މިއަހަރުގެ ރަމަޟާން މަހުން ދެ ދިހަ ނިމިގެންދިއައީއެވެ. ބާކީ އޮތީ އެންމެ ދިހައެކެވެ. މިހިސާބަށް ދިއައިރުވެސް ދެމަފިރިން އެކުގައި ތިބެގެން މާތް ﷲ އަށް ދުޢާއެއް ކޮށްލީ ކިތައް ދެމަފިރިން ހެއްޔެވެ؟ އެ ދުޢާގައި ދަރިން ބައިވެރިކުރީ ކިތައް ދެމަފިރިން ހެއްޔެވެ؟
ސުވާލުތައް ބައިވަރެވެ. ދިރިއުޅުމުގައި ޙައްލުކުރަންޖެހޭ އެއްވެސް ކަމެއް ހަމަ ނެތީހެއްޔެވެ؟ ދިރިއުޅުމުގެ ހުރިހާ ކަންކަން ހަމަ ފުރިހަމަވެފައިވަނީ ހެއްޔެވެ؟ ޙާޞިލުކުރަން ބޭނުން އިތުރު އެއްވެސް ކަމެއް ނެތީހެއްޔެވެ؟
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ކޮންމެ ދެމަފިރިއެއްގެވެސް މައްސަލަތައް ހުންނާނެއެވެ. ޙައްލުކުރަން ބޭނުންވާނެއެވެ! މުޅި ޢާއިލާއަށް ހުރި ދަތިތަކެއްވެސް ހުންނާނެއެވެ! ދަރިންނަށްޓަކައި އެދެންޖެހޭ ކަންތައްތަކެއްވެސް ހަމަ ހުންނާނެއެވެ!
ބައެއް ޢާއިލާތަކަށް މާލީ ދަތިތައް ހުރެދާނެއެވެ! ދިރިއުޅޭ ގެދޮރުގެ ދަތިކަން ހުރެދާނެއެވެ! ދެމަފިރިންގެ މެދުގައި ލޯބީގެ މައްސަލަތަކެއްވެސް ހުރެދާނެއެވެ! ދަރިންނަށްޓަކައި އެދެންޖެހޭ ކަންތައްތަކެއްވެސް ހުރެދާނެއެވެ! އަދި ކީއްހެއްޔެވެ؟ ދަރިން ނުލިބުމުގެ މައްސަލަތައްވެސް ހުރެދާނެއެވެ!
ތަނަވަސް ޢާއިލާތަކަށް ހުންނަ މައްސަލަތައް ތަފާތުވެދާނެއެވެ. ނަމަވެސް މައްސަލަތަކެއް ނެތް ހަމަ އެންމެ ޢާއިލާއެއްވެސް ނުހުންނާނެ ކަމަށް ބުނުމަކީ ހެދޭ ދޮގަކަށް ނުވާނެއެވެ! މިސާލަކަށް މާލީ ތަނަވަސްކަމާއި އެހެން ނިޢްމަތްތައް ފުރިހަމަވެފައިވާއިރު ބަލިވެ އުޅެންޖެހުމުގެ މައްސަލަތައް ހުރެދާނެއެވެ!
ރަމަޟާން މަހަކީ އަޅުކަން ކުރުމާއި ދުޢާ ކުރުމުގެ މައްސަރެވެ! މިއީ ކުޅިވަރުކުޅުމާއި މުނިފޫހި ފިލުވުމުގެ މައްސަރެއް ނޫނެވެ! އެކަނި އިނދެގެންވެސް ދުޢާކުރަންވީއެވެ! ނަމަވެސް ޢާއިލީ ކަންކަމުގައި ދެމަފިރިން އެކުގައި ތިބެގެން ދުޢާކުރުމުން އެކަމުގައި މާތް ﷲ އިތުރަށް ބަރަކާތް ލައްވަވާނެތެވެ! މާތް ﷲ ގެ ދީލަތިވަންތަކަން އިތުރަށް ޙާޞިލުކުރެވޭނެއެވެ! ދަރިންނާއި ގުޅުންހުރި ކަންކަމުގައި ދުޢާކުރާއިރު ދަރިންވެސް ބައިވެރިކުރާށެވެ! އެއީ ދަރިންނަށް ދަސްކޮށްދެވޭ ވަރަށް މުހިންމު ކަމެކެވެ. ދަރިންގެ ހިތްތަކުގައި ދުޢާ ކުރުމަށް ލޯބި އިތުރުވެ ﷲ ތަޢާލާ އާއި އޮންނަ ގުޅުންތައް އިތުރުވާނެ ކަމެކެވެ.
މިސާލެއް ބުނަންހެއްޔެވެ! އެންމެ ތާޅަފިއްޔަކަށްވުރެ 2 ތާޅަފިލީގެ އަޑު ގަދަ ނުވާނެ ހެއްޔެވެ؟ އިތުރުކޮށްފިނަމަ އަދި އެއަށްވުރެވެސް އަޑުގަދަ ނުވާނެ ހެއްޔެވެ؟ މިތަނުގައި ާތާޅަފިލީގެ މިސާލު މިދެއްކީ އަޑުގަ ނެތްތަނަށް ވެސް ބާރުލައި އަޑުގަދަކޮށް ދުޢާކުރުމަކަށް ނޫނެވެ. ތިމާމެންގެ އެދުންތައް މާތް ﷲ އަށް ހުށަހެޅުމުގެ ބާރު ގަދަވާނެކަން ބަޔާންކުރުމަށެވެ. އަހަރެމެން ކުރާ ދުޢާތައް މާތް ﷲ އައްސަވައި ވޮޑިގަންނަވައެވެ! ބައްލަވައި ވޮޑިގަންނަވަތެވެ! ވީއިރު ގިނަ ބައަކު އެއްވުމުން ޖަމާއަތަކަށްވެ އެކަމުގެ ފައިދާކުރާ މިންވަރު ބޮޑުވެގެންދާނެއެވެ!
ފިރިމީހާ އާއި އަނބިމީހާ އާއި އެކުގައި ތިބެ ދުޢާކުރާނަމަ އެކަމުން އަންގައިދެނީ އެކަމަކަށް ދެމަފިރިންވެސް އެދިގެން ތިބި މިންވަރެވެ!
ދެމަފިރިންގެ މެދުގައި އޮތް ލޯބީގެ ގަދަކަމެވެ! ދެމަފިރިއަކު ލޯބިން ދިރިއުޅުމަކީ މާތް ﷲ އިންތިހާއަށް ލޯބިކުރައްވަވާ ކަމެކެވެ! މާތް ﷲ ހުއްދަ ކުރެއްވެވި ކަންކަމުގެ ތެރެއިން އެންެމެ ނުރުއްސަވާ ކަމަކީ ވަރި ކަމަށްވުމުން ދެމަފިރިން އެކުގައި ލޯބިން ދިރިއުޅުމަށް މާތް ﷲ ލޯބިކުރައްވަވާ މިންވަރު ހާމަނުވަނީ ހެއްޔެވެ؟
މިއަހަރުގެ ރަމަޟާން މަހުން އަދިވެސް 10 ވަރަކަށް ދުވަސް ބާކީ އެބައޮތެވެ. ފުރުޞަތު ނަގައި ނުލާށެވެ! ދެމަފިރިން އެކުގައި ތިބެގެން ދުޢާކުރުން ގިނަކުރާށެވެ! ފިރިމީހާ އިސްވެ ދުޢާކުރެވިދާނެއެވެ. ފަހަތުން އާމީން ކިޔަމުން ގެންދިއުމުން އެއޮތީ އެންމެންނަށް އެކުގައި ދުޢާ ކުރެވިފައެވެ.
ޢާއިލާ އެކުގައި ތިބެގެން ރޯދަ ވީއްލާ ޢާއިލާތަކުން ރޯދަ ވީއްލާ ވަގުތަކީ އެކުގައި ތިބެގެން ދުޢާކުރާ ވަގުތަށް ހަދާށެވެ! އެއީ ރޯދަވެރިންގެ ދުޢާ އިޖާބަ ކުރައްވަވާ ޚާއްޞަ ވަގުތެކެވެ. އެވަގުތުގެ ބޭނުން އެންމެ ފައިދާހުރި ގޮތުގައި ހިފާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން -