ﷲ ނޫން އެއްވެސް ފަރާތަކަށް 100 % ކަމެއް ނެތް - އެނޫން ގޮތަކަށް ކުރާ ކޮންމެ ވަކާލާތަކީ ބާޠިލް ވަކާލާތެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 56ސ
ﷲ ނޫން އެއްވެސް ފަރާތަކަށް 100 % ކަމެއް ނެތް - އެނޫން ގޮތަކަށް ކުރާ ކޮންމެ ވަކާލާތަކީ ބާޠިލް ވަކާލާތެއް!
މާތްﷲ ނޫން އެއްވެސް ފަރާތަކަށް އެއްވެސް ކަމެއްގައި 100% ކަމެއް ނެތެވެ. އަދި ނުވެސް ލިބޭނެއެވެ. އިންސާނުންނަށް މާތް ﷲ ދެއްވަވާ އިލްމުގެ ބޭނުންކޮށްގެން ކުރާ މަސައްކަތުން މާތް ﷲ ދެއްވަވާ ޢިލްމުގެ ބޭނުންކޮށްގެން ހޯދާ ކޮންމެ ހޯދުމެއްގައިވެސް އުނިކަންތައްތަކެއް ހުންނާނެއެވެ. އުނިކަންތައްތައް މެދުވެރިވާ ސަބަބުތައްވެސް ހުންނާނެއެވެ.

ޑޮކްޓަރީ ބޭހަށް ބެލިނަމަވެސް މިކަން އޮތީ މިގޮތަށެވެ. ޑޮކްޓަރީ ފަރުވާއަށް ބެލި ނަމަވެސް މިކަން އޮތީ މިގޮތަށެވެ. މިސާލަކަށް ބޭހެއް އުފެއްދުމަށްފަހު ޢާންމުންނަށް ވިއްކަން ފަށަނީ ވަރަށް ގިނަ، އިތުބާރު ހުރި ތަޙްލީލްތަކެއްކޮށް އެ ބޭހެއްގެ ސަބަބުން ޢާންމުންނަށް އެއްވެސް ގެއްލުމެއް ނުލިބޭނެކަން ކަށަވަރުކުރުމަށްފަހުގައެވެ. ނަމަވެސް ހަމަ ދޭތެރެއަކުން ކޮންމެވެސް މީހަކަށް މިއޮންނަނީ ކޮންމެވެސް މައްސަލައެއް ކުރިމަތިވެފައެވެ.

އެންމެ ބަރާބަރަށް ކުރަން ދުނިޔޭގައި މަސައްކަތްކުރާ ކަންކަމުގެ ތެރޭގައި އެވިއޭޝަންގެ ދާއިރާގެ ކަންތައްތައް ހިމެނެއެވެ. އެހެން ކަމާއިއެކުވެސް ދޭތެރެއަކުން އޮންނަނީ ކޮންމެވެސް ކަމެއް ހިނގައިފައެވެ.

ހަމައެފަދައިން ކަނޑުމަތީގެ ހާދިސާތައްވެސް ދަނީ ހިނގަމުންނެވެ. ނިޔަމިކަމާއި ފަލަކީ އިމްމާއި އެހެން ހުރިހާ އިލްމުތަކެއް އެއްކޮށް މަސްހުނިކޮށްފައިވާއިރުވެސްމެއެވެ.

ހަނގުރާމަތަކުގައި އަމާޒަށް ވާސިލުނުވެވޭތަނުގައި އަމިއްލަ ލަޝްކަރަށް ބޮންއެޅި ބައިކޮޅަށް އެބަ ހަމަލާތައް ދެވެއެވެ.

އަދިވެސް ވިސްނައިލަންޖެހޭ ކަމެއް އެބައޮތެވެ. އަމިއްލަ ދުލަކީ ތިމާގެ އަނގައިގައިވާ އެއްޗެކެވެ. ބޭނުން ބަހެއް ބުނުމުގެ އިޚްތިޔާރު ލިބިގެންވެއެވެ. ނަމަވެސް ދޫ އޮޅި މީހާއަށް ކުފުރުގެ ބަސްތައް އެބަ ބުނެވެއެވެ. ތިމާގެ އަމިއްލަ ސިއްރުތައް އެބަބޭޒާރުކުރެވެއެވެ.

މިފަދަ ހުރިހާ ކަންކަމަކުންވެސް އަންގައިދެނީ މާތް ﷲ ނޫން އެއްވެސް ފަރާތަކަށް އެއްވެސް 100% ކަމެއް ނެތްކަމެވެ. 100% ކަން ލިބިވޮޑިގެންވާ ހަމައެކަނި ފަރާތަކީ މާތް ﷲ ކަމާއި އިންސާނުން ކިތަންމެ ވަރަކަށް 100% ކޮށް ކަންކަން ކުރަން އުޅުނު ނަމަވެސް އެކަން ނުކުރެވޭނެކަމެވެ.

ކަން އޮތީ މިހެން ނަމަވެސް މިހާރަކަށް އައިސް މީހުންގެ ފިކުރާއި މުދަލާއި ތިމާ އެދޭ ގޮތް އެހެން މީހުންނަށް ވިއްކަން ކުރާ މަސައްކަތްތަކުގައި 100% މިއީ ވަރަށް ޢާންމު ބަހަކަށް ވެއްޖެއެވެ. އެންމެ ހިތާމަހުރި އެއްކަމަކީ މިފަދަ ކަންކަން ޢާންމުވަމުން އަންނައިރު އެންމެ ކުޑަމިނުން އިން ޝާ ﷲ ވެސް ބޭނުން ނުކުރާ ކަމެވެ!
މިއަދު އޮންލައިން