ދާދިފަހުން ކެންސަރުބަލީގައި މަރުވި އުމުރުން 36 އަހަރުގެ މުއްސަނދި ޒުވާނަކު މަރުމަތީގައި ބުނެފައިވަނީ "ތިމަންނަ އެންމެ ދެރަވަނީ ތިމަންނަ ދުނިޔެއަށް އުފަންވުމާއިއެކު ތިމަންނަ މަރުވާނެކަން މާތް ﷲ ތިމަންނާއަށް އަންގަވާފައި އޮތްއިރު އުމުރުން މިހައި ދުވަސްވީއިރުވެސް އެކަން ނުވިސްނި ހުދު ކޯޓެއްލައިގެން ހުރި ޑޮކްޓަރަކު އެވާހަކަ ބުނުމުން އެކަން ވިސްނުނު ކަމަށްޓަކައި" ކަމަށެވެ.
"ޑޮކްޓަރު އެވާހަކަ ބުނި ހިސާބުން މަރަށް އޭނާ ތައްޔާރުވި. އޭނާގެ ހުރިހާ މުދާ ﷲ ގެ މަގުގައި އޭނާ ހޭދަކުރި. ދުޢާ އަކީ މާތް ﷲ އޭނާއަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރެއްވެވުން."
ކެންސަރުބަލި ޖެހުމަކީ ތިމާއަށް ލިބޭ ހަދިޔާއެއް ކަމަށް އެއްވެސް މީހަކު ނުބުނާނެއެވެ. ނަމަވެސް އެ ޒުވާނާ ބުނެފައިވަނީ އޭނާ ޤަބޫލުކުރާ ގޮތުގައި ކެންސަރަކީ މާތް ﷲ އޭނާއަށް ދެއްވެވި ހަދިޔާއެއް ކަމުގައެވެ. އެއީ އޭނާ މަރުމަތިން ހަނދާންނެތި ޣާފިލުވެފައިވަނިކޮށް ކެންސަރު ބަލީގެ ސަބަބުން މާތް ﷲ ގެ މަގަށް ރުޖޫޢަވުމުގެ ފުރުޞަތު އޭނާއަށް ދެއްވެވި ކަމަށްޓަކައެވެ.
ކޮންމެ ދުވަހަކު އިރުއަރާ އިރުއޮއްސުން އަންގައިދެނީ ދުނިޔެއަށް އުފަންވީ ކޮންމެ މީހެއްގެ ޙަޔާތަށް އިރުއެރިފަދައިން އިރު އޮއްސޭނެކަމެވެ. މިބަހުގެ މާނައަކީ ކޮންމެ މީހަކީވެސް ދުނިޔެއަށް އުފަންވި ފަދައިން މަރުވެގެންދާނެ މީހެއްކަމެވެ. ކޮންމެ ދުވަހެއްގެ އިރުއަރާ އޮއްސުން އެ އަންގައިދީ ހަނދާންކޮށްދެނީ އެކަމެވެ.
މާތް ﷲ ދުނިޔެއަށް ފޮނުއްވެވި އެންމެ މާތް އިންސާނާ، މުޙައްމަދު ރަސޫލުﷲ (ޞޢވ) އަށް ވަހީ ކުރައްވަވައި އެންގެވީ ވެސް ހަމައެކަމެވެ. އިތުރު މާތް ނަބިއްޔާ (ޞޢވ) ވެސް އަވަހާރަވެ ދުނިޔެ ދޫކުރައްވަވާނެ ކަމެވެ. ހަމަ އެއާއި ވިދިގެން އަންގަވާފައި ވަނީ ހަމަ ކޮންމެ މީހަކީވެސް، އެންމެންނަކީވެސް މަރުވާނެ ބައެއް ކަމެވެ.
ހަމަ އެންމެ މީހަކު ނަމަވެސް މަރުނުވެ ދުނިޔޭގައި ހުންނާނެ ނަމަ އިތުރު މާތް ނަބިއްޔާ (ޞޢވ) އަވަހާރަނުވެ ދުނިޔޭގައި ހުންނެވީހެވެ. ނަމަވެސް އެ ފުރުޞަތު އިތުރު މާތް ނަބިއްޔާ މުޙައްމަދު (ޞޢވ) އަށް ލިބިވަޑައިގެންފައި ނުވުމުން ޔަޤީންކުރަންވީ އެއީ ހަމަ އެކަކަށްވެސް ލިބޭނެ ފުރުޞަތެއް ނޫނެވެ.
ކަންމިހެން އޮތުމުން ކޮންމެ މީހަކު ވެސް ގަދައަޅައި މަސައްކަތްކުރަންވީ މަރުވާނެ ދުވަހަށް މަރާއި ކުރިމަތިލާންޖެހޭނެ ވަގުތަށް ތައްޔާރުވުމަށެވެ. މަރުވާނެ ވަގުތަށްޓަކައި، އާޚިރަތް ދުވަހަށްޓަކައި ވީހައި ގިނައިން ކޮއްތުދަރާއި ބޯފެން އެއްކުރުމަށެވެ.
ބިރުވެތިވާންވީ ނަރަކައަށެވެ. ދުނިޔޭގައި މިބޭނުން ކުރަނީ ނަރަކައިގެ އަލިފާނަށްވުރެ އެތައް ގުނައެއް ފިނިކުރައްވަވާފައިވާ އަލިފާނެވެ.
އެހެންކަމާއިއެކުވެސް އެ އަލިފާނުން އެންެމެ ކަންޏެއް ގައިގައި ޖެހުނު ނަމަވެސް އަޅާ ވޭން މިދަނީ އިޙްޞާޞްކުރެވެމުންނެވެ. އެހެންކަމަށްވާއިރު ނަރަކައިގައި ތިމާގެ ހަށިގަނޑުގައި އެކުގައި އަލިފާން ހިފައި އެ ހޫނު ގަދަ އަލިފާނުން އަނދަމުންދާއިރު އަޅާނެ ވޭނަށް ބިރުވެތިވާށެވެ.
މާތް ﷲ ވަޙީ ކުރައްވަވާފައިވަނީ "ތިއަބައިމީހުން ކޮންމެ ތަނެއްގައި އުޅުނު ނަމަވެސް ތިމަން ﷲ ތިއަބައިމީހުން އަތުލައްވަވާނެ" ކަމަށެވެ. މާނައަކީ މަރަށް ފިލަން ދެވޭނެ އެއްވެސް ތަނެއް ނުއޮންނާނެ ކަމެވެ. އެކަން ޔަޤީންކޮށްގެން ދުނިޔޭގައި އުޅެން މަސައްކަތްކުރާ މީހާއަށް ނޫނީ އެއްވެސް ސަލާމަތްކަމެއް ނެތެވެ.
- މިއަދުގެ ޢަޞްރު ނަމާދަށްފަހު އައްޝައިޚް މުޙައްމަދު ޝާހިދު ވިޔަފާރިވެރިންގެ މިސްކިތުގައި ދެއްވި ދަރުސުން
ެ.