މިރޭގެ އިރު އޮއްސުމާއެކު ލައިލަތުލްޤަދްރް ވިލޭރެއަށް ފެށުނީ ކަމަށް ބަލާނެ މީހުން ވަރަށް ގިނަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 7ސ
މިރޭގެ އިރު އޮއްސުމާއެކު ލައިލަތުލްޤަދްރް ވިލޭރެއަށް ފެށުނީ ކަމަށް ބަލާނެ މީހުން ވަރަށް ގިނަ!
ރާއްޖޭގެ ކަލަންޑަރަށް މިރެއަކީ މިއަހަރުގެ ރަމަޟާން މަހުން 25 ވިލޭރެއެވެ. އެހެން ޤައުމުތަކަށް 25 ވިލޭރޭ ވާނީ މާދަމާ ރެއަށެވެ.

ލައިލަތުލް ޤަދްރް ވިލޭރެއަކީ ކޮން ރެއެއްކަން ކަނޑާއެޅިގެން ބަޔާންވެ އެނގެން ނެތް ނަމަވެސް އެއީ ފަހު ދިހައިގެ އޮނަހިރި ރޭތަކުގެ ތެރެއިން ރެއެއް ކަމަށް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ވަނީ ބަޔާންކުރައްވަވައިފައެވެ.

ގިނަ ދީނީ އިލްމުވެރިން ވިދާޅުވެފައިވާ ބަސްފުޅުތަކަށް ބަލާއިރު ލައިލަތުލްޤަދްރް ވިލޭރޭ ޙާޞިލުކުރުމަށް އޮތީ މުޅި ފަހުދިހައިގައި ގަދައަޅައި މަސައްކަތްކުރުމެވެ. އެހެނީ ކަލަންޑަރު ބުނާ ދުވަސް ނޫން ދުވަހަކަށް ތާރީޚް ބަދަލުވެދާނެ ކަމަށްޓަކައެވެ.

އެއިގެ އިތުރުން އެންމެ ގިނަ ޢިލްމުވެރިން ވިދާޅުވެފައިވަނީ 25 ވިލޭރެއާއި 27 ވިލޭރޭ ގަދައަޅައި މަސައްކަތްކުރުމަށެވެ. މިބަސްފުޅަށް ބަލައިފިނަމަ 24 ވިލޭރެއިން ފެށިގެން ގަދައަޅައި މަސައްކަތްކުރަންޖެހެއެވެ. 25 ވިލޭރޭ ކަށަވަރުކުރުމުގައިވެސް ޝައްކުތައް ހުރުމުންނެވެ.

ލައިލަތުލްޤަދްރް ވިލޭރެއަކީ 27 ވިލޭރޭ ކަމަށް ކަޑައަޅައިގެން އުޅޭ ބައަކު ވެސް އެބައުޅެއެވެ. އެގޮތަށް ޤަބޫލުފުޅުކުރެއްވެވޭ ކަމަށް ބައެއް ޢިލްމްވެރިން ވިދާޅުވާތީ އާއިވެސް އެކުގައެވެ. ނަމަވެސް އެއީ ހަމަ އެބޭފުޅުންގެ އަމިއްލަ ވިސްނުންފުޅުން ކުރިއަށް ނެރުއްވާ ގޮތެކެވެ.

މި ވިސްނުމުގައި މަސައްކަތްކުރާ މީހާއަށް އޮތީ 25 ވިލޭރެއިން ފެށިގެން މަސައްކަތްކުރުމެވެ. އެހެނީ އެއިރުން އެރެއަކީ ،25 ނުވަތަ 27 ކަމަށްވީނަމަވެސް އެއްވެސް ގެއްލުމެއް ނެތެވެ. ލައިލަތުލްޤަދްރް ވިލޭރެއަކީ އެ ދެރެއިންކުރެ ރެއެއް ކަމުގައި ވާނަމަ އެރެއާއި ބައްދަލުކުރެވޭނެއެވެ.

ރާއްޖެއަށް މިރޭ 25 ނަމަވެސް އެހެން ޤައުމުތަކަށް މިރޭ ވާނީ 24 އެވެ. އެއިގެ މާނައަކީ އެ ޤައުމުތަކަށް 25 ވިލޭރެއަކީ މާދަމާ ރެއެވެ. ހަމަ އެފަދައިން 27 ވިލޭރޭ ވެސް އެހެން ޤައުމުތަކާއި ރާއްޖެއާއި މިފަހަރު ތަފާތުވާނެއެވެ. އެހެން ޤައުމުތަކަށް 27 ވާނީ ރާއްޖެއަށް 28 ވިލޭރޭ އެވެ.

އެހެންކަމުން ލައިލަތުލްޤަދްރްވިލޭރެއަކީ 25 ނުވަތަ 27 ވިލޭރޭ ކަމަށް ޤަބޫލުކޮށްގެން އެރޭގެ ބަރަކާތް ޙާޞިލުކުރަން މަސައްކަތްކުރާ މީހުންނަށް އޮތީ މިރެއިން ފެށިގެން 28 ވިލޭރެއާއި ހަމައަށް ގަދައަޅައި މަސައްކަތްކުރުމެވެ.

ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ ޙަދީޘްފުޅުތަކުގެ ކުރިއަށް ފޯލިޖެހުން ނެރޭ، އަދި ޖަހާ ފޯލި 100 އިންސައްތަ ދިމާކުރާ ކަމަށްބުނާ ފަލަކީ އިލްމުވެރިންނަށް ވެސް ލައިލަތުލްޤަދްރް ވިލޭރޭ ނުހޯދޭކަން އެއީ ވެސް އެފަދަ ހިސާބުތަކަކީ ހަދީޘްފުޅުތަކުގެ ކުރިއަށް ނެރެވޭނެ އެއްޗެއް ނޫންކަން ސާބިތުކޮށްދޭ ކަމެކެވެ. އެކަމުންވެސް އަންގައިދެނީ ޢިލްމީ ގޮތުން ކިތަންމެ ވަރަކަށް އިންސާނުން ކުރިއަރައި ދިއަ ނަމަވެސް އިންސާނުންނަށް އެނގޭނީ ހަމަ މާތް ﷲ އަންގަވައި ދެއްވެވި އެއްޗެއް ކަމެވެ. 100 އިންސައްތަ ޚާއްޞަވެގެންވަނީ ހަމައެކަނި ﷲ ސުބްހާނަހޫ ވަތަޢާލާއަށް ކަމެވެ.
މިއަދު އޮންލައިން