މާތް ﷲ މިންވަރު ކުރައްވަވާފައިވާ އެންމެ މާތް ރޭ ހިމެނިގެންވާ ރަމަޟާން މަހުގެ ފަހުގެ ދިހައިގެ ދުވަސްތައް ފެށިގެން ހިނގަމުން ކުރިއަށްދަނީ އެވެ. މިފަދަ މާތް ދުވަސްތަކާއި ރޭތައް އައިސް އަޅުގަނޑުމެންނާއި ބައްދަލުކުރުމުން ބަލަންވީ އަނބިން ލައްވައި ވީހައި ގިނަ ކާބޯތަކެތި ހެއްދުމަކަށް ނޫނެވެ. ކުރަންވީ ކަމަކީ އެކަނބަލުންނަށްވެސް އަޅުކަން ކުރާނެ ވީހައި ގިނަ ވަގުތު ލިބޭނެ ގޮތްތަށް ހަމަޖައްސައިދިނުމެވެ.
މިދުވަސްތަކުގައި އެކަނބަލުންނަށް އެހައި ބުރަ ނުޖެއްސުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެކެވެ. އެކަނބަލުންނަށްވެސް ހިތްވަރުދީ މަގުފަހިކޮށްދޭންވީ ވީހައި ގިނައިން އަޅުކަން ކުރުމަށެވެ.
ކީއްކުރާ ބައިވެރު ކާތަކެއްޗެއްތޯއެވެ؟ ގިނައިން ކޭ ވަރަކަށް މީހާ ވާނީ ލޮޑެވެ. ގިނައިން ކޭވަރަކަށް އެކަން ވެގެންދާނީ ކުރަންޖެހޭ އަޅުކަމާއި ދުރުކުރުވާ ކަމަށެވެ. މީހާ ކަންނަތް ކުރުވާ ކަމަށެވެ. މިދުވަސްވަރު ބަލަންވީ ވީހައި ގިނަ އަޅުކަންކުރުމަށެވެ. ވީހައި ގިނައިން ކެއުމަކަށް ނޫނެވެ. ސަމާލުކަން ދޭންވީ ވީހައި ގިނައިން މީރުހައި ކާބޯތަކެތި ތައްޔާރުކުރުވުމަކަށް ނޫނެވެ.
ލައިލަތުލްޤަދްރް ގެއްލިގެން ދިއަ ދީގެން ނުވާނެއެވެ. ގަދަ އަޅައި މަސައްކަތްކުރަންވީ ލައިލަތުލްޤަދްރް ލިބިގަތުމަށެވެ. ކަމެއް ކުރެވުނު ކަމަށްވާނީ ލައިލަތުލްޤަދްރް ޙާޞިުކުރެވުމުންނެވެ. ވީމާ ކުރާ ހުރިހާ ކަމެއް ކުރަންވާނީ ލައިލަތުލްޤަދްރް ހާޞިލުކުރުމަށެވެ.
ފާއިތުވެގެން މިދާ ދުވަސްތަކުގައި ޚާއްޞަކޮށް ރޭތަކުގައި ތިބެންވީ މުސައްލަމަތީގައެވެ. ކޮންމެހެން ތެދުވަންޖެހިގެން ނޫނީ ނުތެދުވާށެވެ.
ނަމާދުކުރުމާއި ކީރިތި ޤްރްއާން ކިޔެވުމާއި އަޅުކަން ކުރުމުގައި އަދި ޛިކުރު ކުރުމާއި ދުޢާ ކުރުމުގައި ވަގުތުތައް ހޭދަކުރާށެވެ. ލައިލަތުލްޤަދްރް ޙާޞިލުކުރެވޭނީ އެކަމަށް ގަދައަޅައި މަސައްކަތްކޮށްގެންނެވެ.
- މިއަދުގެ ޢަޞްރުނަމާދަށްފަހު ވިޔަފާރިވެރިންގެ މިސްކިތުގައި އައްޝައިޚް އިބްރާހީމް ފަރީދު ދެއްވި ދަރުސުން