މިއަދަކީ ރާއްޖެއަށް މިއަހަރުގެ ރަމަޟާން މަހުގެ އެންމެ ފަހު ހުކުރު ދުވަހެވެ. ސަބަބަކީ ރަމަޟާން މަހުގެ 30 ރާއްޖެއަށް ވާނީ އަންނަ ބުރާސްފަތި ދުވަހަށް ކަމަށްވާތީއެވެ. އެހެންކަމުން 30 ރޯދަ ހަމަކުރަން ޖެހިއްޖެނަމަ އަންނަ ހުކުރު ދުވަސް ވާނީ ފިޠުރު ޢީދު ދުވަހަށެވެ.
29 ރޯދަ ހިފާނަމަ ފިޠުރު ޢީދު ވާނީ ބުރާސްފަތި ދުވަހެވެ. ރާއްޖޭގެ ކަލަންޑަރަށް ބަލައިފިނަމަ ނިމިގެން ދިއަ ޝަޢްބާން މަހަކީ 29 މަހެކެވެ. އެހެންކަމުން ވިދިިވިދިގެން 29 ދެ މަސް އަންނާނެ ކަމަކަށް ނުބެލެވެއެވެ.
އިސްލާމީ ހުރިހާ ޤައުމުތަކެއްގައިހެން (ރާއްޖެ ފިޔަވައި) ރޯދަ ހިފަން ފެށީ ރާއްޖެއަށްވުރެ 1 ދުވަސް ފަހުންނެވެ. އެހެންކަމުން އެ ޤައުމުތަކުގައި 30 ރޯދަ ހަމަކުރަންޖެހިއްޖެ ނަމަ އެ ޤައުމުތަކަށް އެންމެ ފަހު ރޯދަ ދުވަހަކަށް ވާނީ އަންނަ ހުކުރު ދުވަހެވެ.