މީސްތަކުންގެ ސަނާ ހޯދަން ހޭދަކުރާ މީހާއަށް ހުރީ ނަރަކަ: ޝައިޚް ނިމާލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 54ސ
މީސްތަކުންގެ ސަނާ ހޯދަން ހޭދަކުރާ މީހާއަށް ހުރީ ނަރަކަ: ޝައިޚް ނިމާލް
ދީލަތިވުމަކީ މީހެއްގެ ކިބައިގައި ހުރުން ކޮންމެހެން ލާޒިމް ސިފައެކެވެ. ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އަށާއި ޞަޙާބީންނަށް ތަނަވަސްކަމެއް ލިބިވަޑައިގެންފި ނަމަ އެ އެއްޗެއް އެއިގެ ޙައްޤުވެރިންނަށް ބައްސަވައިލެއްވެވުމަށްފަހުގައި ނޫނީ އަވަހާރަފުޅުވެސް ނުލައްޕަވައެވެ. އެބޭކަލުންގެ ލޯފުޅުތަކަށް ފިނިކަން ލިބިވަޑައިގަންނަވަނީ ބައްސަވައިލެއްވެވުމުންނެވެ.



އަޅުގަނޑުމެންނަށް ތަނަވަސްކަމެއް ލިބިއްޖެ ނަމަ ބަލަނީ އެއިން ދުނިޔަވީ މަންފާއެއް ކަމަށެވެ. އެއީ އެމީހެއްގެ ދިރިއުޅުން ފުރިހަމަކުރުމަށް ލިބުނު އެއްޗެއް ކަމަށެވެ. މުދަލާއި ދަރިންނަކީ ދުނިޔާގެ ޒީނަތްތެރި ކަމެކެވެ. ޞަހާބީންނަށް ތަނަވަސްކަމެއް ލިބިވަޑައިގެންފިނަމަ ބައްލަވަނީ އެއީ ޖެހިވަޑައިގެންނެވި މުޞީބާތެއް ކަމަށެވެ. އެހެންވެ އެ އެއެއްޗެއް ބައްސަވައިލެއްވުން ދެކެވަޑައިގަންނަވަނީ މުޞީބާތުން ސަލާމާމަތްވެވަޑައިގަތުން ކަމަށެވެ.

އިތުރު މާތް ނަބިއްޔާ (ޞޢވ) އަކީ އަބަދުވެސް ވަރަށް ދީލަތި ބޭކަލެކެވެ. ހަމައެއާއިއެކު ރަމަޟާން މަހު ދީލަތިކަން އިތުރުކުރައްވަވަތެވެ. ރަމަޟާން މަހު އިތުރު މާތް ނަބިއްޔާ (ޞޢވ)ގެ ދީލަތިކަން ޞަޙާބީން ސިފަ ކުރައްވަވާފައިވަނީ ޖެހޭ ވައިރޯޅިއެއް ފަދައިންނެވެ. މާނައަކީ ވައިރޯޅީގެ އަސަރު އެންމެންނަށް ކުރާ ފަދައިން އެކަލޭގެފާނުގެ ދީލަތި ކަމުގެ އަސަރު އެންމެންނަށް ފޯރުކޮށްދެއްވަވައި އެހީތެރިކަން ފޯރުކޮށްދެއްވަވައެވެ.



ތަނަވަސްކަން ލިބުމުން ބައެއް މީހުން މުދާ ހޭދަކުރަނީ ބައެއްގެ ކިބައިން ކަންތައްތަކެއް ޙާޞިލުކުރުމަށެވެ. މީސްތަކުން ލައްވައި އެއީ ދީލަތި މީހެއް ކަމަށް ބުނުވައި ސަނާ ކިޔުއްވުމަށެވެ. ނަމަވެސް އެގޮތަށް ހޭދަކުރާ މުދަލަކުން އޭނާއަށް އާޚިރަތް ދުވަހު ހަމަ އެއްވެސް ފައިދާއެއް ނުކުރާނެއެވެ.

މިއީ ތަނަވަސްކަމުގެ އަހުލުވެރިން ވަރަށް ބޮޑަށް ވިސްނަންޖެހޭނެ ކަމެކެވެ. މުދައު ހޭދަކުރަންޖެހޭނީ ހަމައެކަނި މާތް ﷲ އަށްޓަކައެވެ. އިޚްލާޞްތެރިކަމާއިއެކުގައެވެ.

"އިތުރު މާތް ނަބިއްޔާ ޙަދީޘްފުޅު ކުރައްވަވާފައިވަނީ އެންމެ ފުރަތަމަ ނަރަކައަށް އެއްލައިލެވޭ 3 މީހުނގެ ތެރޭގައި މާތް ﷲ އެމީހަކަށް މުދައު ދެއްވެވި މީހުން ހިމެނޭ ކަމަށެވެ. ޤިޔާމަތް ދުވަހު އެމިހާ މާތް ﷲ ގެ ޙަޟްރަތަށް ގެނެވޭނެއެވެ. އަދި ތިމަން ﷲ ތިބާއަށް މުދަލާއި ތަނަވަސްކަން ދެއްވުމުން އެއިން ކުރި ކަމަކާއިމެދު ސުވާލުކުރައްވަވާނެއެވެ. ޖަވާބުގައި އެނާ ދަންނަވާނީ ހެޔޮ ކަމެއްވާނަމަ އެކަމުގައި މުދައު ހޭދަކުރިން ކަމަށެވެ.

އެހިނދު މާތް ﷲ ވަހީކުރައްވަވާނެއެވެ. ތިބާ ދޮގު ހަދައިފިއެވެ. ތިބާ ދުނިޔޭގައި މުދައު ހޭދަކުރަމުން ގެންދިއައީ ތިބާއަކީ ދިލަތި މީހެއް ކަމުގައި މީސްތަކުން ލައްވައި ބުނުވައި ތިބާއަށް ސަނާ ކިޔުއްވުމަށެވެ. ތިބާއަކީ ފަޤީރުންނަށް ހެޔޮ ފޯރުވާ މީސްތަކުންނަށް އަޅައިލާ ދީލަތި މީހެއް ކަމުގައި ބުނުވުމަށްޓަކައެވެ.

އަދިވެސް ﷲ ތަޢާލާ ވަޙީ ކުރައްވަވާނެތެވެ. އެކަން އެއޮތީ ދުނިޔެމަތީގައި ވެ ނިމިފައެވެ. ތިބާއަށް ލިބެންޖެހޭ ނަޞީބު ދުނިޔެމަތީގައި ލިބުނީއެވެ.

އެހެނީ އެއީ މާތް ﷲ އަށްޓަކައި އޭނާ ކުރިކަމެއް ނަމަ މީސްތަކުންގެ ސަނާ އާއި ހެޔޮ ބަސްތަކަށް އޭނާ ބޭނުމެއް ނުވާނެއެވެ. މީސްތަކުންގެ ފަރާތުން ހެޔޮ ބަސް އައި ނަމަވެސް އަދި ނައި ނަމަވެސް ﷲ ތަޢާލާއަށްޓަކައި އެކަންކުރާ މީހާ ދާނީ ހޭދަކުރަމުންނެވެ. އެންމެފަހުން އޭނާ ނަރަކައަށް އެއްލައިލެވޭނެއެވެ. އެންމެ ފުރަތަމަ ނަރަކައަށް އެއްލައިލެވޭ 3 މީހުންގެ ތެރޭގައި އެމީހާ ހިމެނިގެންދާނެއެވެ.

ދުނިޔޭގައި ބޮޑެތި ދޮގުތައް ހެދުމަށްފަހުގައިވެސް މާތް ﷲ ދެނެވޮޑިގެންވާނެ ކަމަށް ބުނެއެވެ. ނަމަވެސް ޤިޔާމަތް ދުވަހު މާތް ﷲ ގެ ޙަޟްރަތުގައި ދޮގު ހެދުމަށްފަހު ބުނެވޭނީ ކީކޭތޯއެވެ؟

ދޮގުހަދާ ކަމުގައިވަނީނަމަ އޭނާގެ ދޫ ބަންދުކުރެވޭނެއެވެ. އެނާގެ ގުނަވަންތައް ވާހަކަ ދައްކަން ފަށާނެއެވެ.

- މިއަދުގެ ޢަޞްރު ނަމާދަށްފަހު މަސްޖިދު މުޙައްމަދު ތަކުރުފާނުލްއަޢްޒަމްގައި އައްޝައިޚް ނިމާލް މުޙައްމަދު ދެއްވެވި ދަރުސުން

- ޝައިޚް ނިމާލްގެ ދަރުސް (އޯޑިއޯ!)
މިއަދު އޮންލައިން