މިއީ ޢިލްމުވެރިއަކު ދުނިޔެ ސިފަކުރައްވާފައިވާ ގޮތެކެވެ. މާނައަށް ބަލައިފިނަމަ އެހައިމެ ޢިބްރަތްތެރިއެވެ.
ދުނިޔޭގެ ޒީނަތްތެރިކަމަށް ބަލައިފިނަމަ ދަހިވެތިކަން އިންތިހާއަށް އިތުރުވެގެންދެއެވެ. ބޭނުންކޮށްލުމުގެ ޝައުޤުވެރިކަން އިންތިހާއަށް ބޮޑުވެގެންދެއެވެ. ނަމަވެސް މިފަދަ ޒީނަތްތެރިކަންކަން ގުޅިފައިވަނީ މުންކަރާތްތަކާއިއެވެ. މާތް ﷲ ނަހީ ކުރެއްވެވި ކަންތައްތަކާއިއެވެ.
އެއިން ކަމެއްގެ އަސްލަށް ބަލައިފިނަމަ އިންސާނުންނަށް ހަޤީޤީ ފައިދާއެއް ކުރާނެ އެއްވެސް ކަމެއް ނެތެވެ. ކިތަންމެ ރީތިކޮށް ޒީނަތްތެރިކޮށްފައި އޮތް ނަމަވެސް ފޮރުވިފައިވަނީ ހަޑިމުޑުދާރު ޢަމަލުތަކެވެ.
އެފަދަ މުންކަރާތަކަށް އަރައިގަނެވިއްޖެނަމަ އެ އަރައިގަނެވެނީ ފާފައަކަށެވެ. އެކަމުން ލިބޭނީ ގަދަފަދަ އަޒާބެވެ. އާޚިރުގައި ލިބިގެންދާނީ އިންސާނަކަށް އެންމެ ވޭންހުރި ހިތާމަތަކާއި ހިތްދަތިކަމެވެ.