ރޯދަ ހިފައިގެން ތިބޭއިރު ކުރަންވާނީ އެކަމަކުން ރޯދައަށް ފައިދާކުރާނެ ކަންކަމެވެ. ފިލްމު ބެލުމާއި ގޭމްކުޅުމާއި އެނޫންވެސް އެފަދަ ކަންކަން ކުރުމަކީ ރޯދައަށް އެއްވެސް ފައިދާއެއް ކުރާނެ ކަންކަމެއް ނޫނެވެ. އެހެންކަމުން އެފަދަ ކަންކަން ކުރުމަކީ ރޯދައިގެ ރޫޙާއި ޚިލާފް ކަންކަމެވެ.
މާތްﷲ ރޯދަ ފަރުޟުކުރައްވަވާފައިވަނީ ހަމައެކަނި ނުކައި ތިބުމަކަށް ނޫނެވެ. ރޯދަ ފަރުޟުކުރައްވަވާފައިވަނީ ވަރަށް މަތިވެރި މަޤްޞަދުތަކެއްގައެވެ. އެގޮތުން އެންެމެ މަތިވެރި މަޤްޞަދަކީ ކީރިތި ޤްރްއާން މަތިވެރިކުރުމެވެ.
ކީރިތި ޤްރްއާން މަތިވެރިކުރުމަކީ ހަމައެކަނި ކީރިތި ޤްރްއާން ކިޔެވުމެއް ނޫނެވެ. ކިރިތި ޤްރްއާނުގެ މާނަ ދަސްކުރުމާއި ތަފްސީރު ކިޔައި މައުލޫމާތު ހޯދުމާއި އަދި ކީރިތި ޤްރްއާނަށް އަމަލުކުރުންވެސް ހިމެނެނީ ކީރިތި ޤްރްއާން މަތިވެރިކުރުމުގެ ތެރޭގައެވެ. ވީމާ ރޯދައަށް ހުންނައިރު ކީރިތި ޤްރްއާނަށް ދޭންޖެހޭ ސަމާލުކަން ދޭންޖެހޭނެއެވެ.
ރޯދައިގެ ސަބަބުން ލިބިގަންނަންޖެހޭ ފިލާވަޅުތަކުގެ ތެރޭގައި ރިވެތި އަޚްލާޤަށް އަމަލުކުރުމާއި އިންސާފުވެރިވުން ހިމެނެއެވެ. ހަމައެއާއިއެކު ހައިހޫނުކަންމަތީގައި ދުވަސްތައް ހެދަކުރަމުން ގެންދާ ނިކަމެތިންގެ ޙާލަތަށް ވިސްނައި އެހީތެރިވުމުގެ ފިލާވަޅު ދަސްކޮށް އަމަލުކުރަން ޖެހޭނެއެވެ.
- މިރޭގެ އިޙްޔާ ޕްރޮގްރާމްގައި ޑރ. މުޙައްމަދު ޤްބާދު އަބޫބަކުރު ދެއްވި ދަރުސުން