އަހަރުގެ ކޮންމެ ދުވަހަކީވެސް ހަމަ މާތް ދުވަހެކެވެ. އެހެންކަމާއިއެކުވެސް މާތް ﷲ ވަނީ ވަކި ދުވަސްތަކެއް ޚާއްޞަ ކުރައްވަވައި މަތިވެރި ކުރައްވަވައިފައެވެ. ހަމަ އެފަދައިން ވަކި މަސްތަކެއްވެސް ވަނީ ޚާއްޞަ ކުރައްވަވައި މަތިވެރި ކުރައްވަވައިފައެވެ.
އެގޮތުން ބަލައިފިނަމަ ބަރަކާތްތެރި ރަމަޟާން މަހަކީ މަސްތަކުގެ ރާނީ އެވެ. އެރާނީގެ ޚާއްޞަ ކަމަކީ އެމަހުގެ ބޭނުން ހެޔޮ ގޮތުގައި ހިފާ ކޮންމެ މީހަކަށް، އެމީހެއްގެ ޙަޔާތުގައި ލިބޭނެ އެންމެ އަގު ބޮޑު އެވޯޑް ދިނުމެވެ. އެ އެވޯޑް ލިބޭ ކޮންމެ މީހެއްގެ ބޮލުގައި ޚާއްޞަ ތާޖެއް ބަހައްޓައި ދޭ ކަމެވެ.
އެ އެވޯޑަކީ އިންސާނާއަށް ލިބޭ އެންމެ އަގުހުރި އެންމެ ފައިދާކުރާނެ އެވޯޑަށް ވެގެންދަނީ އެ އެވޯޑް ލިބިއްޖެ ނަމަ، އެ އެވޯޑް ޙާޞިލުކުރެވިއްޖެ ނަމަ އެމީހާގެ އިސްވެ ގޮސްފައިވާ ހުރިހާ ފާފަތައް ފޮހެވިގެންދާތީއެވެ. ވީއިރު އެ އެވޯޑަށްވުރެ މަތިވެރި އެވޯޑަކީ ކޮބައިހެއްޔެވެ؟ އެ އެވޯޑަށްވުރެ މަތިވެރި އަދި ފައިދާ ކުރާނެ އެވޯޑެއް އެއްވެސް މީހަކަށް ލިބޭނެ ހެއްޔެވެ؟ ނުލިބޭނެކަން ޔަޤީނެވެ.
ރަމަޟާން މަހަކީ މަސްތަކުގެ ރާނީ ކަމަށް ބަލައިފިނަމަ އެ ރާނީގެ ގާތުގައިވާ އެންމެ އަގުބޮޑު ޖަވާހިރަކީ އެ މަހުގެ ފަހު ދިހައިގައި އަންނަ ލައިލަތުލްޤަދްރް ވިލޭރެއެވެ. އެ އަގު ބޮޑު ޖަވާހިރު ހިމެނޭ ތާޖު މިވަނީ މީސްތަކުންގެ އަތް ފޯރާ ފަށަށް ގާތްވެފައެވެ. ފަހު ދިހަ ފެށެން މިވަނީ އެންމެ ދެރެއަށް ކައިރިވެފައެވެ. (ރާއްޖޭގައި މާދަމާ ރޭ ފެށޭނެއެވެ.)
ދުނިޔަވީ ކަމެއްގައި ނަޞީބުގެ ފުރުޞަތެއް ހުޅުވާލައިފިނަމަ ނުނިދައި ހޭލާތިބެގެންވެސް އެކަމަށް ކުރިމަތިލައެވެ. އެޕްލިކޭޝަން ފޯމު ފުރިހަމަކޮށް ހުށަހަޅައެވެ. ރަމަޟާން މަހުގެ ބަރަކާތާއި ލައިލަތުލްޤަދްރް ވިލޭރޭގެ ބަރަކާތް ޙާޞިލުކުރުންވެސް އެއީ ހަމަ މިފަދަ ގޮތަކަށް އޮތް ކަމެކެވެ.
އެކަމަށް ފުރިހަމަކުރަންޖެހޭ ފޯމް ހުށަހެޅުމަށް ފުރިހަމަކުރަންޖެހޭ ކަންކަމުގެ ތެރޭގައި ހިމެނެނީ ރޯދަ ހިފުމާއި ފަރުޟު އަދި ސުންނަތް ނަމާދުތައް ކުރުމާއި ކީރިތި ޤްރްއާން ކިޔެވުމާއި ވީހައި ގިނަ އަޅުކަން ކުރުމެވެ. ހެޔޮ އަމަލުތައް ކުރުމެވެ. މާތް ﷲ ނަހީ ކުރެއްވެވި އެންމެހައި އަމަލުތަކުން ދުރުވެހުރުމެވެ.
ފުރުޞަތު ލިބުމުގައި މާކްސް ދެވެނީ އެކަންކަން ފުރިހަމަ ކޮށްފައިވާ މިންވަރަށް ބަލައިގެންނެވެ. މާކްސް ދެއްވަވަނީ އެންމެ ޢަދުލުވެރި މާތް ﷲ ސުބްހާނަހޫ ވަތައާލާއެވެ. އެހެންކަމުން އެއްވެސް މީހަކާއިމެދު ޒައްރެއްގެ މިންވަރު ވެސް ބޭއިންސާފެއް ނުކުރައްވަވާނެތެވެ.
- ލަވް އިސްލާމްގެ ދަރުސަކުން -