ތަފާތު ކަންކަމާއި ގުޅިގެން މީހުން ހުށަހެޅުންތައް ފޮނުވައެވެ. އެމީހުންނަށް ކުރިމަތިވެފައިވާ މައްސަލައިގައި ޙުކުމެއް ނެރެދިނުން އެދިއެވެ. ނަމަވެސް އެއީ އެގޮތަށް ކުރެވޭނެ ކަމެއް ނޫނެވެ.
މިސާލަކަށް ޢާއިލީ މައްސަލައެއް ނަގާށެވެ. މައްސަލަ ގޮސް އެއްބަނޑު އެއްބަފާ މީހުންނާއި އަދި ޅިޔަން ފަހަރިންނާއިވެސް ގުޅިފައި އޮވެދާނެއެވެ. އެފަދަ ހާލަތުގައި އެއްފަރާތުގެ އަޑު އަހައިގެން ޙުކުމެއް ނުނެރެވޭނެއެވެ. އިތުރު މީހަކާއި ނުވަތަ ބައަކާއި އެކަމުގައި ގުޅުންހުރިނަމަ ޖެހޭނީ ހަމަ އެންމެންގެ އަޑު އަހާށެވެ. ކޯޓުތަކުން ޝަރީޢަތް ކުރަންޖެހޭނީ ވެސް ހަމަ އެ އުޞޫލުންނެވެ.
މައްސަލަ އާއި ގުޅުންހުރި ގިނަ ބައަކު ތިބި ނަމަ އެންމެންގެ އަޑު ނުއަހައި ޙުކުމެއް ނުނެރެވޭނެ ކަމަށް ބުނަމެވެ. ނަމަވެސް އެމިހާ ބުނާ ބުނުމަށް ބަލައި އެކަމުގައި ފެންނަ ލަފައެއް ދެވިދާނެއެވެ. ލަފާދިނުމާއި ޙުކުމެއް ނެރުމާއި އެއީ މުޅިން ދެ ކަމެކެވެ.
ދެފަރާތުގެ އަޑު ނުއަހައި ޙުކުމެއް ނެރެފިނަމަ އެއްފަރާތުން ބުނި ބަހަކީ ދޮގަކަށްވެއްޖެނަމަ ޙުކުމް ބަދަލުވެގެންދާނެއެވެ. އެއީ ވަރަށް ބޮޑު ގޯހެކެވެ.
ވަރަށް ބޮޑު މައްސަލައެކެވެ. އެފަދަ ޙުކުމެއްގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ ގެއްލުމެއް ލިބިއްޖެނަމަ ޙުކުމް ކުރި މީހަކަށް އެކަމުގެ ޒިންމާ އުފުލަންޖެހޭނެއެވެ. މާތް ﷲ ގެ ޙަޟްރަތުގައި ޙާޟިރުވެ ހުންނައިރު، ޤިޔާމަތް ދުވަހު އެ ޒިންމާ އުފުލޭނީ ކާކަށް ހެއްޔެވެ؟
- މުފްތީ މެންކުގެ ދަރުސަކުން