ދާދިފަހުން، މާލޭގައި ހިނގާފައިވާ ހާދިސާއެއްގައި ހާޓް އެޓޭކެއް ޖެހި ހިތް ހުއްޓުނު ޒުވާނަކު އެތައް އިރެއް ފަހުން ވަނީ އެ މުޞީބާތުން ސަލާމަތްވެފައެވެ. މިހާދިސާ ހިނގާފައިވަނީ މި ރޯދަ މަސް ފެށުމުގެ ކުޑަ ދުވަސްކޮޅެއް ކުރިންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުން އޭނާގެ ހިތުގެ ވިންދުޖަހަން ފެށީ ހުއްޓުނުތާ ގަޑިއެއްހައިއިރު ފަހުންނެވެ.
މާތް ﷲ ވަނީ އޭނާއަށް ދެވަނަ ފަހަރަށް ދިރުން ދެއްވެވުން ފަދަ ނިޢުމަތެއް މިންވަރުފުޅު ކުރައްވަވައިފައެވެ.
މީހަކު މުޞީބާތަކުން ސަލާމަތް ކުރައްވަވައިފިނަމަ، ޚާއްޞަކޮށް މިފަދަ މަތިވެރި ނިއުމަތެއް ދެއްވަވަވައިފިނަމަ އެކަމުން ޢިބްރަތްހާޞިލުކުރަންވާނެއެވެ. އެހެނީ އޭނާއަށް މާތް ﷲ އެދެއްވެވީ ދެވަނަ ފުރުޞަތެކެވެ. ތަޤްވާވެރިވުމަށެވެ. މާތް ﷲ ގެ މަގުގައި ހެޔޮ އަމަލުތައް ކުރުމަށެވެ. ކުރިން ނުކުރެވި ހުރި އަޅުކަންތައް ކުރުމަށެވެ. އަމަލުތައް އިޞްލާޙްކުރުމަށެވެ. މާތް ﷲ ގެ މަގުގައި ކުރިއަށް ދިއުމަށެވެ. މައިންބަފައިންނަށާއި ދެންވެސް ހެޔޮކޮށް ހިތަންޖެހޭ މީހުންނަށް ހެޔޮކޮށް ހިތުމަށެވެ.
ކޮންމެ މުޞީބާތެއްވެސް މާތް ﷲ ކުރިމަތިކުރައްވަވަނީ މަރު މަތިން ހަނދާންކޮށް ދެއްވެވުމަށެވެ. އާޚިރަތް ދުވަހުގެ ބިރުވެރިކަމާއި ކައްވަޅުގެ ބިރުވެރިކަން ހިތްތަކަށް ގެނެސް ތައުބާވެ އިޞްލާޙްވުމަށް ފުރުޞަތު ދެއްވެވުމަށެވެ.
ފުރުޞަތަކީ އެއްވެސް މީހަކަށް އަބަދު ދެއްވަވާނެ އެއްޗެއް ނޫނެވެ. މާތް ﷲ ތިމާއަށް ފުރުޞަތެއް ދެއްވެވުމުން އެކަންކަމަށް ވިސްނައި އަމަލުތައް އިޞްލާޙް ނުކޮށްފިނަމަ އެމީހާ އެވަނީ ގެއްލެނިވެގެންވާ މީހުންގެތެރޭގައެވެ. ގެއްލެނިވެގެންވާ މީހުންގެ ތެރޭގައި މީސްތަކުން ހިމެނިގެންދަނީ އެމީހުން އަމިއްލައަށެވެ. އެމީހުން އަމިއްލައަށް ނިންމާ ކަންތައްތަކެއްގެ ސަބަބުންނެވެ. އަމިއްލަ އިޚްތިޔާރުގައި ކުރާ އަމަލުތަކެއްގެ ސަބަބުންނެވެ.
ލޮބުވެތި މުސްލިމް އަޚުންނޭވެ. މަރު އައިސް ތިމާ އާއި ބައްދަލުކުރާނީ ކޮންވަގުތަކު ކޮންތަނެއްގައި ހުއްޓައިކަން ހަމަ އެކަކަށްވެސް ނުއެނގޭނެއެވެ. ދާދިފަހުން އަޅުގަނޑުމެންނާއި ވަކިވެވަޑައިގެންނެވި ރާއްޖޭގެ މަޝްހޫރު ޢިލްމުވެރިޔާ ޑރ. ޢަބްދުލްމަޖީދު ޢަބްދުދުލްބާރީ (ރަޙިމަހުﷲ) އަވަހާރަވުމަކީވެސް ޢިބްރަތުން ފުރިގެންވާ ކަމެކެވެ.
އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުން ޑރ. ޢަބްދުލްމަޖީދު ޢަބްދުދުލްބާރީ (ރަޙިމަހުﷲ) އަވަހާރަވީ އެމަނިކުފާނުގެ ބައްޕާފުޅު ހަމަ ސްރީލަންކާގައި އަވަހާރަވެ ފަސްދާނު ލެވުނުތާ 12 ވަނަ މަސްތެރޭގައެވެ. ދެބަފައިކަލުންގެ މަހާނަފުޅު އެވަނީ ޖެހިޖެހިގެންނެވެ. މިއީ މިގޮތަށް ހިނގައިފާނެ ކަމެއް ކަމަށް ކާކަށް ޤަބޫލުކުރެވުނު ކަމެއްތޯއެވެ! މިފަދަ ކޮންމެ ކަމަކީވެސް ޢިބްރަތުން ފުރިގެންވާ ކަންކަމެވެ.
ޑރ. ޢަބްދުލްމަޖީދު ޢަބްދުދުލްބާރީ (ރަޙިމަހުﷲ) އަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު އަދި އެންމެ ޚިދުމަތްތެރި ޢިލްމުވެރިންގެ ތެރެއިން ކުރީ ސަފުގައި ހުންނެވި ޢިލްމުވެރިއެކެވެ. ދުޢާއަކީ ޑރ. ޢަބްދުލްމަޖީދު ޢަބްދުދުލްބާރީ (ރަޙިމަހުﷲ) ގެ ފުރާނަފުޅަށް މާތް ﷲ ހެޔޮ ރަހްމަތްފުޅު ލައްވަވައި ސުވަރުގޭގެ ދާއިމީ ނިޢްމަތް މިންވަރުފުޅު ކުރެއްވެވުމެވެ.
- މިއަދުގެ ޢަޞްރު ނަމާދަށްފަހު ވިޔަފާރިވެރިންގެ މިސްކިތުގައި އައްޝައިޚް އިބްރާހީމް ފަރީދު ދެއްވެވި ދަރުސުން