމެ ގިނައިން އަޅުކަން ކުރި ނަމަވެސް ﷲ އަށް ލިބިވޮޑިގަންނަވާނެ އެއްވެސް ފައިދާއެއް، އަދި އެއްވެސް އަޅުކަމެއް ނުކުރި ނަމަވެސް ލިބިވޮޑިގަންނަވާނެ އެއްވެސް ގެއްލުމެއްވެސް ނެތެވެ. ގިނައިން ކުރި ވަރަކަށް އެކަމުގެ ފައިދާ ލިބޭނީ ހަމަ އެކަންކުރި މީހަކަށެވެ. ނުކުރުމުން ލިބޭ އަޒާބެއްވެސް ލިބޭނީ ހަމަ ނުކުރި މީހަކަށެވެ. އަޅުގަނޑުމެން ވީހައި ގިނަ ނަމާދު ކުރަންވީ ، ވީހައި ގިނަ ރަކްޢަތްކުރަންވީ ހަމަ އަޅުގަނޑުމެންނަށް ޓަކައެވެ.