ކަންކަމަށް މީހުން ދެވި ހިފާ ވާހަކަ އަބަދުވެސް އަޑުއިވެއެވެ. މިހާރަކަށް އައިސް އެންމެ ގިނައިން އިވެނީ ސޯޝަލް މީޑިއާ އަށާއި ޓީވީ ބެލުމަށާއި ގޭމް ކުޅުމަށާއި ބަރަހަނާ ފިލްމު ބެލުމަށާއި ވައްކަންކުރުމަށާއި އަނިޔާ ކުރުން ފަދަ ކަންކަމަށް ދެވިހިފައިގެން އުޅޭ ވާހަކައެވެ. މިއީ ހައްތާވެސް ޝައިޠާނީ ދެވިތަކެވެ. ކިތަންމެ ބޮޑު ޤްރްބާނީއެއް ވެގެން ނަމަވެސް މިފަދަ ދެވިތަކުން ޖެހޭނީ ސަލާމަތްވާށެވެ!
ދެވިތަކަށް ބަލައިފިނަމަ އެންމެ ފައިދާހުރި ދެއްވަކީ ނަމާދުކުރުމަށް ހިފާ ދެއްވެވެ. ނަމާދުކުރުމަށް ދެވި ހިފައިފިނަމަ އެކަންވާނީ އެހެން ހުރިހާ އަޅުކަމަކަށް ހުޅުވިގެންދާ އެންމެ ބޮޑު ދޮރަށް ކަމަށްވާތީއެވެ.
ރާއްޖޭގައި ތިބޭއިރު ކޮންމެވެސް ވަރަކަށް ނަމާދުކުރާ މީހުންވެސް ރާއްޖެއިން ހަމަ ފުރުމާއިއެކު ރާއްޖޭގައި ކުރި ވަރަށްވެސް އޮންނަނީ ނަމާދު ނުކުރެވިފައެވެ. ހަމައެއާއިއެކު އުފާކުރަންޖެހޭ ކަމަކީ ރާއްޖެއިން ބޭރުގައި ތިބޭއިރުވެސް ނަމާދު ނުއަޅައި ނަމާދުކުރާ މީހުން ވަރަށް ދަތިހާލުގައިވެސް ނަމާދުކުރާ ކަމެވެ.
ރާއްޖޭގެ ވިޔަފާރިވެރިންގެ ތެރެއިން ކުރީގެ ބައެއް ވިޔަފާރިވެރިންނާއިއެކު ރާއްޖެއިން ބޭރަށް ކުރެވުނު ދަތުރުތަކުގައި އެކަން ވަރަށް ބޮޑަށް ފާހަގަކުރެވުނެވެ. އެހައި ބުރަކޮށް ބާޒާރުކުރަމުން ފިހާރައަށް ބޭނުންވާ މުދައު ހޯދައި އޯޑަރު ކުރަމުން އަދި ޑޮކްޓަރަށް ދައްކަމުން ވެސް ނަމާދު ނުއަޅާ ކަމެވެ.
ބައެއް ފަހަރު އެޖެންޓުންގެ އޮފީސްތަކަށް ވަންނަ ވަގުތު ފާޚާނާއިން ވުޟޫކޮށްލައިގެންވެސް ނަމާދުކުރާތަން ވަނީ ފެނިފައެވެ. ނަމާދުކުރުމަށް އެވަރުގެ ބޮޑު ޝައުޤުވެރިކަމެއް އެ އުފެދެނީ ނަމާދުކުރުމަށް ދެވިހިފާފައި ތިބޭތީއެވެ. ދެވި ހިފަނީ ނަމާދެއް ނުއަޅައި ޤަވާއިދުން ނަމާދުކުރަމުން ގެންދާތީއެވެ.
ދަތުރުވެރިންނަށް 4 ރަކްޢަތް ނަމާދެއް 2 ރަކްޢަތަށް އެބަރުކޮށްލެވެއެވެ. މެންދުރު ނަމާދުގެ ވަގުތުގައި ޢަޞްރު ނަމާދު އެބަކުރެވެއެވެ. މަޣްރިބް ނަމާދުގެ ވަގުތުގައި ޢިޝާ ނަމާދުގެ 2 ރަކްޢަތް ކޮށްލުމުން ފުދިގެންދެއެވެ.
ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ ޙަދީޝްފުޅެއްގައި ވަނީ މިއީ ދަތުރުވެރިންނަށްޓަކައި މާތް ﷲ ދެއްވެވި ހަދިޔާއެއް ކަމަށެވެ. ހަމަ ހަޤީޤަތުގައިވެސް މިއީ ވަރަށް ބޮޑު ހަދިޔާއެކެވެ. ނަމަވެސް ސުވާލު އުފެދެނީ ދަތުރުވެރިންގެ ތެރެއިން ކިތައް މީހުން މި ހަދިޔާގެ ބޭނުން ހިފާ ކަމާއިމެދުގައެވެ.
(ޤަޞްރުގެ މާނައަކީ ކުރުކުރުމެވެ. އެގޮތުން 4 ރަކްޢަތް ނަމާދެއް 2 ރަކްޢަތަށް ކުރުކޮށްގެން ކުރުމެވެ. ޖަމްޢްގެ މާނައަކީ އެއްކޮށްލުމެވެ. އެގޮތުން މެންދުރާއި ޢަޞްރު، އަދި މަޣްރިބް އާއި ޢިޝާ އެއްވަގުތެއްގައި ކުރުމެވެ." - ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް)