ޢިޝާ ނަމާދަށްފަހު ނިދައި، ނިދިން ހޭލެވުމުން ތަރާވީޙް ނަމާދާއި ދަމުނަމާދާއި އަދި ވިތުރު ކުރުމަކީ ގޯސްގޮތެއް ނޫން ކަމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ. ޑރ. އިޔާޟް މިމޭރުމުން ވިދާޅުވެފައިވަނީ ރޭ އަޅުކަން އެ ގޮތަށް ކުރެވިދާނެތޯ މީހަކު ކޮށްފައިވާ ސުވާލެއްގެ ޖަވާބުގައެވެ.
މިކަމާއި ގުޅިގެން ބައެއް އިލްމުވެރިން ވިދާޅުވެފައިވަނީ ރޭ ގަނޑުގެ ސުންނަތް ނަމާދުތައް ކުރުން ރަނގަޅީ ނިދާފައި ތެދުވެ ކަމަށެވެ. ނަމަވެސް ނިދާފައި ނުހޭލެވުން ފަދަ ކަމެއް ކުރިމަތިވެދާނެކަމަށްޓަކައި އަދި އެނޫންވެސް އެފަދަ ސަބަބަކަށްޓަކައި ހޭލައި ހުރެގެން ވެސް ކުރެވިދާނެ ކަމަށެވެ.
ޖަމާއަތުގައި ކުރުން ސުންނަތްވެގެންވާ ނަމާދުތައް ޖަމާއަތުގައި ކުރުމުން ލިބޭ ސަވާބު އިތުރުވާނެ ކަމަށްވެސް ބަޔާންކުރައްވަވައެވެ. އެންމެ މުހިންމީ ރޭ އަޅުކަމުގެ ނަމާދުތައް ކުރުމެވެ. އެކަން ކުރުމުގައި އެމީހަކަށް ފަސޭހަ ގޮތަކަށް އަމަލުކޮށްގެންވެސް ބަލަންވީ ވީހައި ގިނަ އަދަދަކަށް ސުންނަތް ނަމާދުތައް ކުރެވޭތޯއެވެ!