ދަރިންނަށް ދޭންވީ ކޮން ތައުލީމެއް ކަމާއިމެދު އަދިވެސް އެބަ މަޝްވަރާ ކުރެއެވެ. ގޮތެއް ނުނިންމިގެންވެސް އެބައުޅެއެވެ. ޢާއިލާތަކުގެ މެދުގައި ބޮޑު މައްސަލައަކަށްވެސް އެކަން އެބަވެއެވެ.
ދަރިންނަށް ދޭންޖެހޭނީ އިސްލާމީ ތައުލީމެވެ. އިސްލާމް ދީން އުނގަންނައި ނުދީ ދެވޭ ތައުލީމަކުން ކުރާނެ އެއްވެސް ޙަޤީޤީ ފައިދާއެއް ނެތެވެ. ހަމަ އެއާއިއެކު ވިސްނައިލަންޖެހޭ އިތުރު ކަމެއްވެސް އެބައޮތެވެ. އެއީ އިސްލާމް ދީން މަތިވެރިކުރުމާއި އިސްލާމް ދީން ޙިމާޔަތްކޮށް އަންނަން ޖީލުތަކަށް ފޯރުކޮށްދިނުމުގައި ހަމަ ކޮންމެ މީހެއްގެ ވެސް ޒިންމާއެއް އެބަ އޮތް ކަމެވެ. އެ ޒިންމާ އަދާކުރެވޭނީ ދަރިންނަށް އިސްލާމީ ތައުލީމު ދީގެންކަަމެވެ.
ޔޭސް ޕޭސް ކިޔާފައި ބޭރު ބަސްތަކުން ވާހަކަ ދައްކަން ދަސްކޮށްދޭން ގަދައަޅައި މަސައްކަތްކުރާއިރު އެބަހަކުން ކީރިތި ޤްރްއާން ބާވައިލެއްވެވި ޢަރަބި ބަސް ދަސްކޮށްދޭންވެސް މަސައްކަތްކުރަންޖެހެއެވެ. ކީރިތި ޤްރްއާނާއި ކައު އިތުރު ރަސޫލާގެ ހަދީޘްފުޅުތަކާއި ސުންނަތް ރަނގަޅަށް އެނގޭނީ ޢރަބި ބަސް ދަސްކޮށްދެވިގެންނެވެ.
ކޮންމެ ދަރިވަރަކަށް ޢަރަބި ބަސް ދަސްކޮށް ނުދެވިދާނެއެވެ. ޢަރަބިން ކިތަންމެ މުއްސަނދި ނަމަވެސް، ޢަރަބި ޤައުމުތަކަށް ކިތަންމެ ބޮޑު މުއްސަނދިކަމެއް މާތްﷲ ދެއްވަވާފައިވީނަމަވެސް ޢަރަބި ބަސް ފަތުރައި ކުރިއަރުވަން އެކަށީގެންވާވަރާއި ގާތަކަށްވެސް މަސައްކަތް ކުރެވިފައެއް ނެތެވެ. އެކަމުގެ ހިތިކަން ދުނިޔޭގެ ކަންކޮޅުތަކުގައި ތިބި މުސްލިމުން މިދަނީ އިޙްޞާޞްކުރަމުންނެވެ.
ކަން މިހެން އޮތް ނަމަވެސް އިސްލާމީ ނިޒާމުގެ ތެރެއިން ކިޔަވައިދޭ މުއައްސަސާތައް ވަރަށް ގިނައެވެ. އެފަދަ މުއައްސަސާއަކުން ކިޔަވައިދެވިއްޖެނަމަ ވެސް މަޤްޞަދު ޙާޞިލުކުރެވުނީއެވެ. ވީމާ ކޮންމެ ބެލެނިވެރިއަކުވެސް މިކަންކަަށް ވިސްނައި ސަމާލުކަން ދޭންޖެހޭނެއެވެ.
ދަރިން ފޮނުވެނީ ކޮން އުޞޫލުތަކަކަށް ކިޔަވައިދޭ ތަންތަނަށްކަން ބަލަން ޖެހޭނެއެވެ. އެހެނީ އެންމެ ޅަފަތުން ފެށިގެން މިކަމުގެ ބިންގާ އަޅައިދޭން ޖެހޭތީއެވެ. ރަނގަޅު ބިންގަލެއްގެ މަތީގައި ނޫނީ ހަރުދަނާ އިމާރާތެއް ބިނާ ނުކުރެވޭ ފަދައިން ދަރިންގެ ތައުލީމުގެ ބިންގާ ވެސް ހަރުދަނާ ނުކޮށްފިނަމަ އެކަމުގެ އަސަރު ކުއްޖާގެ މުޅި އުމުރަށް ކުރާނެތީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން -