ލައިލަތުލްޤަދްރް ވިލޭރޭ ކުރަން (اللهم إنك عفوٌ تحب العفو فأعفو عنّا) އަށްވުރެ ރަނގަޅު ދުޢާއެއް ނުފެންނާނެ: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ލައިލަތުލްޤަދްރް ވިލޭރޭ ކުރަން (اللهم إنك عفوٌ تحب العفو فأعفو عنّا) އަށްވުރެ ރަނގަޅު ދުޢާއެއް ނުފެންނާނެ: މުފްތީ މެންކް
ލައިލަތުލްޤަދްރް ވިލޭރޭ ކުރަން (اللهم إنك عفوٌ تحب العفو فأعفو عنّا) އަށްވުރެ ރަނގަޅު ދުޢާއެއް ނުފެންނާނެއެވެ. ސަބަބަކީ އެ ދުޢާއަކީ ލައިލަތުލްޤަދްރް ވިލޭރެއާއި ބައްދަލުވެވަޑައިގެންފިނަމަ ކުރައްވަވަން އެންމެ ރަނގަޅު ދުޢާއެއް ވިދާޅުވެދެއްވުމަށް އެކަމަނާގެ ފިރިކަލުން، ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އަށް ދެންނެވުމުން އިތުރު މާތް ނަބިއްޔާ (ޞޢވ)، އެކަލޭގެފާނުގެ އެންމެ ލޯބިފުޅުވާ އަނބިކަނބަލުންނަށް ދަސްފުޅުކޮށްދެއްވެވި ދުޢާ ކަމަށްވާތީއެވެ.

މިޒަމާނުގެ ބަހުރުވައިން ބުނާނަމަ އެ ދުޢާއަކީ އެމީހަކު އެންމެ ލޯބިވާ މީހާގެ ކައިރިން ކަމަކަށް އެދުމުން އެމީހާ ވެސް އެމީހަކު ދެކެ އެންމެ ލޯބިވާ މީހާއަށް ހިތުގެ އެންމެ އިޚްލާޞްތެރިކަމާއިއެކު ދީފައިވާ އަގުބޮޑު ހަދިޔާއެކެވެ. އަދި ދުޢާ ވެފައިވަނީ މުޅި އިސްލާމީ އުންމަތަށް ލިބިފައިވާ އެންމެ އަގުހުރި އެއް ޖަވާހިރަށެވެ. އެހެންކަމުން އެ ދުޢާއަކީ ރަމަޟާން މަހުގެ ފަހު ދިހައިގައި އެންމެ ގިނައިން ކުރަންވީ ދުޢާއެވެ.



ރަމަޟާން މަހުގެ ފަހު ދިހައަށް އެޅުމުން ލައިލަތުލްޤަދްރްވިލޭރޭ ކިޔާނެ އެންެމެ ފައިދާހުރި ދުޢާ ހޯދަން ގިނަ ބައަކު މަސައްކަތްކުރެއެވެ. އެފަދަ މީހުންނަށް މިޖަވާބުން ފުދޭނެ ކަމަށް އުންމީދުކުރަމެވެ.

ލައިލަތުލްޤަދްރް ވިލޭރެއާއި ބައްދަލުވެއްޖެނަމަ ވީހައި ގިނަ ދުޢާތައް ހަމަ ކުރަންވީއެވެ. އެމީހަކު އެންމެ އެދޭ ކަންކަމަށް އެދި ދުޢާކުރަންވީއެވެ. އެމީހަކަށް ކުރިމަތިވެފައިވާ މުޞީބާތްތަކުން ސަލާމަތްކުރެއްވެވުން އެދި ދުޢާ ކުރަންވީއެވެ. މުޅި މުޖުތަމައު އާއި މުޖުތަމައުގައި ހިމެނޭ އެންމެންނަށްޓަކައި ދުޢާކުރަންވީއެވެ.

ފަޖުރު ލައިފުމަށްދާންދެން ދުޢާކުރުންމަތީގައި ދެމިތިބެންވީއެވެ. ނަމާދުކުރުމާއި ޛިކުރުކުރުމާއި ކީރިތި ޤްރްއާން ކިޔެވުމާއި އެހެންވެސް ހެޔޮ އަމަލުތައް ކުރުމާއިއެކުގައެވެ!

- މުފްތީ މެންކުގެ ދަރުސަކުން -
މިއަދު އޮންލައިން