"ޢައިޝާ (ރޢ) ރިވާ ކުރެއްވެވިއެވެ. ރަމަޟާން މަހުގެ ފަހު 10 އަތުވެއްޖެނަމަ މާތް ނަބިއްޔާ (ޞޢވ) އެކަލޭގެފާނުގެ ކަމަރުފުޅު ބަންނަވައެވެ. (އެބަހީ އަޅުކަންކުރުމަށްޓަކައި އަބިއަނބިކަނބަލުންނާ އެއްދާން ކުރެއްވުމުން އެއްކިބާވެލައްވަވައެވެ.) އަދި އެ ރޭ ތައް އިޙްޔާ ކުރައްވަވައެވެ. އަދި އަހުލުވެރިން ހޭލައްވަވައެވެ." ޞަޙީޙް ބުޚާރީ/ ޞަޙީޙް މުސްލިމް)
ރޭތައް އިޙްޔާ ކުރުމަކީ ހަމައެކަނި ތަރާވީޙް ނަމާދުކުރުމާއި ދަމު ނަމާދުކުރުމަށް އެ ރޭތައް ޚާއްޞަ ކުރުމެއް ނޫނެވެ. އިޙްޔާ ކުރުމުގެ މާނައިގެތެރޭގައި ހުރިހާ އަޅުކަމެއް ހިމެނެއެވެ. ބައެއް އިލްމުވެރިން ވިދާޅުވެފައިވެއެވެ. "ވައިޙްޔާ ލައިލަ"ގެ މާނައަކީ އަޅުކަން ކުރެއްވުމަށް ހޭފުޅުލައި ހުންނެވުމެވެ. (މިއީ އަލްޙާފިޛް އިބްން ހަޖަރު ރަޙިމަހުﷲ ގެ ބަސްފުޅެވެ.)
އައްނަވަވީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. އެއިގެ މުރާދަކީ އިސްތިޣްފާރު ކުރެއްވެވުމާއި ނަމާދުކުރެއްވެވުމާއި އަދި އެނޫންވެސް ހެޔޮ އަމަލުތައް ކުރެއްވެވުމެވެ. އަދިވެސް ބައެއް ބޭކަލުން ވިދާޅުވެފައިވެއެވެ. އެއީ ނަމާދުކުރެއްވުމާއި ޛިކުރުކުރެއްވުމާއި ކީރިތި ޤްރްއާން ކިޔަވައި ވިދާޅުވުމެވެ.
ލައިލަތުލްޤަދްރް ވިލޭރޭ ކުރެވޭ އެންމެ ހެޔޮ އަމަލަކީ އެރޭގައި ޤިޔާމުއްލައިލް (ރޭއަޅުކަން) ކުރުމެވެ. އެހެނީ އީމާންވެހުރެ ދަރުމަ އާއި ސަވާބު އެދިގެން ލައިލަތުލްޤަދްރް ވިލޭރޭގެ ރޭ އަޅުކަން ކޮށްފި މީހާއަށް އޭނާގެ އިސްވެ ގޮސްފައިވާ ފާފަތަކެއް ފުއްސަވައި ދެއްވަވާނެ ކަމުގައި މާތް ނަބިއްޔާ (ޞޢވ) ވަނީ ޙަދީޘްފުޅު ކުރައްވައިފައެވެ.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ގެ ލިޔުއްވުމަކުން