ބައެއް މީހުންނަށް އެމީހުންގެ އަދާވާތްތެރިންނާއިމެދު އަމަލުކުރެވޭ ގޮތުން އަދާވާތްތެރިޔާ ސުވަރުގެ ފޮނުވައިދިނުމަށްފަހު އަމިއްލައަށް ނަރަކައަށް ދާ މީހަކަށް ތިބާ އެބަވަމުއެވެ. ހަމަ އެފަދައިން މީސްތަކުންގެ ޙައްޤުތަކަށް އަރައިގަންނަ މީހުންނަށްވެސް މިފަދަ ހާލަތު އެބަކުރިމަތިވެއެވެ.
ނިކަން ވިސްނައިލަބަލާށެވެ. މީހަކަށް އަނިޔަވެރިވުމުން އެކަން ބަދަލުވެގެންދާ ގޮތަށް ވިސްނައިލަބަލާށެވެ. ތިބާ ކުރި އަނިޔާ އެނބުރި ތިބާ އާއި ދިމާއަށް ނަރަކައިގެ ހޫނު ގަދަ އަލިފާނުގެ ގޮތުގައި އަންނަ ގޮތާއިމެދު ނިކަން ވިސްނައިލަބަލާށެވެ!
ތިބާ އެނާއަށް ކުރި އަނިޔާގެ ކަންކަން ތިބާއާއި ދިމާއަށް އެނބުރި އަނިޔާވެރި ކަމަށް ބަދަލުވެގެންދާ މިންވަރު ނުވެސް އެނގޭނެއެވެ. ހިތަށް ތަޞައްވަރުވެސް ނުކުރެވޭނެއެވެ. ކުރެވޭނަމަ އެފަދަ އެއްވެސް ކަމެއް ނުކުރާނެއެވެ!
ރަނގަޅަށް ވިސްނާށެވެ. މީހަކަށް ދެރައެއް ދީފައިވާ މީހާއަށް މިދުނިޔޭގައި މުޞީބާތެއް ނުޖެހި ހިނގައިދާނެއެވެ. ނަމަވެސް މަރުވުމާއިއެކު އެކަމަކާއި ކުރިމަތިލާންޖެހޭނެއެވެ. އެއީ ހަމަ ޔަޤީން ކަމެކެވެ. އާޚިރަތް ދުވަހު އެކަމާއި ކުރިމަތިލާން ޖެހޭނެއެވެ. ފުރިހަމަ ބަދަލުދޭންޖެހޭނެއެވެ.
ބަދަލުދޭން ޖެހެނީ އެކަން ނުކުރަން އެމީހާ އެންެމެ ބޭނުންވާ ވަގުތުގައެވެ. އެންމެ ހިތްދަތި ވަގުތުގައެވެ. އެންމެ ސަވާބެއް ނަމަވެސް އިތުރުކުރެވޭނެ ގޮތަކަށް އެދި ތެޅިފޮޅިފޮޅި ހުއްޓައެވެ.
މީޒާނުގައި އެވަނީ ތިބާގެ ހެޔޮ އަމަލުތަކާއި ނުބައި އަމަލުތައް ބަހެއްޓިފައެވެ. ހެޔޮ އަމަލުތަކުގެ ތިލަފަތަށް ބުރަވެ ސުވަރުގެ ވަދެވޭނެ ކަމަށް ޔަޤީންކޮށްގެން ތިހިރީ އުފަލުން ފޮޅިފައެވެ. ހުއްޓައި ކުއްލިއަކަށް އެތަނަށް އެ އަންނަނީ އޭނާއެވެ. ކާކުހެއްޔެވެ؟ ތިބާ ދުނިޔޭގައި އެމީހެއްގެ މައްޗަށް އަނިޔާވެރިވީ މީހާއެވެ! ތިބާގެ ކިބައިން ބަދަލުހޯދުމަށެވެ.!
މާތް ﷲ އޭނާގެ ޝަކުވާ އަޑުއައްސަވާނެތެވެ! ތިބާގެ ކިބައިން ހައްޤު ބަދަލު ނަންގަވައިދެއްވަވާނެތެވެ. ކުރިން ބުރަކޮށް ހުރި ތިބާގެ ހެޔޮ އަމަލުތަކުގެ ތިލަފަތް އެހެރަދަނީ ލުއިވަމުންނެވެ. ބަދަލުދެމުންގޮސް އެކުގައި ހުސްވީއެވެ. އަދި އެވަރުން ނިމެނީއެއް ނޫނެވެ. އޭނާ ކޮށްފައި ހުރި ފާފަތައް ތިބާގެ ތިލަފަތަށް އެޅެމުން އެހެރަ ދަނީއެވެ. އާޚިރުގައި މުޢާމަލާތު ނިމޭއިރު ތިބާ އަނިޔާވެރިވި މީހާއަށް ތިބާގެ ސަބަބުން ސުވަރުގެ ލިބުމަކީ ހަމަ ވަރަށް ގާތް ކަމެކެވެ. އަދި ހަޔޮ އަމަލުތަކުގެ ފުނިވަރު ހިފައިގެން ﷲ ގެ ޙަޟްރަތަށް ދިއަ ތިބާއަށް ތިއަ ވަނީ ނަރަކައަށް ދާންޖެހިފައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން -