މަރުވެ ކުނިވެފައި އޮތް ކުޑަ ބަކަށްޓެއް ބޭނުންވާނެ އެއްވެސް މީހަކު ނުހުންނާނެއެވެ. އެންމެ ލާރިއެއް ދީފައި ގަންނާނެ މީހަކުވެސް ނުހުންނާނެއެވެ. އަދި ހިލޭ މީހަކު ދިން ނަމަވެސް ބޭނުންކުރާނެ މީހަކުވެސް ނުހުންނާނެއެވެ. ލޮބުވެތި މުސްލިމުންނޭވެ. މާތް ﷲ ގެ ކުރިފުޅުމަތީގައި މުޅި ދުނިޔޭގެ އަގު އެފަދަ ބަކަށްޓަކަށްވުރެވެސް މާދަށެވެ. އެކަން ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ވަނީ ބަޔާންކޮށް ދެއްވަވައިފައެވެ.
ނަމަވެސް މިއަދު މީސްތަކުންނަށް ދުނިޔެ މިވަނީ މާ އަގުހުރި އެއްޗަކަށް ވެފައެވެ. މައިން ބަފައިންގެ ޙައްޤުތަކަށް އަރައިގަންނަނީއެވެ.
އަނބިދަރިންގެ ހައްޤުތަކަށް އަޅައިލުމެއް ނެތެވެ. އަޚްވަންތަކަން ކަނޑައި އަނިޔާވެރިވަނީއެވެ. މީސްތަކުންގެ ހައްޤުތަކަށް އަރައިގަތުމާއި ޙައްޤުތައް ފޭރުން ޢާންމުވީއެވެ. އަދި އެންމެ ކުޑަމިނުން ލޯބިވެރިޔާ ނުލިބިގެން އަމިއްލައަށް މަރުވެސް ވަނީއެވެ.
މިހިރަ ފެންނަނީ ހައްތާވެސް މިދުނިޔެ ބޭނުންވެގެން އުޅޭބައަކު މިދުނިިޔެއާއިހުރެ މިއަދު ކުރަމުން ގެންދާ ކަންތައްތަކެވެ. މިފަދަ އަމަލުތައް ކުރާ މީހުން އާޚިރަތާއިމެދު އެއްވެސް ވަރަކަށް ވިސްނައިވެސް ނުލައެވެ. ވިސްނާނަމަ މިވަރަށް ދުނިޔެ ބޭނުންވެގެނެއް ނުއުޅޭނެއެވެ.
ހޯދުނު ގޮތަކަށް ދުނިޔެ ހޯދަމުންދާއިރު އެކަމުގައި އޮތީ ކޮން ހަޤީޤީ ފައިދާއެއް ހެއްޔެވެ؟ ހޯދުނު ގޮތަކަށް ހޯދާ ދުނިޔޭގެ މުއްސަނދިކަމާއި އާރާއި ބާރުން ކުރަނީ ކޮން ފައިދާއެއް ހެއްޔެވެ؟ އާރާއި ބާރާއި މުއްސަނދިކަން ހޯދި އެއްވެސް މީހަކަށް މަރުނުވެ އެތަކެތި މަތީގައި ދުނިޔޭގައި އެބަ ހުރެވޭ ހެއްޔެވެ؟ ދުނިޔެ ދޫކޮށްފައި ދަނީ އެ މުއްސަނދިކަމާއި އާރާއި ބާރުތައް ހިފައިގެން ހެއްޔެވެ؟
ގުނައި އަދަދު ނުކުރެވޭހައި ގިނަ ފައިސާތައް ހޭދަކޮށްގެން ނަމަވެސް ބިލްގޭޓްސްގެ ގެއަށްވުރެ އަގުބޮޑު ކައްވަޅެއް ނިކަން ހަދައިބަލާށެވެ. މަރުވުމާއިއެކު ކައްވަޅުގެ އަޒާބު ނުލިބޭނެ ކައްވަޅެއް ނިކަން ހަދައިބަލާށެވެ. އާޚީރަތް ދުވަހުގެ ސުވާލުތަކުން ސަލާމަތްވެވޭނެ ގޮތެއް ހޯދިދާނެ ހެއްޔެވެ؟
ލޮބުވެތި މުސްލިމް އަޚުންނާއި އުޚުތުންނޭވެ! ބަރުޒަޚުގެ ޢާލަމުގައާއި ސުވަރުގޭގައި ލިބެން ހުރި އަރާމާއި ނިއުމަތްތައް ދުނިޔޭގެ އެންމެ ފުރިހަމަ ހުރިހާ ގަނޑުވަރުތައް އެއްކުރި ނަމަވެސް ނުލިބޭނެއިރު ދުނިޔެއާއިގެން މިވަރަށް މިއުޅެނީ މޮޔަކަން ބޮޑުކަން ނޫން ދެން އެހެން ކޮން ސަބަބެއް އޮވެގެން ހެއްޔެވެ.؟
ބަރުޒަޚުގެ ޢާލަމުގައި އަރާމާއި އުފާ ލިބެން އޮތީވެސް އަދި އާޚިރަތް ދުވަހުން ސުވަރުގެ ލިބޭނީ ވެސް ހަމަ އެމީހަކު ދުނިޔޭގައި ހުރެ ކުރި ހެޔޮ އަމަލުތަކުންނެވެ. ދުނިޔޭގައި ހޯދި ހުރިހާ މުއްސަނދިކަމަކާއި އާރާއި ބާރު ނެތިގެންދާނެއެވެ. އެމީހަކާއިއެކު ދެމިގެންވާނީ އެމީހަކު ކުރި ހެޔޮ އަމަލެކެވެ. މާތް ﷲ ގެ މަގުގައި ކުރި އަމަލެއް އެކަންޏެވެ!
ޢިބްރަތް ހާޞިލުކުރަން ބޭނުން މީހަކަށް މިވަރުންވެސް ފުދި އިތުރުވާނެއެވެ!
- ލަވް އިސްލާމްގެ ދަރުސަކުން -