ވިހެއުމުގެ ވޭނުގައި އޮވެ މިދުނިޔެ ދޫކުރާ އަންހެނަކީ ހިސާބު ބެއްލެވުމެއް ނެތި ސުވަރުގެވަންތަ ވެރިއެއް- މުފްތީ މެންކް
މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއިލް މެންކު، އޭނާގެ ދަރުހެއްގައި ވިދާޅުވެފައިވެއެވެ.
"މާބަނޑު ދުވަސްވަރު ނުވަތަ ވިހެއުމުގެ ވޭން އުފުލަމުންދާ ވަގުތު، މިދުނިޔެއިން ވަކިވެގެންދާ އަންހެނާއަކީ އެއްވެސް ހިސާބު ބެއްލެވުމެއް ނެތި ސުވަރުގެ ވަންނާނެ އަންހެނެކެވެ."
މުފްތީ މެންކު މިފަދައިން ވިދާޅުވެފައިވަނީ، ދަރިއަކު ލިބުމަށްފަހު ދެމަފިރިންނަށް އަންނަ ބަދަލުތަކުގެ ވާހަކަ ދައްކަވަމުންނެވެ. ވިހެއުމަށްފަހު ތިމާގެ އަނބިމީހާގެ ހަށިގަނޑަށް އަންނަ ބަދަލުތަކުގެ ސަބަބުން އަނބިމީހާ މަތިން ފޫހިވެ އެހެން އަންހެނުންނާއި ދިމާލަށް ބެލޭ ފިރިހެނުންގެ ވާހަކަ މުފްތީ ދައްކަވާފައިވެއެވެ.
"ދަރިއަކު ލިބެން އުޅޭ ދުވަސްކޮޅު ދެމަފިރިންގެ މެދުގައިވެސް ވަރަށް އުފާވެރިކަމާއި ލޯބި އާލާވާ މަންޒަރު ފެނެއެވެ. ނަމަވެސް ދަރިއަކު ލިބުމަށްފަހު އަނބިމީހާގެ ހަށިގަނޑަށް އައިސްފައި ހުންނަ އެކި ބަދަލުތަކުގެ ސަބަބުން އަނބިމިހާ ދެކެ ފޫހިވެ، އެހެން އަންހެނުންގެ ރީތިކަމަށް ބަލާ ފިރިހެނުން އުޅޭ ކަމީ ހިތާމަހުރި ކަމެކެވެ.
ބައެއް ފިރިހެނުން އެމީހުންގެ އަނބިންގެ ކުރިމަތީގައި ވެސް މިފަދައިން އެހެން އަންހެނުންނަށް ތަޢުރީފު ކުރެއެވެ. މިފަދައިން ކަންތައް ކުރާއިރު ތިމާގެ އަނބިމީހާ ވާނެ ދެރަ ހަމަ ނުވިސްނެނީ ހެއްޔެވެ؟ އަނބިމީހާގެ ހަށިގަނޑަށް އެއައި ބަދަލުގެ ޒިންމާ ހަމަ ތިބާވެސް އުފުލަން ޖެހޭ ނޫންހެއްޔެވެ؟ އެއީ އެކަނބުލޭގެ ބަލިވެބޭންދީ ވެސް ހަމަ ތިބާ ނޫންހެއްޔެވެ؟
މާބަނޑު އަންހެނެއްގެ އަދި ވިހެއުމުގެ ތަކުލީފު އުފުލަމުންދާ އަންހެނެއްގެ ދަރަޖަ މަތިވެރިވާ މިންވަރު އިނގޭ ހެއްޔެވެ؟ އަންހެނަކު މާބަނޑު ދުވަސްވަރު ނުވަތަ ވިހެއުމުގެ ވޭން އުފުލަމުންދާ ވަގުތު، އެއަންހެން މީހާ މިދުނިޔެއިން ވަކިވެގެން ގޮސްފިނަމަ، އެއަންހެނާއަކީ އެއްވެސް ހިސާބު ބެއްލެވުމަކާއި ނުލާ ސުވަރުގެ ވަންތަ ވެރިއެކެވެ. އޭނާގެ ހުރިހާ ފާފައެއް ވާނީ ފުހެވިގެން ގޮސްފައެވެ.
މާބަނޑު އަންހެނެއްގެ ދަރަޖަ މާތް ﷲ މިފަދައިން މަތިވެރި ކުރައްވާފައިވާއިރު، އެއަނބިންގެ ދަރަޖަ އަހަރެމެން އިންސާނުން އެހާ ދަށްކޮއްލާންވީ ކީއްވެ ހެއްޔެވެ؟"