ނަމާދަށްވުރެ ކަސްރަތަށް ސަމާލުކަންދޭ މީހުންނަށް ނުއެނގޭ ބޮޑު ބައެއް އެބައޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 54ސ
ނަމާދަށްވުރެ ކަސްރަތަށް ސަމާލުކަންދޭ މީހުންނަށް ނުއެނގޭ ބޮޑު ބައެއް އެބައޮތް!
މިފަދަ ރަމަޟާން މަހުގައިވެސް ފަތިހު ކަސްރަތަށް އެދާ ބައެއް މީހުންނަކީ ނަމާދުކޮށްގެން ދާ ބައެއް ނޫންކަން އެފަދަ ބައެއް މީހުންގެ އިއުތިރާފުން އެނގިފައި އެބަހުއްޓެވެ.

ރަމަޟާން މަސް ނޫން އެހެން މަސްތަކުގައިވެސް މިކަން އޮންނަނީ ހަމަ މިފަދަ ގޮތަކަށެވެ. ދެނަމާދު ދޭތެރޭގައާއި ފަތިސް ނަމާދު ވަގުތުގައި އަދި އެނޫންވެސް ވަގުތުތަކުގައި ބަރާބަރަށް ކަސްރަތުކުރާ ބައެއް މީހުންނަކީ ނަމާދުކުރާ ބައެއް ނޫނެވެ.

ނަމާދު ކުރުމަށްވުރެ ކަސްރަތަށް ސަމާލުކަންދޭ މީހުންނަށް ނުއެނގޭ ވަރަށް ބޮޑު ބައެއް އެބައޮތެވެ. ހަމަ އެއްގޮތަކަށްވެސް ނުއެނގޭ ގިނަ ކަންތައްތަކެއްވެސް އެބަހުއްޓެވެ.

އެއީ ބަލިމަޑުކަން މާތް ﷲ ޖައްސަވަނީ އިންސާނާގެ ހަށިގަނޑުގެ ފިޓްކަމަށް ބައްލަވަައިގެންނޫން ކަމެވެ. މީހާގެ، ފަލަ މިނާއި ހިކިމިނަށް ބައްލަވައިގެނެއްވެސް ނޫންކަމެވެ. މާލެ ވަށައި ޖަހައިލެވޭ ބުރުގެ އަދަދަށްވެސް ބައްލަވައިގެން ނޫން ކަމެވެ.

ދިރިއުޅުމަށްޓަކައި "ފިޓް" މީހަކަށްވުމަކީ ހުރިހާ ގޮތަކުން ބެލި ނަމަވެސް ކިތަންމެހައިވެސް މުހިންމު ކަމެކެވެ. ރަނގަޅު ޞިއްހަތެއްގައި ތިބުމަށް މަސައްކަތްކުރަންވެސް އިސްލާމް ދީން ބާރުއަޅައެވެ. އެހެންކަމާއިއެކުވެސް މިފަދަ ހުރިހައި ކަންކަމަށްވުރެ ކުރިން، މާ ވަރުގަދައަށް އަންގަވާފައިވާ އަމުރުފުޅެއް އެބައޮތެވެ. އެއީ ނަމާދުތައް ކުރުމުގެ އަމުރުފުޅެވެ. ވަގުތު ޖެހުމުން އެންެމެ ބޮޑު އިސްކަމެއް ދޭންޖެހޭނީ ނަމާދުކުރުމަށް ކަމަށް އަންގަވާފައި އޮތް އޮތުމެވެ.

ޤިޔާމަތް ދުވަހު އެންމެ ފުރަތަމަ ހިސާބު ބައްލަވާނީ ކުރި ކަސްރަތަކުން ނޫނެވެ. ބަރުދަނުން ލުއިކުރި ކިލޯގެ އަދަދަކުންވެސް ނޫނެވެ. މާލެވަށައި ޖެހި ބުރުތަކުގެ އަދަދަކުންވެސް ނޫނެވެ. ނަމާދުކުރިވަރުންނެވެ! ވީއިރު އިސްކަންދޭންވީ ނަމާދަށް ހެއްޔެވެ؟ ކަސްރަތަށް ހެއްޔެވެ؟

ޞިއްޙަތު ސަލާމަތް ކުރަނީ، މީހާ ފިޓް ކުރުވަނީ އަދި އެއްވެސް ކަމެއް ކޮށްދެނީ ކަސްރަތެއް ނޫނެވެ. ކިތަންމެ ގިނަ ކަސްރަތެއް ކުރި ނަމަވެސް އެކަމުން އެއްވެސް ފައިދާކުރާނީ މާތް ﷲ ހިންމަވައި ދެއްވަވައިފިނަމައެވެ. މިކަންކަން ކަސްރަތު ކުރާ މީހުން ވެސް ޤަބޫލުކުރަން އެބަޖެހެއެވެ.

އެންމެ ކުޑަމިނުން ކުރާ ކަސްރަތުން ލިބެންޖެހޭ ފައިދާ ވެސް ލިބޭނީ މާތް ﷲ ދެއްވެވި ނަމައެވެ. ވީއިރު އިސްކަން ދޭން ޖެހޭނީ ނަމާދަށް ހެއްޔެވެ؟ ކަސްރަތަށް ހެއްޔެވެ؟ ނޫންނަމަ ނަމާދުކުރުމާއިއެކު ކަސްރަތުކުރުމަށް ހެއްޔެވެ؟
މިއަދު އޮންލައިން