ފާފަކުރުމަށްފަހު ކުރާ ހެޔޮ އަމަލުން އަޅާކަނޑައި ހިސާބު ޖެހޭނެ އެއްވެސް މީހަކު ނުހުންނާނެ: ޝައިޚް ޢަލީ ޒާހިރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ފާފަކުރުމަށްފަހު ކުރާ ހެޔޮ އަމަލުން އަޅާކަނޑައި ހިސާބު ޖެހޭނެ އެއްވެސް މީހަކު ނުހުންނާނެ: ޝައިޚް ޢަލީ ޒާހިރު
އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން ނަމާދެއް ކޮށްލާފަ ފަހަތުން އެބަ ފާފަ ކުރެއެވެ. ފާފަކޮށްފައި ފަހަތުން ނަމާދު އެބަ ކުރެއެވެ. "ކިހިނެއްތޯ ތިއަ ހަދަނީ ސުވާލުކޮށްފިނަމަ ޖަވާބުގައި ބުނަނީ ނަމާދުކުރީމާ ހެޔޮކަމެއް ލިބޭނެ ނޫންހޭ. ވީމާ ފާފައެއްލާފަ އެއިން ކަނޑައިލީމަ ބުރައީ ހެޔޮކޮޅޭ. އެހެންވީމާ ތިމަންނާ ހިސާބު ބަލަމުންނޭ މިދަނީ. ޤިޔާމަތް ދުވަހު ތިމަންނާ ﷲ އާއި ބައްދަލުވާއިރު ތިމަންނާގެ ފާފައެއް ނުހުންނާނެއޭ. ސުބްހާނަﷲ!"



މިއީ ވިސްނައިލަންޖެހޭ ކަމެކެވެ. މިކުރަނީ ވަރަށް ގޯސް ހިސާބެކެވެ. އަޅުގަނޑުމެން ކުރި ނަމާދު ނުވަތަ ހެޔޮކަން މާތް ﷲ ޤަބޫލުކުރެއްވެވިކަން އަޅުގަނޑުމެންނަށް އެނގެނީ ކިހިނަކުންތޯއެވެ! އަޅުގަނޑުމެން އަމިއްލައަށް ސަވާބުދީފަ އެއިގެން އަޅުގަނޑުމެންނަށް އަމިއްލައަށް އުނިކުރަން އެނގެނީ ކިހިނަކުންތޯއެވެ! އަޅުގަނޑުމެންކުރި އަމަލު މާތް ﷲ ޤަބޫލުފުޅު ކުރެއްވެވިކަން އަޅުގަނޑުމެންނަށް ނުއެނގޭއިރުގައި ހެޔޮކަމެއް ކޮށްލުމަށްފަހު ދެން ތިމަންނާ މިވެނި ފާފައެއް ކޮށްލީމާ ރަނގަޅުވާނެކަމަށް ކަނޑައަޅާނީ ކިހިނަކުންތޯއެވެ!



އަޅުގަނޑުމެން ކުރި ހެޔޮކަންތައް މާތް ﷲ ޤަބޫލުފުޅު ކުރެއްވެވިކަން ނުވަތަ ނޫންކަން ނުއެނގޭއިރު މިއީ އެއްވެސް ޙާލެއްގައި އެގޮތަށް ކުރެވެން އޮތް ކަމެއް ނޫނެވެ. އަދި އަމުދުން ފަހުން ތައުބާވުމަށް ފާފަކޮށްގެން ނުވާނެއެވެ. ތިމަންނަ މިވެނި ހެޔޮކަމެއް ކޮށްފައި އޮންނާނެތީ އެއިން ކަނޑާލާ ގޮތަށް ފާފައެއް ނުކުރެވޭނެއެވެ. އަދި ފާފައެއް ކުރުމަށްފަހު މިވެނި ހެޔޮ އަމަލެއް ކޮށްލުމުން ފޮހެލެވޭނެކަމަށް ބަލައިގެންވެސް ފާފައެއް ނުކުރެވޭނެއެވެ.

އެހެނީ މިއީ ތައުބާވުމުގެ އުޞޫލުތަކެއް ނޫނެވެ. ތައުބާ، ތައުބާއަކަށް މިވަނީ އެމީހާއަށް ކުރެވުނު ކުށާއިމެދު ހިތާމަކޮށް ލަދުގަނެ ދެވަނަ ފަހަރަށް އެފަދަ ކަމެއް ނުކުރަން ޢަޒުމް ކަނޑައަޅައިގެން ތައުބާވުމުންނެވެ. އެހެން ނޫނީ އެއީ ތައުބާއެއް ނޫނެވެ. ތައުބާއަކަށްވާނީ އިޚްލާޞްތެރި ހިތަކުން ދެވަނަ ފަހަރަށް އެފަދަ ކުށަކަށް އަރައިނުގަންނަން ވާ ތަޢުބާއެވެ.

- ފަޟީލަތުއްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް މަސްޖިދު މުޙައްމަދު ތަކުރުފާނުލްއަޢްޒަމްގައި މިއަދު ދެއްވި ދަރުސުން.

ޝައިޚް ޢަލީ ޒާހިރުގެ ބަސްފުޅު (ޢޯޑިއޯ)
މިއަދު އޮންލައިން