ލޯބިވުމުގެ މުރާދަކީ އަޅުގަނޑުމެން ލޯބިވާ ފަރާތުގެ އެންގެވުންތަކަށް އަޅުގަނޑުމެންގެ ހަވާނަފުސުގެ އެދުންތައް ސީދާ ކުރުމެވެ. އަޅުގަނޑުމެން ލޯބިވާ ކަންތައް އަޅުގަނޑުމެން ލޯބިވާ ފަރާތުގެ ލޯތްބާއި ދިމާނުވެއްޖެނަމަ ކަންތައްތައް ދާނީ މުޅިން ގޯހުން ގޯހަށެވެ.
މާތް ﷲ އަންގަވާފައިވަނީ މާތް ﷲ ގެ ޙަޟްރަތުން ރުއްސެވުމާއި ފުއްސެވުމަށް އެދޭނަމަ މާތް ﷲ އާއި އެކަލާނގެ ރަސޫލާ (ޞޢވ) އެންގެވިގޮތަށް ތަބަޢަވުމަށެވެ. މާތް ﷲ އާއި ﷲ ގެ ރަސޫލާ (ޞޢވ) އަށް ލޯބިވާ ކަމުގައިވާނަމަ ކޮންމެ މީހަކުވެސް އެމީހާ ކުރާ ކަންކަން ކުރަންވާނީ ﷲ ތަޢާލާ އެންެގވި ގޮތުގައެވެ.
ސޫރަތުލް ޤަޞަޞްގެ 50 ވަނަ އާޔަތުގެ މާނައިގައިވެއެވެ. "ފަހެ، އެއުރެން ކަލޭގެފާނަށް އިޖާބަ ނުދިންނަމަ (އެބަހީ: ކަލޭގެފާނު އެއުރެންގެ ކިބައިން އެދިވަޑައިގެންނެވި ކަންތައް އެއުރެންނަށް ނުކުރެވިއްޖެނަމަ) ފަހެ، ދެނެވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، އެއުރެން އެ ތަބަޢަވަނީ، ހަމައެކަނި އެއުރެންގެ (ނުބައި) އެދުންތަކަށެވެ. (އެމީހުންގެ ހަވާ ނަފުސުގެ އެދުންތަކަށެވެ.) އަދި ﷲ ގެ ޙަޟްރަތުން ތެދުމަގަކާ ނުލައިއެމީހެއްގެ އަމިއްލަ އެދުމަށް ތަބަޢަވީ މީހަކަށްވުރެ މަގުފުރެދުން ބޮޑީ ކާކުހެއްޔެވެ؟ ހަމަކަށަވަރުން، އަނިޔާވެރި ބައަކަށް ﷲ ތެދުމަގެއް ނުދައްކަވާނެތެވެ."
"ބައެއް މީހުންނަށް އެބަ ހީވޭ ﷲ ސުބްހާނަހޫ ވަތަޢާލާގެ ޝަރީޢަތުގެ ޙުކުމްތަކާއި ޚިލާފަށް ﷲ ގެ ޙުކުމްފުޅުތައް އެއް ފަރާތް ކޮށްފައި ތިމާމެންގެ އަމިއްލަ ހަވާނަފުސުގެ އެދުންތަކަށް، ތިމާ މެންނަށް އެއީ މޮޅުކަމަށް، ރަނގަޅު ކަމަށް ފެންނަ ގޮތްތައް އެއީ ވަރަށް ރަނގަޅު ގޮތްކަމަށް ބަލައި އެއިގެ ޒަރިއްޔާއިން އަދުލު އިންސާފު ޤާއިމުކުރެވޭނެ ހަމަތައް ކަމަށް ބައެއް މީހުން ޤަބޫލުކުރޭ - އަދި އެއީ ވަރަށް ރަނގަޅު ގޮތްތައް ކަމަށްވެސް ޤަބޫލުކުރޭ. އެކަމަކު ރަނގަޅެއް އޮތްނަމަ އޮންނާނީ ﷲ ގެ ޝަރީއަތުގަ. ސީދާކޮށް ނަމަވެސް ނުސީދާކޮށް ނަމަވެސް ރަނގަޅު ހުރިހާ ކަމެއް ﷲ ވަނީ އެކަލާނގެ ޝަރީއަތުގަ ލައްވަވާފަ."
ﷲ ގެ ޝަރީއަތާއި ޚިލާފް އެއްވެސް ކަމެއް ރަނގަޅެއް ނުވާނެއެވެ. އެފަދަ އެއްވެސް ކަމަކުން އަދުލް އިންޞާފެއް ނުލިބޭނެއެވެ. އެއްވެސް މީހެއްގެ ހައްޤުތަކެއްވެސް ނުލިބޭނެއެވެ. އެހެނީ މީސްތަކުންގެ ޙައްޤުތަކާއި އަދުލު އިންޞާފުގެ ކަންކަން ވަނީ ﷲ ގެ ޝަރީއަތުގައި ކަނޑައަޅުއްވަވާފައެވެ.
- އައްޝައިޚް އަޙްމަދު ސަމީރު މަސްޖިދު މުޙައްމަދު ތަކުރުފާނުލްއަޢްޒަމްގައި ދެއްވި ދަރުސުން
- ޝައިޚް ސަމީރުގެ ދަރުސް (އޯޑިއޯ):