ފަހު ދިހައިގަ ޙައިޟުވެއްޖެނަމަ ލައިލަތުލްޤަދްރް ވިލޭރޭގެ ސަވާބާ ދަރުމަ ހޯދަން ކުރެވެނީ ކޮން ކަންތައްތަކެއް ކަމާއިމެދު ގިނަ ބައަކު ސުވާލުކުރެއެވެ. މިއީ ރޯދަމަހު އެންމެ ގިނައިން ކުރާ އެއް ސުވާލެވެ. މިސުވާލުގެ ޖަވާބު އައްޝައިޚް ޞާލިޙުލް މުނައްޖިދު ދެއްވާފައިވަނީ މިފަދައިންނެވެ.
"މަދު އަޅުކަމެއް ފިޔަވައި އެހެން ހުރިހާ ކަމެއްވެސް ކުރުން ހައިޟުވެރިޔާއަށް ހުއްދަވެގެންވެއެވެ. ޙައިޟުވެރިޔާ ކުރުން މަނާ ކަންތައްތަކަކީ ނަމާދުކުރުމާއި ރޯދަ ހިފުމާއި ޠަވާފްކުރުމާއި އިޢްތިކާފަށް މިސްކިތުގައި އިނުމެވެ."
މާނައަކީ އެހެން ހުރިހާ އަޅުކަމެއްވެސް ކުރެވޭނެއެވެ. ކީރިތި ޤްރްއާނެއް ނުއުފުލޭނެއެވެ. ނަމަވެސް ހިތުން އެނގޭ މިންވަރެއް އަދި ކިޔެވޭނެއެވެ.
ޙައިޟުވެރިޔާއަށް ތަރާވީޙް ނަމާދާއި ދަމު ނަމާދު ނުކުރެވުނު ނަމަވެސް (އަދި ފަރުޟު ނަމާދު ނުކުރެވުނު ނަމަވެސް) ލައިލަތުލްޤަދްރް ވިލޭރޭ ޙާޞިލްކުރުމަށް ކުރެވިދާނެ ކަންތައްތައް އެބަހުއްޓެވެ.
1- ކިރިތި ޤްރްއާނުގައި އަތް ނުލައި ހިތުން އެނގޭ މިންވަރެއް ޤްރްއާން ކިޔެވުން. (ފޯނާއި ކޮންޕިޔުޓަރު ފަދަ ތަކެތި ބަލައިގެން ކިޔެވުން ހުއްދައެވެ.)
2- ޛިކުރުކުރުން. ޛިކުރުކުރުމަކީ ގިނަގުނަވެގެންވާ ސަވާބާއި ދަރުމަ ލިބުމުގެ މަގެކެވެ. އެގޮތުން سبحان الله , والحمد لله , ولا إله إلا الله , والله أكبر , سبحان الله وبحمده , سبحان الله العظيم ފަދަ ޛިކުރު ކުރުން ގިނަކުރާށެވެ. އަދި މިނޫންވެސް ވާރިދުވެގެންވާ އެތައް ޛިކުރުތަކެއްވެއެވެ. އެ ޛިކުރުތައްވެސް ދަސްކޮށްގެން ކިޔަވަން ފަރުވާތެރިވާށެވެ.
3- އިސްތިޣްފާރުކުރުން: އެބަހީ ފާފަ ފުއްސެވުން އެދި ﷲ ގެ ޙަޟްރަތުގައި ދުޢާކުރުމެވެ. އިސްތިޣްފާރު ކުރުމަށް އެތައް ގިނަ ޢިބާރާތްތަކެއް ވާރިދުވެފައިވެއެވެ. އެއިގެ ތެރެއިން އެންމެ ކުރު މިންވަރަކީ استغفر الله އެވެ.
4- ދުޢާކުރުން - ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން އެދިގެން ގިނަގިނައިން ދުޢާކުރުމަކީ ލައިލަތުލްޤަދްރި ވިލޭރޭގައި ކުރެވޭނެ އެންމެ މަތިވެރި އެއް އަޅުކަމެވެ.
ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ އަރިއަހުން ރިވާ ވެގެންވެއެވެ. ދުޢާ ކުރުމަކީ އަޅުކަމެކެވެ.
އިސްވެ ދެންނެވުނު ކަންކަމާއި އަދިވެސް އެހެނިހެން ހެޔޮ އަމަލުތައް ކުރުމުގައި ފަހު ދިހައިގެ އޮނަހިރި ރޭތައް ހޭދަކުރުމަށް ވަޞިއްޔަތް ކުރަމެވެ.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް