އިސްލާމް ދީނުގައި ބަޔާންވެގެންވާ ބައެއް އަޅުކަމަކީ ކުރީގެ އުންމަތްތަކަށްވެސް މާތް ﷲ ފަރުޟުކުރެއްވެވި ކަންކަމެވެ. އެ އަޅުކަންތައް އަދާކޮށްގެން ސަވާބު ލިބިގަތުމުގެ ފުރުޞަތު ވަނީ ކުރީގެ އުންމަތްތަކަށްވެސް ދެއްވަވައިފައެވެ.
ނަމާދާއި ޒަކާތާއި ރޯދަހިފުމާއި އަދި ޙައްޖުވުމަށް ބެލި ނަމަވެސް އެކަންކަމަކީ މި އުންމަތަށް އެކަނި ފަރުޟުކުރެއްވެވި ކަންކަމެއް ނޫނެވެ. އެކަންކަން ކޮށްގެން ސަވާބު ހޯދުމުގެ ފުރުޞަތު މާތް ﷲ ވަނީ ކުރީގެ ރަސޫލު ބޭކަލުންގެ އުންމަތްތަކަށްވެސް ދެއްވަވައިފައެވެ.
ނަމަވެސް އެހެން އެއްވެސް އުންމަތަކަށް ލައިލަތުލްޤަދްރް ވިލޭރޭގެ ނިއުމަތް ދެއްވަވާފައެއް ނުވެއެވެ. އެހެންކަމުން އެއީ މާތް ﷲ މި އުންމަތަށް ޚާއްޞަ ކުރައްވަވައިގެން މިއުންމަތަށް އެކަނި ދެއްވަވާފައިވާ ވަރަށް މަތިވެރި ނިއުމަތެވެ. އެންމެ ރެއެއްގެ އަޅުކަން 83 އަހަރާއި 4 މަސް ދުވަހާއި އެއްވަރުވެގެން ދިއުމަކީ ކޮންފަދަ މަތިވެރި ނިޢުމަތެއްތޯއެވެ!
އިމާމް ތިރްމިޛީ ބަޔާންކުރައްވަވާފައިވާ ހަދީޘްފުޅަކަށް ބަލާއިރު މިމަތިވެރި ނިޢުމަތް މާތް ﷲ މިއުންމަތަށް ދެއްވެވީ އެހެން އުންމަތްތަކުގެ މީހުންގެ އުމުރު ދިގުވުމުން ގިނަ އަޅުކަން ކުރުމުގެ ފުރުޞަތު ލިބިފައިވާތީ އިތުރު ރަސޫލާ (ސޢވ)ގެ އުންމަތަށްވުރެ އަޅުކަންކުރުމުގައި ކުރިއަރައި ހިނގައިދާނެ ކަމަށްޓަކައި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ކަންބޮޑުވެވަޑައިގަތުމުންނެވެ.
މިސާލަކަށް ނޫހުގެފާނުގެ އުމުރުފުޅަށް ބަލައިފިނަމަ 950 އަހަރެވެ. މިއުންމަތުގެ އުމުރު މިއުޅެނީ ޢާންމު ގޮތެއްގައި 60 އާއި 70 އާއި ދެމެދުގައެވެ. އެއަށްވުރެ ގިނަ ދުވަހު ދުނިޔޭގައި ހުރުމުގެ ފުރުޞަތު ލިބެނީ މަދު ބައަކަށެވެ.
ދެން ނިކަން ހިސާބުކޮށްލަމާހެއްޔެވެ؟ މީހަކު 60 އަހަރު ދުވަހު ދުނިޔޭގައި ހުރެއްޖެނަމަ އޭނާގެ އުމުރުން ކުޑަކުއްޖެއްގެ ގޮތުގައި ހޭދަކުރި 15 ވަރަކަށް އަހަރު އުނިކޮށްލާށެވެ. އެއިރުން އަންނާނީ 45 އަހަރެވެ. އެ 45 އަހަރުގެ ކޮންމެ ރަމަޟާން މަހެއް އޭނާ އާއި ބައްދަލުކޮށްފައިވާނެއިރު އޭނާއަށް 45 ލައިލަތުލްޤަދްރް ވިލޭރޭ އަޅުކަން ކުރެވިފައިވާނަމަ އޭނާއަށް އެވަނީ ހަމަ އެކަނި ލައިލަތުލްޤަދްރް ވިލޭރޭގެ ސަބަބުން 3750 އަހަރު އަޅުކަން ކުރެވިފައެވެ. ބޮޑުމީހެއްގެ ގޮތުގައި އޭނާ ހޭދަކުރި 45 އަހަރު އެ އަދަދަށް އިތުރު ކޮށްފިނަމަ 3795 އަހަރު އަޅުކަންކުރުމުގެ ފުރުޞަތު އޭނާއަށް ލިބިގެންދެއެވެ.
އެއަށްވުރެ އުމުރު ދިގު މީހުންނަށް ކޮންފަދަ ބޮޑު ނަޞީބެއްތޯއެވެ؟
ލައިލަތުލްޤަދްރް ވިލޭރޭގެ މާތްކަމަށް ނިކަން ވިސްނައިލަބަލާށެވެ. އެ ރެއަށް ޚާއްޞަ ކުރައްވަވައިގެން މާތް ﷲ ވަނީ ސޫރަތެއް ބާވައިލައްވަވައިފައެވެ. އަދި އެ ސޫރަތަށް ވަނީ އެރޭގެ ނަމުން ނަންވެސް ދެއްވަވައިފައެވެ. މުޅި ސޫރަތުގައި ހިމެނިގެންވަނީ އެ ރޭގެ މާތްކަމާއި މުހިންމުކަމުގެ ވާހަކައެވެ.
ލައުޙުލްމަޙްފޫޟް އިން ކީރިތި ޤްރްއާން ތިރިކުރެއްވެވުނީ ލައިލަތުލްޤަދްރް ވިލޭރެއެއްގައެވެ. އަދި އުޑުން ކީރިތި ޤްރްއާން ބިމަށް، ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)އަށް ބާވައިލެއްވެވުނީ 23 އަހަރު ދުވަހުންނެވެ. ކީރިތި ޤްރްއާނުގެ ފުރަތަމަ ސޫރަތް (އިޤްރައު ބިސްމި) ބާވައިލެއްވެވުނީ ލައިލަތުލްޤަދްރް ވިލޭރެއެއްގައެވެ.
ލައިލަތުލްޤަދްރް ވިލޭރެއަކީ ކުރިއަށް އޮތް އަހަރު މީސްތަކުންގެ ކަންކަން ހިނގާނެ ގޮތް މާތް ﷲ ކަނޑައަޅުއްވަވާނެ ރެއެވެ. އެގޮތުން ކުރިއަށް އޮތް އަހަރު މަރުވާނެ މީހުންނާއި ތަފާތު މުޞީބާތްތަކުން ސަލާމަތްކުރައްވަވާނެ މީހުންނާއި ބަލި ފަސޭހަކުރައްވަވާނެ މީހުން ކަނޑައެޅުއްވެވުން ފަދަ އެތައް ކަމެއް ހިމެނިގެންވެއެވެ. އެހެންކަމަށްވާއިރު ތިބާގެ ކަންކަން ކުރިއަށް އޮތް އަހަރަށް މާތް ﷲ ކަނޑައަޅުއްވަވާ ރޭ، އެކަމުގެ ވަގުތުގައި ތިބާ ވީހައި ގިނަ އަޅުކަން ކުރުމުގައި ދެމިހުރުމުގެ މުހިންމުކަން ކިހައި ބޮޑުކަމާއިމެދު ނިކަން ވިސްނައިލަބަލާށެވެ.
ބުއްދިވެރިންނަކީ ތިމާއަށް މާތް ﷲ ޕްރަމޯޝަން ދެއްވަވާއިރު، އެކަމަށް ޝުކުރުވެރިވުމުގެ ގޮތުންނާއި ވީހައި މަތީ، ވީހައި ބޮޑު ޕްރަމޯޝަނެއް ދެއްވެވުން އެދި އަޅުކަމާއި ދުޢާކުރުންމަތީގައި ދެމިހުންނަ މީހާއެވެ.
- ލަވް އިސްލާމްގެ ދަރުސަކުން -