މާތް ﷲ މީސްތަކުންނަށް މިދެއްވަވަނީ ތަޅުލާފައިވާ 10 ފޮށްޓެވެ. ކޮންމެ ފޮށްޓޭއްގައި ވަނީ ނަމްބަރެއްވެސް ޖަހައިފައެވެ. ފޮށިތަކާއިއެކު ތަޅުތަކުގެ ތަޅުދަނޑި ވެސް ދެއްވަވާފައި މިއަންނަގަވަނީ ދުނިޔޭގައިވާ އެންމެ އަގު ބޮޑު ޖަވާހިރު މިއިން 1 ފޮށީގައިވާނެ ކަމަށާއި ފޮށިހުޅުވައިގެން ނެގުމަށެވެ.
ފޮށީގައި ޖަވާހިރު އޮންނާނެ ކަމުގެ ޔަޤީންކަން އެބަ ދެއްވަވައެވެ. ހަމަ އެކަނި ބަޔާންކޮށް ނުދެއްވަވަނީ ޖަވާހިރު އޮތް ފޮށްޓެވެ. އެހެންކަމުން މީސްތަކުންނަށް ކުރަން މިޖެހޭ ހަމައެކަނި ކަމަކީ 7 އުޑުގެ މަތިން މާތް ﷲ އަޅުގަނޑުމެންނަށްޓަކައި ބާވައިލެއްވެވި އެ އަގު ބޮޑު ހަދިޔާ ނުވަތަ ޖަވާހިރު އޮތް ފޮށި ހޯދައި ލިބިގަތުމެވެ.
ދަންނަވަން މިއުޅޭ ވާހަކައަކި ރަމަޟާން މަހުގެ ފަހު 10 މިވަނީ ފެށިފައި ކަމެވެ. ދުނިޔެގައި އިންސާނަކަށް ލިބޭނެ އެންމެ އަގުބޮޑު ނިއުމަތް ކަމަށްވާ ލައިލަތުލްޤަދްރި ވިލޭރޭ ހިމެނިގެންވަނީ މި ދިހައިގައެވެ. ނުއެނެގެނީ އެއީ ކޮން ރެއެއްކަމެވެ. ނަމަވެސް ޔަޤީން ކުރެވޭ ކަމެއް އެބައޮތެވެ. އެއީ މި ދިހަ ރޭ ގަދައަޅައި މަސައްކަތްކޮށްފިނަ ލައިލަތުލްޤަދްރް ވިލޭރޭގެ ބަރަކާތް ހާޞިލުކުރެވޭނެ ކަމެވެ.
މި ދިހައިގައި ނުކުރެވުނު އަޅުކަމެއް ކުރެވޭނެ ދުވަހެއް ނުއަންނާނެ ހެއްޔެވެ؟ ރަމަޟާން މަސް ނިމެނީއެވެ. 3 ދިހައިން ފަހު ދިހައަށް އެޅި ދުވަސްތައް ފާއިތުވާން ފެށީއެވެ. ރޭތައް ފާއިތުވަމުންދަނީއެވެ. ދާދި ކުޑަކުޑަ ވަގުތުކޮޅެއްގެތެރޭގައި ރަމަޟާން މަސް އެކުގައި ނެތިގެން ހިނގައިދާނެއެވެ.
ކޮންމެ ދުވަހަކު ތަކުރާރުކޮށް މިކަންކަން ހަނދާންކޮށްދެމުން ގެންދިއުމުގެ ބޭނުމަކީ ލައިލަތުލްޤަދްރް ވިލާރޭގެ ބަރަކާތް ހާޞިލުކުރެވޭ މީހުންގެ ތެރޭގައި އަޅުގަނޑުމެންގެ ތެރެއިން އެންމެންވެސް ހިމެނިގެންދިއުމެވެ.
- މިއަދުގެ ޢަޞްރުނަމާދަށްފަހު މަސްޖިދު މުޙައްމަދު ތަކުރުފާނުލްއަޢްޒަމްގައި، އިސް އިމާމް އައްޝައިޚް މުޙައްމަދު ލަޠީފް ދެއްވެވި ދަރުސުން